Roadha Mihaaru
މަގުމަތިން ފޮށޭ މީހުންނާ އެކީ ސެލްފީ ނަގާ ޒުވާނާ

މަގުމަތިން ފޮށޭ މީހުންނާ އެކީ ސެލްފީ ނަގާ ޒުވާނާ

06 އޮކްޓޯބަރ 2017

މަގުމަތިން ދާއިރު ފޮށޭ މީހުންގެ ދުއްތުރާ ނުޖެހޭ އަންހެނެއް މަދުވާނެ އެވެ. ޚާއްސަކޮށް ފުރާވަރުގައި ނުވަތަ ޒުވާން އުމުރުގައި ގިނަ އަންހެނުންނަށް ފިރިހެނުންގެ ފަރާތުން މި ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ. އެކަމަކު ކިތަންމެ ގިނަ ފަހަރު މިކަން ތަޖުރިބާކުރަން ޖެހުނަސް، އެފަދަ ހާލަތެއްގައި ހަދާނެ ގޮތެއް ބައެއް މީހުންނަށް އޮންނަނީ ނޭނގިފަ އެވެ. ފޮށޭ މީހާ އަށް ރައްދު ދޭނީ ހެއްޔެވެ؟ ނުވަތަ އަޅާނުލާ ދާނީ ހެއްޔެވެ؟

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މަގުމަތިން ދާއިރު ފޮށޭ މީހުންގެ ދުއްތުރާ ނުޖެހޭ އަންހެނެއް މަދުވާނެ އެވެ. ޚާއްސަކޮށް ފުރާވަރުގައި ނުވަތަ ޒުވާން އުމުރުގައި ގިނަ އަންހެނުންނަށް ފިރިހެނުންގެ ފަރާތުން މި ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ. އެކަމަކު ކިތަންމެ ގިނަ ފަހަރު މިކަން ތަޖުރިބާކުރަން ޖެހުނަސް، އެފަދަ ހާލަތެއްގައި ހަދާނެ ގޮތެއް ބައެއް މީހުންނަށް އޮންނަނީ ނޭނގިފަ އެވެ. ފޮށޭ މީހާ އަށް ރައްދު ދޭނީ ހެއްޔެވެ؟ ނުވަތަ އަޅާނުލާ ދާނީ ހެއްޔެވެ؟

ނެދަލެންޑްސްގެ އެމްސްޓަޑަމްގައި ދިރިއުޅޭ ދަރިވަރަކު ވަނީ މޮޅެއް ގޮތެއް ހޯދައިފަ އެވެ. އެއީ ވަރުގަދަ މެސެޖެއް ވެސް ފޯރުކޮށްދޭ ކަމެކެވެ.

ވިހި އަހަރުގެ ނޯއާ ޔަންސްމާ ހަދާ ގޮތަކީ އޭނާއާ ފޮށޭ މީހުންނާ އެކީ ސެލްފީ ނަގަނީ އެވެ. އޭނާ އެ ފޮޓޯތައް ނަގަނީ ފޮށޭ މީހުންނަށް ނޭނގޭ ގޮތަށް ވަގަކަށް ވެސް ނޫނެވެ. އެ މީހުން ގާތު އަހައި ހުއްދަ ހޯދައިގެންނެވެ. ސެލްފީތަކުގައި އެ މީހުން ތިބެނީ ވެސް ވަރަށް ހަމަޖެހިލައިގެން، އާދައިގެ ގޮތަކަށެވެ. ހެވިފަ އެވެ. އެ މީހުންނަށް ވާނުވާ ނޭނގޭކަން އެ މަންޒަރުތަކުން ދޭހަވެ އެވެ.

#dearcatcallers "hmmmm you wanna kiss?"

A post shared by dearcatcallers (@dearcatcallers) on

ސެލްފީތަކުން އެއް ތީމެއް ފާހަގަކުރެވެ އެވެ. ހުރިހާ ފޮޓޯއެއްގައި ނޯއާ މޫނުމަތިން މާ ބޮޑު ޖަޒުބާތެއް ނުދައްކައި ހިމޭންވެގެން ހުންނަ އިރު، އޭނާއާ ފޮށުނު ފިރިހެނުން ތިބެނީ ހިތަށް އެއްވެސް އެއްޗެއް ނާރާ ފަދަ ގޮތަކަށެވެ. މީހަކަށް ފުރައްސާރައެއް ކުރެވުނު ކަމެއް އެ މީހުންނަށް އެނގޭ ހެނެއް ވެސް ހިއެއް ނުވެ އެވެ.

