Roadha Mihaaru
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ: 32 އަންހެނުން ތެރެއިން ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!

28 ޖެނުއަރީ 2024

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނެރޭ ކެންޑިޑޭޓުންނަށް ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ވާދަކުރި ގިނަ އަންހެނުން ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ނެރޭ ކެންޑިޑޭޓުންނަށް ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ވާދަކުރި ގިނަ އަންހެނުން ކެންޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރި އެވެ. އޭގެ ތެރެއިން 32 ކެންޑިޑޭޓުންނަކީ އަންހެނުންނެވެ.

ނަމަވެސް ޓިކެޓް ކަށަވަރު ކުރެވުނީ އެންމެ އަންހެން ކެންޑިޑޭޓަކަށެވެ. އެއީ މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދެވެ. އޭނާ ކުރިން އުޅުއްވީ 18 ވަނަ މަޖިލިހުގަ އެވެ.

މާލޭގެ ގިނަ ދާއިރާތަކަށް އަންހެނުން ކެންޑިޑޭޓުން ކުރިމަތިލި ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވި އެވެ. ގަލޮޅު އުތުރު ދާއިރާ އަށް ތިން އަންހެން ކެންޑިޑޭޓުން ކުރިމަތީލިއިރު ދާއިރާގެ ޓިކެޓް ހޯދީ މުހައްމަދު އަފްތާބެވެ. އޭނާއާ ވާދަކުރި އަންހެން ކެންޑިޑޭޓުން ތެރޭގައި ނޫރުބާން ފަހުމީ ވެސް ހިމެނެ އެވެ.

ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރެއްވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ބޮޑު ނާކާމިޔާބަކާ އެވެ. ޕްރައިމަރީގައި ހުރާ ދާއިރާ އަކަށް ވާދަކުރެެއްވި ކުރީގެ މެންބަރު އަނާރާ ނައީމަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، އޭނާއާ ވާދަކުރައްވައި އެ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ އަބްދުުﷲ ވާރިޝް އެވެ.

ޕްރައިމަރީން އަނާރާ ބަލިވި ނަމަވެސް އޭނާގެ ފިރިކަލުން އާދަމް ޝަފީގު ވަނީ މަކުނުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފަ އެވެ.

ދުންޔާ، އަނާރާ: ދެ ބޭފުޅުންނަށް ވެސް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު

ދުންޔާ، އަނާރާ: ދެ ބޭފުޅުންނަށް ވެސް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނު

ޕްރައިމަރީގައި ވާދަކުރެއްވި ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒް އާދަމަށް ވެސް ޓިކެޓް ލިބޭ ގޮތެއް ނުވި އެވެ. އޭނާ ވާދަކުރެއްވީ ފުވައްމުލައް ދެކުނު ދާއިރާއަށެވެ.

ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ގިނަ އަންހެން ބޭފުޅުން ނެރުމަކީ އެ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ. އެކަން އެގޮތަށް ކުރުމަށް އަންހެން މެންބަރުންނަށް ޕާޓީން ހާއްސަ އެލެވެންސެއް ދޭން ވެސް ނިންމެވި އެވެ. އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރިކުރުމަށް ވޯކްޝޮޕްތައް ވެސް ބޭއްވި އެވެ.

ނަމަވެސް، އިންތިހާބުގެ ނަތީޖާ އިން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހުންނަށް ލިބުނުއިރު އޭގެ ތެރޭގައި އަންހެނުންގެ ނިސްބަތް މައްޗަށެވެ. އިއްޔެ ވޯޓުލުމަށް ވެސް ގިނަ އަންހެނުން ނުކުތް އިރު ކެމްޕެއިންގައި ވެސް އަންހެނުން އިސްކޮށް އުޅުނެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަކާ ނުލައި 13 ދާއިރާއެއްގެ ޓިކެޓް ކަށަވަރުވެފައިވާއިރު، އޭގެ ތެރޭގައި ވެސް ހިމެނެނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ. އެއީ ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ.