Roadha Mihaaru
އިންސްޓަ އެކައުންޓް ޑިލީޓް ކުރުމުން ޕޮލިހަށް

އިންސްޓަގްރާމް އެކައުންޓް ޑިލީޓްކުރި މައްސަލަ އެމެރިކާގެ އަންހެނަކު ފުލުހުންނަށް ރިޕޯޓްކޮށްފި

14 އެޕްރީލް 2019

އެއްލައްކަ އަށް ވުރެ ގިނަ ފޮލޯވަރުން ތިބި އިންސްޓަގްރާމް އެކައުންޓެއް ކުއްލި ގޮތަކަށް ޑިލީޓްކޮށްލި މައްސަލައެއް އެމެރިކާގެ އަންހެނަކު ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްލައްކަ އަށް ވުރެ ގިނަ ފޮލޯވަރުން ތިބި އިންސްޓަގްރާމް އެކައުންޓެއް ކުއްލި ގޮތަކަށް ޑިލީޓްކޮށްލި މައްސަލައެއް އެމެރިކާގެ އަންހެނަކު ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފްލޮރިޑާގެ ޓަމްޕާގައި ދިރިއުޅޭ 21 އަހަރުގެ ޖެސީ ޓޭލާ ބުނި ގޮތުގައި އިންސްޓަގްރާމް އެކައުންޓް ޑިލީޓްކޮށްލުމަކީ އޭނާ "މަރާލުން" ކަހަލަ ކަމެކެވެ. މިކަމާ ދެރަވެގެން ރޮމުން ނަގާފައިވާ ވީޑިއޯއެއް ވެސް "ސްޓޮޕް ރިޕޯޓިން މައި އިންސްޓަގްރާމް އެކައުންޓް" ގެ ނަމުގައި ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވެ އެވެ. އަދި އެ ވީޑިއޯ ވައިރަލްވެފައިވެ އެވެ.

ޖެސީ ބުނި ގޮތުގައި "އިންސްޓަގްރާމް ފޮލޯވަރުންނާ ނުލައި އޭނާއަކީ އެއްވެސް މީހެއް ނޫނެ" ވެ. އަދި އޭނާ އެހާ ލޯބިން އެހާ ހަރަކާތްތެރިކޮށް ގެންގުޅުނު އެކައުންޓް ޑިލީޓްކޮށްލުމަކީ "ދިރިއުޅުން ހަލާކުކޮށްލުން ކަހަލަ ކަމެއް" ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

"މިއީ ހަމަ އަހަރެން މަރާލުން ކަހަލަ ކަމެއް. ފުލުހުންނަށް އަހަރެން މައްސަލަ ރިޕޯޓް ވެސް ކުރީ އަހަރެން މަރާލީ ކަމަށް ބުނެ. އެކަމަކު ފުލުހުން ބުނެފައި ވަނީ އިންސްޓަ އެކައުންޓް ޑިލީޓްކޮށްލުމަކީ މަރާލުން ކަމަށް ނުބެލެވޭނެ ކަމަށް،" އޭނާ ބުންޏެވެ. "އެކަމަކު މިކަމުގެ ސަބަބުން އަހަންނަށް ކުރި އިހުސާސްތަކަކީ މަރުވުން ކަހަލަ އިހުސާސެއް."

ޖެސީ ބުނި ގޮތުގައި އޭނާގެ އިންސްޓަ އެކައުންޓަކީ އާމްދަނީ ހޯދަން ވެސް ބޭނުން ކުރާ އެއްޗެކެވެ. އެގޮތުން އޭނާގެ ޕޯސްޓްތައް "ވިއްކައިގެން" މިހާތަނަށް ވަނީ 5،000 ޑޮލަރު ވެސް ހޯދައިފަ އެވެ.

އިންސްޓަގްރާމުން މިހާރު ވަނީ ޖެސީގެ އެކައުންޓް އިޔާދަކޮށް ދީފަ އެވެ. އަދި އެކައުންޓް ޑިލީޓް ކުރެވުނީ ދިމާވި ޓެކްނިކަލް ކަމެއްގެ ސަބަބުން ކަމަށް ބުންޏެވެ.

ކުރީގެ އެކައުންޓް ޑިލީޓްކޮށްލުމުން ޖެސީ ފަހުން ވަނީ ދުހިޓްޖެސީގެ ނަމުގައި އާ އެކައުންޓެއް ވެސް ހުޅުވައިފަ އެވެ. އޭގެ ފޮލޯވަރުންގެ އަދަދު މިހާރު 17،000 އަށް ވުރެ ގިނަ އެވެ.

ވަރަށް ގިނަ ބަޔަކު ވަނީ ޖެސީއަކީ އިންސްޓަގްރާމަށް މޮޔަވެފައި ހުރި މީހެއް ކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔައިފަ އެވެ. އަދި އޭނާ އެކައުންޓް ބޭނުން ކުރަނީ "ހަށިވިއްކަން" ކަމަށް ތުހުމަތުކޮށް، އެކައުންޓް ޑިލީޓްވުމަކީ ހަމަ ރަނގަޅަކަށްވީ ކަމެއް ކަމަށް ބުނެފައިވެ އެވެ.