ކޮންމެ ސެލްފީއަކާ އެކު ނޯއާ ވަނީ އެ މީހަކު އޭނާއާ ދިމާއަށް ގޮވި އެއްޗެހި ލިޔެ، އެ ހާދިސާއެއްގެ ތަފްސީލް ކިޔައިދީފަ އެވެ.

#dearcatcallers "Babyyyyyyyy! THANKYOU" *blowkiss* (slide ➡️)

A post shared by dearcatcallers (@dearcatcallers) on

އެއް މަސް ދުވަހުގެ ޕްރޮޖެކްޓެއްގެ ގޮތުގައި ނޯއާ ނެގި ފޮޓޯތައް ޝެއާކުރަން އޭނާ ވަނީ "ޑިއާ ކެޓްކޯލާސް"ގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހަދައިފަ އެވެ. އެ އެކައުންޓަށް އެއް މަސް ދުވަސް ތެރޭ 45،000 ފޮލޯވަރުން ވަނީ ލިބިފަ އެވެ.

އޮގަސްޓް މަހުގެ ފަހުކޮޅު ނޯއާ ލިޔެފައިވާ ގޮތުގައި އޭނާގެ ބޭނުމަކީ އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް އަންހެނުން ތަހައްމަލްކުރަން ޖެހޭ ނޭދެވޭ ކަންކަމަށް މީހުން ހޭލުންތެރިކުރުމެވެ.

މަގުމަތިން ދާއިރު ފޮށުމަކީ ތައުރީފްކުރުން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ފޮށޭ މީހުންނާ އެކީ ސެލްފީ ނެގުމުގެ ޚިޔާލު ހަގީގަތަކަށް ހަދަން ނޯއާ ނިންމީ ރޭލެއްގެ ތެރޭގައި ދެ ފިރިހެނަކު އޭނާ އަށް ފުރައްސާރަކުރި ފަހުންނެވެ.

ނޯއާ ބުނީ ސެލްފީތައް ނެގި އެއް މަސް ދުވަހުގެ ތެރޭގައި، އެކަމާ ބެހޭގޮތުން ސުވާލެއް ކޮށްލީ އެންމެ މީހެއް ކަމަށެވެ.

"އެ މީހުންނަކަށް ޝައްކެއް ވެސް ނުކުރެވޭ. ސަބަބަކީ އެ މީހުންނަށް މި ކަމަކީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެއް،" އެމްސްޓަޑަމްގެ ނޫހެއް ކަމަށްވާ ހެޓް ޕަރޫލް އަށް ނޯއާ ކިޔައިދިނެވެ.

#dearcatcallers

A post shared by dearcatcallers (@dearcatcallers) on

އިންސްޓަގްރާމްގައި ނޯއާ ހިއްސާކުރި ކަންކަމުގެ އިތުރުން ވެސް ފޮށުމުގެ ހާދިސާތައް އޭނާ އަށް ކުރިމަތިވި އެވެ. ރައްކާތެރި ނޫން ކަމުގެ އިހުސާސްކުރެވިގެން ނުވަތަ ފޮށުނު މީހުން މާ އަވަހަށް ދުރަށް ދިޔުމުން އެ މީހުންނާ އެކީ ސެލްފީ ނުނެގުނީ އެވެ.

އެއް މަސް ދުވަހުގެ ޕްރޮޖެކްޓް ނިންމާލުމަށް ފަހު ނޯއާ މިހާރު ބޭނުންވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު އެހެން ގައުމުތަކުގެ ޒުވާން އަންހެނުންނަށް ދޭށެވެ.

އެމްސްޓަޑަމްގައި މަގުމަތިން ފޮށުމަކީ އަދަބު ލިބޭ ކަމަކަށް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ވެގެންދާނެ އެވެ. އެފަދަ ފުރައްސާރަތައް ކުރާ މީހުން 190 ޕައުންޑުން (3،4000 ރުފިޔާ) އިން ޖޫރިމަނާކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެކަން ތަންފީޒުކުރަން އުނދަގޫވާނެ ކަމަށް ދެކޭ ނޯއާ ގަބޫލުކުރަނީ އެއީ "ރަމްޒީ" ގާނޫނަކަށް ވުމަކީ "ރަނގަޅު ކަމެއް" ކަމަށެވެ.

- އިންޑިޕެންޑެންޓް