Roadha Mihaaru
މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟

އޮޅުންބޮޅުން: މަޖިލިހުގެ ރައީސް ކަމަށް ރަނގަޅު ވާނީ ކޮން ބޭފުޅެއް؟

14 މެއި 2019

ވެރިކަން ކުރާ ޕާޓީން، ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތަކެއް ތާރީޚީ އަދަދަކަށް ކާމިޔާބު ކުރުމަށް ފަހު، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރު ވަނީ އެވެ. އެ ޕާޓީގެ ތެރެއިން ވަރަށް ގިނަ މެމްބަރުން މަޖިލިހުގެ ރައީސްކަން ކުރެއްވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާކަން ފާޅުކުރައްވާފައި ވެ އެވެ. މަޖިލިހުގެ ރައީސްކަމަށް ކުރިމަތިލައްވަން ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާ ހުރިހާ މެމްބަރުންނަކީ ވެސް މަޖިލީހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ގާބިލް ބޭފުޅުންނެވެ. މަޖިލީހުގެ މަސައްކަތުގައި ވަރަށް ޙަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅުންނެވެ.

ވެރިކަން ކުރާ ޕާޓީން، ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތަކެއް ތާރީޚީ އަދަދަކަށް ކާމިޔާބު ކުރުމަށް ފަހު، އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރު ވަނީ އެވެ. އެ ޕާޓީގެ ތެރެއިން ވަރަށް ގިނަ މެމްބަރުން މަޖިލިހުގެ ރައީސްކަން ކުރެއްވުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާކަން ފާޅުކުރައްވާފައި ވެ އެވެ. މަޖިލިހުގެ ރައީސްކަމަށް ކުރިމަތިލައްވަން ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާ ހުރިހާ މެމްބަރުންނަކީ ވެސް މަޖިލީހުގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ގާބިލް ބޭފުޅުންނެވެ. މަޖިލީހުގެ މަސައްކަތުގައި ވަރަށް ޙަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅުންނެވެ.

މަޖިލީހުގެ މަސައްކަތުގައި ބައިވެރިވާ ކަމަށް ބައެއް މީހުން ދެކެނީ ހުށަހަޅާ ކޮންމެ ބިލަކަށް ވާހަކަ ދައްކައި، އެހެން މެމްބަރުން ވާހަކަ ދައްކަވާ އިރު އެ މެމްބަރަކު ދައްކަވާ ވާހަކައަކާ ބެހި، ވާހަކައިގެ މެދުތެރޭގައި އަމިއްލަ ޚިޔާލު ފާޅުކޮށް، މަޖިލީސްގެ ޖަލްސާ ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ ރައީސަށް އުނދަގޫ ކުރާ މެމްބަރުންނެވެ. ގިނަ ފަހަރަށް މި ދެންނެވި ފާޑުގެ މެމްބަރުންނަކީ އެ ބޭފުޅުން މަޖިލީހުގައި ކުރައްވާ މަސައްކަތްތައް ޓީވީގެ ޒަރީޢާ އިން ބަލާ މީހުން އުފާކުރުވާ، ވަގުތީ މަޝްހޫރުކަން ހޯއްދެވުމަށް، މަޖިލީހުގެ ތެރޭގައި، ކުދި "ތަމްސީލުތައް" ބާއްވާ މެމްބަރުންނެވެ.

