28 ނޮވެމްބަރ 2018
ޕީރިއަޑް ވުމުން އަންހެނުން ބޭނުންކުރަން ޖެހޭ ޒަރޫރީ ބާވަތްތަކުގެ ޓެކްސް އުވާލުމަކީ އިސްކަން ދޭ ކަމަކަށް ވެ، ރައްޔިތުންގެ މަޖިލީހަށް ބިލަށް ހުށަހެޅުމުން ސަރުކާރަށް ޝުކުރިއްޔާ އެވެ! އެކަމަކު އެ ކަމުގެ ތައުރީފު ހައްގު ވަނީ "މައްސަރު ޓެކްސް" ނެގުމާ ދެކޮޅަށް ޝަފާ ރަމީޒާއި އޭނާގެ ދައްތަ އަފާ ރަމީޒު އަހަރުތަކެއް ވަންދެން ހިންގި ކެމްޕެއިނަށެވެ.
ޕީރިއަޑް ވުމުން އަންހެނުން ބޭނުންކުރަން ޖެހޭ ޒަރޫރީ ބާވަތްތަކުގެ ޓެކްސް އުވާލުމަކީ އިސްކަން ދޭ ކަމަކަށް ވެ، ރައްޔިތުންގެ މަޖިލީހަށް ބިލަށް ހުށަހެޅުމުން ސަރުކާރަށް ޝުކުރިއްޔާ އެވެ! އެކަމަކު އެ ކަމުގެ ތައުރީފު ހައްގު ވަނީ "މައްސަރު ޓެކްސް" ނެގުމާ ދެކޮޅަށް ޝަފާ ރަމީޒާއި އޭނާގެ ދައްތަ އަފާ ރަމީޒު އަހަރުތަކެއް ވަންދެން ހިންގި ކެމްޕެއިނަށެވެ.
@ShafaRameez @Afarameez you both should be future MPs. ??? Well done with #MassaruTax campaign. https://t.co/cDikUETdSJ
— Visham?❓ (@vichalhey) November 26, 2018
"ކިތަންމެ ކުޑަޔަސް، ކިތަންމެ ބޮޑަސް، މިއީ ދައްކަން ޖެހިގެންވާނެ ޓެކްސްއެއް ނޫން. އެއް ލާރި ވިޔަސް، އެއީ ދޭން ޖެހޭ އެއްޗެއް ނޫން."
ޕެޑާއި ޓެމްޕޮން އިން ހަ ޕަސެންޓް ޖީއެސްޓީ ނެގުން ހުއްޓާލުމަކީ ރިޔާސީ ވައުދަކަށް ވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އެކަމާ މެދު ފިޔަވަޅު އަޅަން ނިންމައި، ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްބާރީ އަބްދުﷲ އާދީއްތަދުވަހު މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަކީ ޝަފާ އާއި އަފާ ސޯޝަލް މީޑިއާގަ އާއި އެހެނިހެން ގޮތްގޮތުން ވެސް އެކަމަށް ވަކާލާތުކޮށް މީހުން ހޭލުންތެރިކުރުމުގެ ނަތީޖާ އެވެ. ޒުވާން ދެބެއިން ބުނަމުން އައީ ގުދުރަތީ ގޮތުން ބަޔަކަށް ކުރިމަތިވާ ކަމަކުން ޓެކްސް ނަގައިގެން ނުވާނެ ކަމަށެވެ. އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީއެކޭ އެއްގޮތަށް ޕެޑަކީ ވެސް އަސާސީ އެއްޗަކަށް ވާތީ ޓެކްސް ނުނަގާ ބާވަތްތަކުގެ ލިސްޓަށް ޕެޑު ވެސް އަރަން ޖެހޭނެ ކަމަށެވެ.
ނިމިގެން ދިޔަ ޕީޕީއެމްގެ ވެރިކަމުގައި އެކަމަށް އެއްވެސް އަލިމަގެއް ނުލިބި ހުއްޓާ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނިގެން ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން އިއްޔެ މަޖިލީހުގައި ވަނީ އިއްވައިފަ އެވެ. މިކަން ހަގީގަތަކަށް ވެދާނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތިފައި ތިބި ޝަފާ އަށާއި އޭނާގެ ދައްތަ އަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ.
