Roadha Mihaaru
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!

ޖިހާންގެ ހިތްވަރު އަންހެނުންނަށް: ބިރުދައްކައި ފުރައްސާރަކުރާނެ, ފަސްނުޖެހޭތި!

19 ފެބުރުއަރީ 2023

ސިޔާސީ ދާއިރާގައި އަންހެނެއްގެ ނަން ފެވެން ފަށާ ހިސާބުން ދެން ކުރިމަތިކުރަނީ ބިރުދެއްކުމާއި ފުރައްސާރަ ކަމަށާއި ބޭނުމަކީ ފަހަތަށް ޖައްސާލުން ކަމަށާއި އެ ޖާގަ ނުދޭން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ރޭ އިލްތިމާސްކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ދާއިރާގައި އަންހެނެއްގެ ނަން ފެވެން ފަށާ ހިސާބުން ދެން ކުރިމަތިކުރަނީ ބިރުދެއްކުމާއި ފުރައްސާރަ ކަމަށާއި ބޭނުމަކީ ފަހަތަށް ޖައްސާލުން ކަމަށާއި އެ ޖާގަ ނުދޭން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ރޭ އިލްތިމާސްކުރައްވައިފި އެވެ.

ޖީހާން, އަންހެނުންނަށް ހިތްވަރު ދެއްވީ ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވަން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ޔޫއެންޑީޕީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެންގެ ތިން ވަނަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

އެ ޕްރޮގްރާމަކީ އަންހެނުންނަށް ވަރަށް ބޮޑު ހިތްވަރެއް ކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގައި އަންހެނުންނާ މެދު އޮންނަ ވިސްނުން އަންހެނުން ނުކުމެ ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. ކޮންމެ ދާއިރާއަކުން ވިޔަސް އަންހެނުންނަށް ކުރެވޭނީ ވަކި ކަންތައްތަކެއް ކަމަށާއި ވަކި ހިސާބަކަށް ނޫނީ ނުދެވޭނެ ކަމުގެ ރޮނގު ދަމާލާފައި އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.

އެ ވިސްނުން ބަދަލުކުރެވޭނީ, އޭނާ ވިދާޅުވި ގޮތުގައި, ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ބައިވެރިވުން އިތުރުކޮށް, ސިޔާސީ ކަންކަމުގައި ބަސްބުނުމާއި ނިންމުންތައް ނިންމުމާ ހަމައަށް ހިތްވަރާ އެކު ވާސިލްވެގެންނެވެ.

ޖީހާން ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި ވެސް އަންހެނުން ފަހަތަށް ޖައްސާލަން ބޭނުންކުރަނީ ފުރައްސާރަ އެވެ. ސޯޝަލްމީޑިއާގެ ޒަރިއްޔާ އިންނާއި އެ ނޫން ގޮތްގޮތަށް އެ މީހެއްގެ ޒާތާއި ތިބޭ ގޮތާއި ހެދުން އަޅާ ގޮތާއި ވާހަކަ ދައްކާ ގޮތާއި އާއިލާ އާއި ދަންނަ މީހުންނާއި ރައްޓެހިންނާ ގުޅުވައި ވެސް ފާޑުކިއުން އަމާޒުކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭނުމަކީ އެކި ގޮތްގޮތުން ދިމާކޮށް ހިތްވަރު އެލުވާލައި ބިރުގެންނެވުން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އަމިއްލަ ތަޖުރިބާ އިން," ޖީހާން ވިދާޅުވި އެވެ.

"ފަސްޖެހިވަޑައިނުގަންނަވާތި. [ފުރައްސާރައިގެ] ބޭނުމަކީ އެއީ. ތި ބޭފުޅުންނަށް ތި ބޭފުޅުން އެނގިލައްވާނީ. ތި ބޭފުޅުންނަށް ތި ބޭފުޅުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އެނގިލައްވާނީ. އެއީ އެހެން މީހަކަށް ތި ބޭފުޅުން އެކްސްޕްލަނޭޝަން ދޭން ޖެހޭ ކަމެއް ނޫން."

