Roadha Mihaaru
ޕީއެންސީގެ ޕްރައިމަރީން ބަލިވުމުން ވަކިން ވާދަކުރަނީ

ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަނީ!

14 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބު ވާދަކުރުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން އިންތިހާބު ވާދަކުރުމަށް ފޯމު ހުށަހަޅުއްވައިފި އެވެ.

މަޖިލިސް އިންތިހާބަށް އެންމެ ބޮޑު ޕްރައިމަރީއެއް ބޭއްވީ ޕީޕީއެމް/ޕީއެންސީ އިންނެވެ. އެ ދެ ޕާޓީން އެކުގައި ބޭއްވި ޕްރައިމަރީ އަށް 73 ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކުރި އެވެ. އިންތިހާބުން ކާމިޔާބުވި ކެންޑިޑޭޓުންގެ ފަހަތަށް ގިނަ ކެންޑިޑޭޓުން އެރި ނަމަވެސް، ބައެއް ކެންޑިޑޭޓުން ވަނީ ޕީޕީއެމް/ޕީއެންސީ އިން ވަކިވެ، އަމިއްލަ ގޮތުން ވާދަކުރަން ނިންމަވައިފަ އެވެ.

ހުރާ ދާއިރާ އަށް ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމަށް ވެސް ޕްރައިމަރީ ކާމިޔާބެއް ނުކުރެއްވުނެވެ. ނަމަވެސް، އޭނާ ވަނީ ދާއިރާގެ ގިނަ މީހުންގެ އެދުމުގެ މަތިން ކަމަށް ވިދާޅުވެ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވައިފަ އެވެ. އެގޮތަށް ނިންމެވިކަން އޭނާ އިއުލާން ކުރެއްވީ ދާއިރާގެ ރަށެއް ކަމަށްވާ ހިންމަފުއްޓަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ކިޔަން މީހުން އެއްވެފައިވާ ތަން ފެންނަ ވީޑިއޯއަކާ އެކު އެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވުމަށް އިއްޔެ އަނާރާ ފޯމު ހުށަހަޅުއްވާފައިވާއިރު، ޕްރައިމަރީގައި ނާކާމިޔާބުވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް މިއަދު ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދަރިކަނބަލުން ދުންޔާއާ ވާދަކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާ އަށް 240 ވޯޓު ލިބުނު އިރު، ދުންޔާ އަށް ހޯއްދެވުނީ އެންމެ 70 ވޯޓެވެ.

"ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އަޅުގަނޑު މިނިވަން ކެންޑިޑޭޓެއްގެ ގޮތުން މަޖިލިސް2024 ގައި ވާދަކުރަން ފޯމް ހުށަހަޅައިފިން. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސާބިތުވެ ހުންނާނަން،" ދުންޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މިލަންދޫ ދައިރާގެ ޕްރައިމަރީގައި ވާދަކުރި ޕީޕީއެމްގެ މަގުމަތީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު ނަބީލް ޒަމީރު ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފަ އެވެ. އަމިއްލަ ގޮތުން ވާދަ ކުރި ނަމަވެސް، ނަބީލް އިންތިހާބަށް ނުކުންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު ކަމަށް ވަނީ އެނގިފަ އެވެ.

މިލަންދޫ ދާއިރާގެ ޕީޕީއެެމް/ޕީއެންސީ ޓިކެޓް ކަށަވަރުކުރީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

ފީޕީއެެމް/ޕީއެންސީ ޓިކެޓްގައި ފުނަދޫ ދާއިރާ އިން މުހައްމަދު މަމްދޫހު ވާދަކުރާއިރު، އޭނާއާ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި އަހުމަދު އިބްރާހިމް ފުޅު ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފަ އެވެ. އޭނާ ވެސް ވާދަކުރަނީ ކުރީގެ ރައީސް ޔާމީންގެ ތާއިދާ އެކު ކަމަށް އެނގިފައިވެ އެވެ.

ޔާމީންގެ ތާއިދު އޮތް 59 ކެންޑިޑޭޓަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުމެ އެވެ. މަޖިލީހުގެ 93 ދާއިރާއެއް މި ފަހަރު އޮތް އިރު، ޕީޕީއެމް/ޕީއެންސީ އިން ހަތަރު ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރެ އެވެ. އެ ޕާޓީގެ ލީޑަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެންމެ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން 40 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއިރު އިންތިހާބުން ނާކާމިޔާބުވި ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރާ ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ނަމަވެސް، އެ ޕާޓީން ޓިކެޓް ކާމިޔާބު ކުރި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް ބާތިލް ކުރުމުން އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވެ އެވެ. އެމްޑީޕީން ވާދަކުރަނީ 82 ދާއިރާއަކަށެވެ.