"ކުރީ ސަރުކާރުގެ ބައެއް މީހުން ވަރަށް ހުވަފެން ދެއްކި. އެކަމަކު ކަމެއް ނުވި،" ސްރީ ލަންކާގައި މެޑިސިން ކިޔަވަމުން އަންނަ ޝަފާ، 23، ބުންޏެވެ.
"އެހެންވީމާ ވެރިކަން ބަދަލުވިޔަސް، ދިވެހި ސަރުކާރަށް އޮންނަ އިތުބާރު ކުޑަކޮށް ގެއްލިފައި ހުރީ."
Quite honestly today’s technically the 7th day and I wasn’t sure this would get started, and I’m honestly so happy right now. My sincere thanks to MP Abdul Baaree Abdullah from Kurendhoo constituency. Stop #MassaruTax https://t.co/qSP0ZKdm7U
— KeehveFA? (@ShafaRameez) November 26, 2018
ޕެޑުން ޓެކްސް ނަގާކަން އެނގި، އެއީ ގޯހެއްކަން ޝަފާ އަށް ވިސްނުމާ އެކު 2014 އިން ފެށިގެން އޭނާ އައީ އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ. އެކަމަކު މީގެ އެންމެ ހަތަރު އަހަރު ކުރިޔަސް، އޭރުގެ ހާލަތު ވަރަށް ތަފާތެވެ.
"އޭރު މީހުން އެހާ އޯޕަންއެއް ނޫން. ޕީރިއަޑްގެ ވާހަކައެއް ނުވަތަ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ވެސް އެހާ ބޮޑަކަށް ނުދައްކާ. ދައްކާ ބަޔަކު ވެސް ލޭބަލްވެފައި އޮންނަނީ މާ ޒީލަގަދަ ބައެއް ގޮތަށް. އެހެންވީމާ ކައިރީގައި ތިބޭ މީހުން ކައިރީގައި ބޮޑަށް ކުދި ކިޔެނީ،" ޝަފާ ކިޔައިދިނެވެ.
"ދެން އެއް ދުވަހަކު ރައްޓެއްސަކު ބުނީ ކަމެއް ކުރަން އުޅޭށޭ، މަޖިލިސް މެމްބަރުންތަކަކާ ވާހަކަދައްކައިގެން ނަމަވެސް. މީހުންނަށް ލިޔެގެން ނުވަތަ ޕޯސްޓަރުތަކެއް ހަދައިގެން މި ކަމާ އުޅެން ޚިޔާލު ދިނީ. ޝަފާ ހިތަށް އެރީ އަބަދުވެސް ސޯޝަލް މީޑިއާގައި އުޅޭ އިރު ސޯޝަލް މީޑިއާ އިންނޭ ކަމެއް ކުރާނީ."
އޭރު ޓްވިޓާގައި ނޫޅޭތީ ޝަފާ ވަކާލާތުކުރަން ފެށީ ފޭސްބުކްގަ އެވެ. އެކަމަކު ފޭސްބުކް މެދުވެރިކޮށް މާ ގިނަ ބައެއްގެ ސަމާލުކަން ހޯދެން ނެތުމުން ދައްތަގެ ލަފަޔާ އެކު އޭނާ ޓްވިޓާއާ ގުޅުނެވެ. ކެމްޕެއިނެއްގެ ގޮތުގައި އެ ދެބެއިން ޓްވިޓާގައި މި ހަރަކާތް ފެށީ 2016 ވަނަ އަހަރު އެވެ. އެއާ އެކު އޮންލައިން ޕެޓިޝަނެއް ވެސް ހުޅުވާލި އެވެ. އަފާ، 25، ގެ ޚިޔާލަކަށް "#މައްސަރުޓެކްސް" އުފަންވީ އެ ހިސާބުންނެވެ.
"ހޭޝްޓެގަކަށް ބޭނުންކުރަން ދައްތަ ހެދި ނަމެއް މައްސަރު ޓެކްސްއަކީ،" ޝަފާ ބުންޏެވެ.