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވާހަކަ ދައްކަވަނީ. އަންހެނުންނަށް ވަކި ކަންތައްތަކެއް ނޫނީ ނުކުރެވޭނެ ކަމަށް ގަބޫލުކުރުން ރޫޅާލައި ޝައުގުވެރިކަން ހުރި ކޮންމެ ކަމަކުން ކުރިއަރަން ޖެހޭ ކަމަށް ވިދާޅުވި.-- ފޮޓޯ: މަޖިލިސް

"ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވާހަކަ ދައްކަވަނީ. އަންހެނުންނަށް ވަކި ކަންތައްތަކެއް ނޫނީ ނުކުރެވޭނެ ކަމަށް ގަބޫލުކުރުން ރޫޅާލައި ޝައުގުވެރިކަން ހުރި ކޮންމެ ކަމަކުން ކުރިއަރަން ޖެހޭ ކަމަށް ވިދާޅުވި.-- ފޮޓޯ: މަޖިލިސް

ޖީހާން ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި އިތުރަށް ގޯސް ހަދައި ބިރުގެންނެވުމަށްޓަކައި ވެސް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ އެވެ.

"ތި ބޭފުޅުންނާ ގުޅުން ހުރި މީހުންނަށް އަދި ފޮޓޯއެއް ނަގާ މީހާއަށް ވެސް އެޓޭކްކުރައްވާނެ. ފަސްޖެހިވަޑައިނުގަންނަވާތި. ބޭނުމަކީ ހިތްވަރު ބަލިކޮށްލުން. އަންހެނުން މި ދާއިރާއަށް ނުކުމެއްޖިއްޔާ ގެއްލެނީ މި ދާއިރާގައި އުޅޭ ވަރަށް ގިނަ ފިރިހެނުންގެ ފުރުސަތުތަކެއް," އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ދާއިރާގައި މިހާރު ތިބި އަންހެނުންނާއި ކުރިއަށް ދިއުމުގެ އުއްމީދުގައި ތިބި އެންމެން މި ގައުމުގެ މާދަމާގެ އަންހެން ދަރިންނަށްޓަކައި ވެސް ހިތްވަރު ކުރަން ޖެހޭ ކަަމަށެވެ.

ސިޔާސީ ހަޔާތުގައި އެހެން އަންހެނަކަށް ދެރައެއް ލިބޭ ވަގުތު ގަންބާނުލަން ވެސް ޖީހާން އެދިވަޑައިގަތެވެ. އެ އަނބުރާ އެ މީހަކާ ހަމައަށް އައުމުގެ ބިރު އަބަދުވެސް އޮންނާނެ ކަމަށާއި އަންހެނުންނަށް އޮތް ގޮންޖެހުމަކީ އަންހެނުންނަށް ނުވުމަށް އޭނާ އެދިވަޑައިގަތެވެ.

އަންހެނުންނަށް ވަކި ކަހަލަ ކަންތައްތަކެއް ނުކުރެވޭނެ ކަމުގެ ވިސްނުން މަޖިލީހާ ހިސާބުން އަދި އެހެން ދާއިރާތަކުން ވެސް ބަދަލުކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ. ޖީހާން ހާއްސަވެފައިވާ ދާއިރާ އިން ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގައި އިންނަވާއިރު ދެން އޭނާއަށް ދައުރެއް ލިބިވަޑައިގެންފައި ވަނީ އިޖުތިމާއީ ކޮމިޓީން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިންމުންތައް ނިންމުމުގައި ހިސާބު ޖެހުން ނުވަތަ ބަޖެޓުގެ ކަންކަމުގައި އަންހެން ބައިވެރިއެއް ނުކުރުވާ ކަމަށެވެ. އެއީ ބަދަލު ގެންނަން ޖެހިފައި އޮތް ވިސްނުމެއް ކަމަށް ވިދާޅުވި އެވެ.

އަންހެނުންނަށް ވަކި ކަންތައްތަކެއް ނޫނީ ނުކުރެވޭނެ ކަމަށް ގަބޫލުކުރުން ރޫޅާލައި ޝައުގުވެރިކަން ހުރި ކޮންމެ ކަމަކުން ކުރިއަރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުން ހިންގާ ޕްރެކްޓިސް ޕާލިމެންޓް ޕްރޮގްރާމްގައި މިހާތަނަށް 170 އަށް ވުރެން ގިނަ އަންހެނުން ބައިވެރިވެފައިވާ ކަން ފާހަގަކުރައްވައި ޖީހާން އެދިވަޑައިގަތީ އިންތިހާބުތަކުގައި އެ އެންމެން ވެސް ވާދަކުރުމަށެވެ. ކުރިއަށް އޮތް އިންތިހާބުގައި އެ ބޭފުޅުންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.