މަޖިލީހުގެ މަސައްކަތަށް ސީރިއަސްކަން ދެއްވާ ބައެއް މެމްބަރުން މި ގޮތަށް ކަންތައް ކުރައްވަން ބޭނުންފުޅު ނުވެ އެވެ. އެ ބޭފުޅުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ ހުށަހެޅިފައި އޮންނަ މައްސަލައެއްގެ ޢިލްމީ މަޢުލޫމާތުގެ އަލީގަ އެވެ. ނުވަތަ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ. ނުވަތަ އެ ކަމެއް ތަންފީޒު ވެއްޖެ ނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިދާނެ ގެއްލުމެއް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މައްސަލަތަކުގަ އެވެ. މިހެން ވުމާ އެކު، މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި ވާހަކަ ދައްކަވައި، ހަޅޭފުޅު ނުލައްވާ މެމްބަރަކީ މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ނުދައްކަވާ މެމްބަރަކު ކަމަށް ބެލުމަކީ ކަމުގެ ދެކޮޅު ނުބަލައި އަވަސް އަރައިގެން އެ މެމްބަރުގެ މަސައްކަތާ މެދު ނިންމާ އިންސާފުވެރި ނިންމުމަކަށް ނުވާނެ އެވެ.

ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވަން ވާނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕާޓީން ވޯޓުގެ ޒަރީޢާ އިން މަޖިލީހުގެ ރައީސްކަމަށް ހޮވޭނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބޭފުޅެކެވެ. އަދި ކޮންމެ ބޭފުޅަކު ރައީސްކަމަށް ހޮވިވަޑައި ގެންނެވިއަސް، މަޖިލީހުގެ ރައީސްކަމުގެ ގޮނޑީގައި އިށީދެވަޑައިގެންނެވުމަށް ފަހު، އެ ބޭފުޅަކު ކުރިއަށް ވަޑައިގަތުމަށް މަގުދައްކައި ދޭ އެއްޗަކަށް ވާން ވާނީ މަޖިލީހުގެ ޤަވައިދެވެ. ޤާނޫނުއަސާސީ އެވެ. ބިލްތައް ހުށަހެޅެން ވާނީ ޤަވައިދުގައި ބުނާ ގޮތަށެވެ. ބިލްތައް ހުށަހެޅުމަށް ވަގުތު ދެވެން ވާނީ ވެސް ގަވައިދުގައި ބުނާ ގޮތަށެވެ. މިހެން ވުމާ އެކު، ވަކި މީހެއްގެ ތަރުޙީބު ލިބިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އާދެވުނަސް ޖަލްސާތައް ހިންގެން ވާނީ އަދި ކުރިއަށް ގެންދެވެން ވާނީ މަޖިލީހުގެ ޤަވައިދު ބުނާ ގޮތަށެވެ. އިތުބާރު ނެތްކަމުގެ ވޯޓަކަށް ވިޔަސް ނުވަތަ ސަރުކާރާ ޚިޔާލު ތަފާތު ފަރާތަކުން ހުށަހަޅާ މައްސަލައަކަށް ވިޔަސް އެ މައްސަލައެއް ފޭލްކޮށްލަން ބޭނުންވިޔަސް އެ މައްސަލައެއް ފޭލްކޮށްލަން ވާނީ އެންމެނަށް ފެންނަ ގޮތަށް މަޖިލީހުން ފާސްކޮށްފައި އޮންނަ، ޤަވައިދުގެ ތެރެއިންނެވެ. މައްސަލައެއް ހުށަހެޅިފައި އޮއްވައި، އެ މައްސަލައެއް ފޭލް ކޮށްލަން، އެ މައްސަލައެއް ހުށަހެޅުމުގެ ކުރިން މަޖިލީހުގެ ގަވައިދައް އިސްލާހުތައް ހުށަހެޅިގެން ނުވާނެ އެވެ. އަދި އެފަދަ އިޞްލާހާއް ހުށަހެޅިގެން ފާސްވިޔަސް، އެފަދަ އިޞްލާހަކަށް އަމަލުކުރަން ފެށެން ވާނީ މަޖިލީހުގެ އާ ދައުރެއްގަ އެވެ. ކުރިން ހުށަހެޅިފައި ހުރި މައްސަލަތައް އިސްތިސްނާ ކުރެވިގެންނެވެ. މި ވާހަކަ، އާ މަޖިލީސް ފެށުމުގެ ކުރިން މި ދަންނަވަނީ މިހާރު ދައުރު ހަމަވެގެން ދާ މަޖިލީހުގެ ރިޔާސަތުން ކަންތައް ކޮށްފައި ހުރި ގޮތުންނެވެ.

މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު މި ފަހަރު ލިބިފައި މި އޮތީ ޑިމޮކްރަސީގެ ހަމަތަކަށް ހިންގާ އަދި ބޯ ލަނބާ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް އަޑު އުފުލަމުންދާ ޕާޓީއަކަށެވެ. ޑެމޮކްރަސީ އަށް އެ ބޭފުޅުންގެ ހުރި ކުލުނާއި ލޯތްބާއި އިޚްލާސްތެރިކަން ދައްކަން، މި ފަހަރު މި އޮތީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ހަނދުމަފުޅު ބަހައްޓަވަން ވީ ފަސް އަހަރު ދުވަހަށް ފަހު އެ ބޭފުޅުންގެ މަސައްކަތާ މެދު ރައްޔިތުން ގޮތެއް ނިންމާނެ ފުރުސަތު ލިބޭނެ ކަމެވެ. މިހާރުގެ ތަޖުރިބާ އިން ދެންނެވޭނީ ދިވެހި ރައްޔިތުން މިހާރު ވަނީ ސިޔާސީ ގޮތުން ތަސައްރަފް ފުދިފަ އެވެ.

ތެދުތެދަށް ދަންނަވާ ނަމަ އަޅުގަނޑަށް ބޮޑަށް ތާއީދު ކުރެވެނީ މަޖިލީހުގެ ރައީސް ކަމާއި ނައިބް ރައީސްކަން ވެސް އަންހެން ބޭފުޅުންނަށް ދިއުމެވެ.

މި ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމު ހިންގުމުގައި އަންހެނުންގެ ބައިވެރިވުން ކުރިއަށް ވުރެ ވަރަށް ބޮޑަށް އިތުރު ކުރައްވައިފަ އެވެ. ރާއްޖޭގެ ކެބިނެޓެއްގައި މީގެ ކުރިން ދުވަހަކު ވެސް ނުހިމެނޭހާ ގިނަ އަދަދަކަށް އަންހެން ބޭފުޅުން ވަނީ ހިމަނުއްވައިފަ އެވެ. ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޑިފެންސް މިނިސްޓަރަކަށް އަންހެން ބޭފުޅަކު ހަމަޖެއްސެވީ ވެސް މި ވެރިކަމުގަ އެވެ. މި ވަގުތު ޕުރޮސިކިއުޓަ ޖަނަރަލްއަކަށް ހުންނެވީ ވެސް އަންހެން ބޭފުޅެކެވެ. އދ. މަޖިލީހަށް ފޮނުއްވާފައި ހުންނަ ރާއްޖޭގެ ސަފީރަކީ ވެސް އަންހެން ބޭފުޅެކެވެ. އިނގިރޭސި ވިލާތާއި އަދި ބައެއް އެހެން ގައުމުތަކަށް ވެސް އަންހެން ސަފީރުން ޢައްޔަނު ކުރައްވާފައި ވެ އެވެ. މި ފަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަންހެން ބޭފުޅަކު ހަމަޖެހޭނެ ނަމަ ހާދަ ރަނގަޅު ވާނެއޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. މަޖިލީހުގެ އެ މަގާމަށް ޝަޢުޤުވެރިވާ ކަމަށް ވިދާޅުވާ ދެ އަންހެން ބޭފުޅުންނަކީ ވަރަށް އިލްމީ ބޭފުޅުންނެވެ. އަދި މިހާރު މަޖިލީހުގެ ތަޖުރިބާ ވެސް ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. ދޫހެލޭ ބޭފުޅުންނެވެ. ކެރިގެން ކަންތައްތަކާ ކުރިމަތިލައްވާ ބޭފުޅުންނެވެ. މަޖިލީހުގެ ބަހުސްތަކުގައި އަބަދުވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނެވެ. އެ ބޭފުޅުންނަށް މަޖިލީސް ކަންޓުރޯލު ކުރެއްވުމުގެ ޤާބިލިއްޔަތު ލިބިވަޑައިގެންފައިވާ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މަޖިލީހުގެ ޖަލްސާތަކުން ވެސް އެކަން އަޅުގަނޑުމެންނަށް ފެނިފައި ވެ އެވެ.