"އެންމެ ފުރަތަމަ މީރާ އަށް މެސެޖުކޮށްފައި ޔަގީންކުރީ ޕެޑުން ޓެކްސް ނަގާތޯ. ދެން މީރާ އިން ދިން ޖަވާބުގެ ސްކްރީންޝޮޓެއް ނަގާފައި މަޖިލީހުގެ ބައެއް އަންހެން މެމްބަރުން ޓެގްކޮށްފައި ޓްވީޓްކުރީ، އެކަން ހައްލުކޮށްދެވިދާނެތޯ. އެ ޕޯސްޓް ވަރަށް ބޮޑަށް ބްލޯ އަޕް ވެގެން މީހުންނަށް މި ކަންތައް އެނގުނީ. އަސްލު އޭރު ވަރަށް ބައިވަރު މީހުންނަކަށް ނޭނގޭ، މިއީ ނެގޭ ޓެކްސްއެއްކަން. ޓްވިޓާ އަށް މީތި ލީ ހިސާބުން ތަރުހީބު އެހާ ބޮޑުވެގެން ދިޔައިމަ ދެ މީހުން ތިބީ ވަރަށް ހައިރާން ވެސް ވެފައި."
@Roxeyna @evattey @MariyaDidi as female MPs is there anything you can do to rectify this situation? STOP #MassaruTax pic.twitter.com/lhd5kQTJyp
— KeehveFA? (@ShafaRameez) August 27, 2016
"#މައްސަރުޓެކްސް" އުވާލަން މަޖިލީހުގެ އޭރުގެ އިދިކޮޅު ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ފުރަތަމަ ދުވަހު ވެސް ލިބުނެވެ. އެކަމަށްޓަކައި އެ މެމްބަރުންނަށް، ޚާއްސަކޮށް އީވާ އަބްދުﷲ، މާރިޔާ އަހުމަދު ދީދީ އަދި ރޮޒައިނާ އާދަމަށް ޝަފާ އާއި އަފާ ޝުކުރުވެރިވެ އެވެ. އެކަމަކު މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޓެކްސްއެއް ނަގަން ނުވަތަ އުނިކުރަން ހުށަހެޅޭނީ ހަމައެކަނި ސަރުކާރަށް ކަމަށް ވާތީ އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެފަދަ ބިލެއް ހުށަހަޅައިފި ނަމަ ވޯޓު ދެއްވާނެ ކަމަށެވެ. އެކަން ކާމިޔާބުކުރެވޭތޯ ޝަފާމެން ބެލި އެވެ. އެކަމަކު އެކަމުގައި އެހީތެރިވެދެއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ފޯރަމެއްގައި ވިދާޅުވެފައި ވެސް، ނަތީޖާ ނެރެދެއްވޭ ވަރެއް ނުވި އެވެ.
"ޝަފާ އާއި ދައްތައާ ދެ މީހުން ލަންކާގައި ތިބީމާ ވަރަށް އުނދަގޫވި މީހުންނާ ބައްދަލުކޮށް ހަދަން. އެކަމަކު އެހެން މީހުން މެދުވެރިކޮށް ވަރަށް ގިނަ ކަންކަން ކުރެވުނު. ޖޭސީއައި އިން ވެސް މަސައްކަތްކޮށްދިން. އެކަމަކު ޕީޕީއެމް ޕީޖީ ގްރޫޕުން ޚަބަރެއް ނުވެގެން ކުރިއަށް ނުގޮސް އޮތީ،" ޝަފާ ކިޔައިދިނެވެ.
"#މައްސަރުޓެކްސް" ކެމްޕެއިނަށް ބޮޑު ތަރުހީބެއް ލިބުނަސް ސަރުކާރާއި އާއްމުންގެ ތެރެއިން އެކަމަށް ދެކޮޅުހަދައި ފާޑުކީ ބަޔަކު ވެސް ތިއްބެވެ. ޝަފާމެން ބެލީ އެފަދަ މީހުންނާ ވާހަކަދައްކައި ހޭލުންތެރިކުރެވޭތޯ އެވެ.
"އެ ގޮތަށް ވާހަކަ ދައްކާ މީހުންނަށް ޖަވާބުދީ ވިސްނައިދެވޭތޯ ބެލިން. ބައެއް މީހުންނަށް ވަކިން މެސެޖުކޮށްގެން އެ މީހުންގެ ވިސްނުން ބަދަލުވެފައި ވެސް އެބަހުރި،" ޝަފާ ބުންޏެވެ.
