Roadha Mihaaru
ނަރުސް ކޯހުގެ ފައިސާ އިންސްޓަގްރާމް ވީޑިއޯއަކުން

އިންސްޓަގްރާމުގައި އެހީ އަށް އެދުމާ އެކު ކޯހުގެ ހަރަދު ކަށަވަރުވެއްޖެ

10 އެޕްރީލް 2021

ނަރުސްކަން ކިޔަވާ އަންހެނަކު ކޯހަކަށް ހަރަދުކުރަން ޖެހޭ ފައިސާ ނުދެއްކި ފުރުސަތު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ހާމަކޮށް އެހީ އަށް އެދި އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެން ގިނަ ބައެއްގެ ފަރާތުން އެހީ ލިބެން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަރުސްކަން ކިޔަވާ އަންހެނަކު ކޯހަކަށް ހަރަދުކުރަން ޖެހޭ ފައިސާ ނުދެއްކި ފުރުސަތު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ހާމަކޮށް އެހީ އަށް އެދި އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެން ގިނަ ބައެއްގެ ފަރާތުން އެހީ ލިބެން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ނޮޓިންހަމްގައި ދިރިއުޅޭ ނާނަ އައިޝާ އިޒާކް، 22، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކިޔަވަނީ ލިސެސްޓާގެ ޑި މޮންޓްފޯތު ޔުނިވަސިޓީގެ ތިން އަހަރުގެ ނަރުސް ޑިގްރީ ކޯހެކެވެ. އެކަމަކު އޭނާ އަށް އެތަނުގެ ސްޓޫޑަންޓް ފައިނޭންސަށް އެދިގެން އޭގެ ދަށުން ފައިސާ ލިބޭ ގޮތެއް ނުވި އެވެ. އަދި ބުނެފައި ވަނީ އެކަން ހަމަޖެހޭނީ ކޯހުގެ ތިން ވަނަ އަހަރުގެ ތެރޭގައި ކަމަށާއި ފުރަތަމަ ދެ އަހަރުގެ ފައިސާ ހަމަނުޖެހޭ ނަމަ ކޯސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ގެއްލިދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެބަރުގައި ފެށި ކޯހަށް ނާނަ އެންމެ ފުރަތަމަ ފަންޑު ހޯދަން ގޯފަންޑްމީ ޕޭޖްގައި މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަމަކު އެކަމަށް މާ ބޮޑު ތަރުހީބެއް ނުލިބުން އޭނާ އިންސްޓަގްރާމްގައި އެހީ އަށް ބޭނުންވާ ވާހަކަ ހިއްސާކުރީ މިދިޔަ މަހުގެ އެއް ދުވަހު އެވެ. އަދި އެ ވާހަކަ ދެއްކީ ކަރުނުން ފޯވެ އިނދެ އެވެ.

އެއާ އެކު ވަރަށް ގިނަ ބަޔަކު މިހާރު ގޯފަންޑްމީ ޕޭޖް މެދުވެރިކޮށް އެހީ ދެމުން އަންނަ ލިބުނު އެހީގެ އަދަދު 40،000 ޕައުންޑް (54,801 ޑޮލަރު) އަށް ވުރެ ގިނަ އެވެ. އެހީ ދިން މީހުންގެ ތެރޭގައި މަޝްހޫރު އިނގިރޭސި މޮޑެލް ކާރާ ޑެވިލިން ވެސް ހިމެނެ އެވެ. އޭނާ 2،000 ޕައުންޑް ހަދިޔާކޮށް، ވީހާ ވެސް ގިނަ ބަޔަކު އެހީވާން ވެސް އެދިފައިވެ އެވެ.

ގާނާ އަށް އުފަން އެކަމަކު އުމުރުން 10 އަހަރުން ފެށިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ނާނަ ބުނިގޮތުގައި އޭނާ ކިޔަވަން އެއްކުރަން ބޭނުންވީ 38،750 ޕައުންޑެވެ. އެއީ ކޯހުގެ ފީ އާއި އެކޮމޮޑޭޝަނާއި ދަތުރުފަތުރު ވެސް ހިމެނޭ ގޮތަށެވެ.

ނާނަ ބުނީ އިންސްޓަގްރާމް އެހީ އަށް އެދެން ޖެހުނީ އެ ނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. އޭނާ ބުނީ ތިން އަހަރުގެ ކޯހުގެ ފީ ނުދެއްކޭނެ ނަމަ އޭނާ އަށް ކޯސް ގެއްލުމުގެ ފުރުސަތު ވެސް އޮތުމުން އެކަމާ ހިތްދަތިވެގެން އާންމުންގެ އެހީ އަށް އެދެން ޖެހުނީ ކަމަށެވެ.

އެހެންވެ ކޯސް ފުރިހަމަކޮށް ނަރުހަކަށްވާން ދެކޭ ހުވަފަން ހަގިތަކަށް ހަދައިދޭން އެހީވެދިމަށް ވީޑިއޯގައި އެދިފައުވެ އެވެ.

"އަހަރެންގެ ޝަކުވާތައް އަޑު އަހައި އެހީ ދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އާންމުން ތި ދިން އެހިގެ ސަބަބުން އަހަރެންގެ ހަޔާތަށް ބޮޑު ބަދަލެއް އަންނާނެ،" ނާނަ ބުންޏެވެ. "އަހަރެން ކަހަލަ އެތައް ޒުވާނުންނަށް މާލީ ތާށިކަމާ ހުރެ ކިޔެވުން ކުރިއަށް ނުގެންދެވި އިނގިރޭސިވިލާތުގައި އެބަތިބި."