ތެދުފުޅެކެވެ. އަލަށް އެ ބޭފުޅުން މަޖިލިހުގެ މެމްބަރަކަށް ވެވަޑައިގަންނަވައިގެން މަސައްކަތް ކުރެއްވި އަހަރުތަކުގައި، މަޖިލީހުގެ ތެރޭގައި އެ ބޭފުޅުންގެ ޙަރަކާތްތައް ހުރި ގޮތް، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ކަމުނުގޮސްފާނެ އެވެ. ހަމަ އެފަދައިން، މަޖިލިހުގެ ބައެއް ޖަލްސާތަކުގައި، އެ ބޭފުޅުން ވާހަކަ ދެއްކެވި ބަހުރުވަ ވެސް ކަމުނުގޮސްފާނެ އެެވެ. ނަމަވެސް އޭގެ ފަހުން އެ ބޭފުޅުން މެދުތެރޭ މަގުން ހިންގަވާތާ ކިތަންމެ ދުވަހެކެވެ. ތެދުތެދަށް ދަންނަވާ ނަމަ އަޅުގަނޑަށް ބޮޑަށް ތާއީދު ކުރެވެނީ މަޖިލީހުގެ ރައީސް ކަމާއި ނައިބް ރައީސްކަން ވެސް އަންހެން ބޭފުޅުންނަށް ދިއުމެވެ. ނަމަވެސް ޖިންސުގެ ހަމަހަމަކަން ބެހެއްޓުމަށްޓަކައި، ދެ ޖިންސުގެ ބޭފުޅުން ތިއްބެވުން އިންސާފްވެރި އެވެ. ދެ އަންހެން ބޭފުޅުން މަޖިލީހުގެ އެންމެ އިސް ދެ މގާމަށް ނުހޮވުނަސް، މަޖިލީހުގެ ޖަލްސާތަކުގައި ކަންތައްތައް ހިނގާފައި އޮތް ގޮތަށް ބަލާ އިރު މަޖްލިސްގެ ޖަލްސާތައް ކަންޓުރޯލް ކުރުމުގެ އެންމެ ގާބިލްކަން ލިބިވަޑައިގެންފައި ވަނީ އެ ބޭފުޅުންނަށެވެ.

މިއީ އަންހެނުން ފައިދަށަށް ލާން ބޭނުންވާ މީހުން މާ ރުހޭނެ ވާހަކައަކަށް ނުވާނެ އެވެ. އަންހެނުންނަށް ކިޔަވައި ނުދީ ބަދިގެ އަށް ފޮނުވަން ބޭނުންވާ މީހުން މާ ހިތްހަމަޖެހޭ ވާހަކައަކަށް ނުވާނެ އެވެ. ނުރުހުނަސް މިއީ އަންހެނުންގެ ޖީލެވެ. އަންހެނުން 'ބަނދެގެން' ގެންގުޅޭ ބައެއް ޢަރަބި ގައުމުތަކުގެ އަންހެނުން ވެސް ފަރުދާގެ އަނެއް ފަރާތުގައި ތިބެފައި ފަރުދާ ފަޅާލާފައި ނުކުންނަނީ އެވެ. ދުނިޔެ އަށް އަންނަ ބަދަލުތަކެއް ނުހިފެހެއްޓޭނެ އެވެ. އަވަހަށް، ނުވަތަ ލަހުން ޖެހޭނީ ތަބައަވާށެވެ.