"ބައެއް މީހުން ހަމަ މުޅިން ދެކޮޅު. އަންހެނުންގެ އެއްޗަކަށް ވީތީ ޓެކްސް އުނިކުރެވިގެނެއް ނުވާނެއޭ، ކޮންޑަމް އިން ވެސް ޓެކްސް އުނިކުރަން ޖެހޭނެއޭ، މި ގޮތަށް ވާހަކަ ހުރީ. އަސްލު ގިނަ މީހުންނަކަށް ނޭނގޭ ކޮންޑަމުން ޓެކްސް ނުނަގާ ކަމެއް. އެކަމަކު އަބަދުވެސް ކޮންޑަމްގެ ވާހަކަ ދައްކަނީ. އެއީ ހަމަ ހުއްޓުމެއް ނެތި އައި ކަމެއް. ދެން ބައެއް މީހުން ގެންނަނީ ފައިނޭންޝަލް އޭންގަލް. ކީއްކުރަންހޭ އެހާ ކުޑަކުޑަ ކަމެއްގައި ހިފާ ތި ދަމަނީ."
ކުޑަކުޑަ ކަމަކަށް ވެދާނެ އެވެ. އެކަމަކު ޝަފާ އާއި އަފާ އަށް މައްސަލައަކަށް ވީ އުފުލަން ޖެހިގެން ނުވާނެ މާލީ ބުރައެއް އަންހެނުން އުފުލަން ޖެހުމެވެ.
"ކިތަންމެ ކުޑަޔަސް، ކިތަންމެ ބޮޑަސް، މިއީ ދައްކަން ޖެހިގެންވާނެ ޓެކްސްއެއް ނޫން. އެއް ލާރި ވިޔަސް، އެއީ ދޭން ޖެހޭ އެއްޗެއް ނޫން،" ޝަފާ ފާހަގަކުރި އެވެ.
ޖީއެސްޓީ ގާނޫނު ހެދި އިރު، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ނެޕީ އިސްތިސްނާކޮށްފައި، އަސާސީ ތަކެތީގެ ލިސްޓުގައި ޕެޑު ނުހިމެނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ދެކެ އެވެ. ޝަފާ ގަބޫލުކުރާ ގޮތުގައި އެއިން ދައްކައިދެނީ މަޖިލީހުގައި އަންހެނުން މަދުވުމުގެ އުނިކަމެވެ. އަދި ގާނޫނު ހަދާ އިރު އަންހެނުންގެ ބޭނުންތަކާ މެދު ފަރުވާ ކުޑަކުރާ ކަމާއި އަންހެނުންގެ ހައްގުތަކަށް މުޖުތަމައުގެ ހޭލުންތެރިކަން ކުޑަކަން ވެސް "މައްސަރު ޓެކްސް"ގެ މައްސަލައިން ހާމަވާކަން އޭނާ ފާހަގަކުރެ އެވެ.
"އަސްލު މިއީ ކުޑަ ކަމަކަށް ވިޔަސް މި ކަހަލަ ބައިވަރު ކަންތައްތައް އެކުވެގެން، ދިވެހިރާއްޖޭގައި އަންހެނުންނަށް ލިބެން ޖެހޭ ހައްގުތައް ނުލިބި މިހާރު ހުންނަނީ،" ޝަފާ ބުންޏެވެ.
"މި ކަހަލަ ކުދިކުދި ކަންތައްތަކާ އަޅާނުލެވޭ ކަމަށް ވަންޏާ ގެވެށި އަނިޔާ ކަހަލަ ބޮޑެތި ކަންކަމާ އަޅާލެވޭނެތޯ އެއީ ސުވާލެއް."
"#މައްސަރުޓެކްސް" ކެމްޕެއިނަށް ފަހު ވެސް އަންހެނުންގެ ހައްގުގައި ޝަފާ އާއި އަފާ ކުރިއަށްދާން ބޭނުންވާ ސަބަބަކީ އެއީ އެވެ.
"އަދި ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަހުރި. ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރަންޏާ އެއީ ނިމުމެއް އަންނާނެ ކަމެއް ނޫން. އެހެންވީމާ އެ ކަމުގައި ކުރިއަށް ދާން އަޒުމު ކަނޑައަޅައިގެން މި ތިބީ،" ޝަފާ ބުންޏެވެ.
މި ވަގުތަށް، ޝަފާ އާއި އަފާ ތިބީ "#މައްސަރުޓެކްސް" އުވާލުމުގެ ކެމްޕެއިން ކާމިޔާބީއާ ގާތްވުމުގެ އުފަލުގަ އެވެ. ދެން އޮތީ، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނެސް ޓެކްސް އުވާލާ ހިސާބުން ޕެޑުގެ އަގު ހެޔޮވެދާނެތޯ ބައެއް މީހުންގެ ހިތުގައި އުފެދިފައި އޮތް ސުވާލެވެ.
"އުއްމީދުކުރަން ވިޔަފާރިވެރިން ވެސް މި ކަމާ ވިސްނައި އަގު ހެޔޮކުރާނެ ކަމަށް. އެކަމަކު ބޭނުންވާ މިންވަރަށް އަގު ހެޔޮ ނުވިޔަސް، ޓެކްސް ކަނޑާލުން ވެގެން ދާނީ ކާމިޔާބީއަކަށް،" ޝަފާ ބުންޏެވެ.
އެ ކާމިޔާބީން ޝަފާ މެންނަށް ސާބިތުކޮށްދެވޭނެ އެއް ކަމަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ކަންކަން ބަދަލުކުރެވިދާނެ ކަމެވެ. މި ތަޖުރިބާ އިން އެ ދެބެއިން ދޭ ނަސޭހަތަކީ މިފަދަ މުހިއްމު މައްސަލަތަކުގައި ތެދުވަން ބޭނުންވެފައި ތިބި އެހެން މީހުން ވެސް ހިތްވަރާ އެކު ނުކުތުމެވެ.
"ޝަފާމެން ވެސް ރެންޑަމްކޮށް ޓްވީޓެއްކޮށްލައިގެން މި ކަންތައް ވެފައި މި އޮތީ. އެހެންވީމާ ޝަފާ ބުނާނީ މަސައްކަތް ފަށާށޭ. މީހުން ކިޔާ އެއްޗަކަށް އެހާ ބޮޑަށް އަޅާނުލާށޭ،" ޝަފާ ބުންޏެވެ.
"ވަރަށް ބައިވަރު މީހުން ބުނި، ސޯޝަލް މީޑިއާގައި ކަމެއް ކުރަން އުޅެގެނެއް ނުވާނެއޭ، ތިހެން ޓްވީޓް ކޮށްލަ ކޮށްލާ، ފޭސްބުކް ސްޓޭޓަސް ލިޔެލަ ލިޔެލާ ހުންނާށޭ ޖެހޭނީ. އެހެންވީމާ ބިލް ފާސް ވެއްޖެއްޔާ އެއީ އެ ކަހަލަ މީހުންނަށް ދެވޭ ރައްދެއް ކަންނޭނގެ."
"މައްސަރު ޓެކްސް" އުވާލުމުގެ ކްރެޑިޓް ދޭން ޖެހޭނީ ޝަފާ އަށާއި އަފާ އަށް ކަމަށް ވިޔަސް އެ ދެބެއިން ހުރިހާ ތައުރީފެއް އޮތީ ޓްވީޓްކުރި މީހުންނަށެވެ.
"ޝަފާމެންގެ ވަރަށް ޚާއްސަ ޝުކުރެއް، ރާއްޖޭގެ ޓްވިޓާ ކޮމިއުނިޓީ އަށް. މި ވާހަކަ ކުރިއަށް ގެންގޮސްދިނީ އެ މީހުން. ތެދަށް ބުނަންޏާ، އެންމެ މައްޗާ ހަމައަށް މި ވާހަކަ ދިޔައީ އެ މީހުން ކެނޑިނޭޅި ކުރި ޓްވީޓްތަކުގެ ސަބަބުން،" ޝަފާ ބުނެލި އެވެ.
ޕެޑުން ޓެކްސް ނުނަގަން ގިނަ މެމްބަރުން ތާއީދު
ޕެޑުން ޓެކްސް ނެގުން އުވާލަން މަޖިލީހުން ފާސްކޮށްފި
ޕެޑުން ޓެކްސް ނެގުން ހުއްޓާލަން ގޮވާލާ ކެމްޕޭނެއް
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަންހެނުންގެ މައްސަލަތަކާ މެދު މުހިންމު މަޝްވަރާތަކެއް
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
މިއީ ފިސާރި އަންހެންވެރިން އުފައްދަންވީ ދުވަސް:ރޮޒައިނާ
މަހްރަމަކާ ނުލައި އަންހެނުން ފުރަތަމަ ފަހަރަށް ހައްޖަށް