Roadha Mihaaru
އެމްޑީޕީގެ ވެރިކަން އައީ އަންހެނުންގެ ސަބަބުން: މާރިޔާ

އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ އަންހެނުންގެ ސަބަބުން: މާރިޔާ

07 މާޗް 2017

އެމްޑީޕީއަށް 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ލިބުނީ ޕާޓީގެ އަންހެނުން އެ ފުރުސަތު ހޯދައިދިނުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްޑީޕީއަށް 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ލިބުނީ ޕާޓީގެ އަންހެނުން އެ ފުރުސަތު ހޯދައިދިނުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު ވިދާޅުވީ ވެރިކަމުގެ ކުރިން، އިސްލާހަށް އެ ޕާޓީން ނިކުމެ ރާއްޖޭގެ ހުރިހާ ތަނަކަށް ދަތުރުކުރި އިރު ކުރީ ސަފުގައި ތިބީ އަންހެނުން ކަމަށެވެ. އަދި އެ ޕާޓީން ފުރަތަމަ ކުރި މުޒާހަރާތަކުގައި "ޖަޑިބުން"ގެ ގޮތުގައި ވެސް ތިބީ އަންހެނުން ކަމަށާއި އަންހެނުންނަށް މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެބުނެ އޮއްވާ އެ ޕާޓީގެ އަންހެނުން އެކަން ކުރި ކަމަށް މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ޕާޓީތަކުގެ ތެރެއިން، ފިރިހެނުންނާއި އަންހެނުން ވޯޓުލައިގެން އެންމެ ފުރަތަމަ އަންހެން ޗެއާޕާސަނެއް ހޮވީ އެމްޑީޕީންނެވެ.

"އަޅުގަނޑުމެން އަންހެނުން މި ތިބީ އަމިއްލައަށް ހޯދާ ފުރުސަތުތަކުގައި. އަދި އަޅުގަނޑުމެން ފިރިހެނުންނަށް ހޯދައިދޭ ފުރުސަތު އެ މީހުންނަށް ދީގެން އެގޮތުގައި ކުރިއަށް ދާނީ،" އެމްޑީޕީގެ ގިނަ އަދަދެއްގެ އަންހެނުންނާ އެކު ކާނިވާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމުގައި މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ބައެއް އަންހެނުން ބައިވެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެމްޑީޕީން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ބައެއް އަންހެނުން ބައިވެރިވަނީ-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ އަންހެނުން ކެންޑިޑޭޓުންނަށް އެ ޕާޓީން މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަން ފާހަގަކޮށް، މި އެއްވުމުގައި ޕާޓީގެ އާ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އަންހެނުން ސިޔާސީ މައިދާނަށް ނިކުމެ ކުރިއެރުންތައް ހޯދުމަށް ފުުރުސަތުތައް ފަހިކޮށްދިނުން މުހިއްމު ކަމަށެވެ.

އެމްޑީޕީގެ މި އެހީތެރިކަން އިދިކޮޅު ފަރާތްތަކުން ތަފާތުކުރުން ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޕާޓީން އެކަން ކޮށްދޭނެ ކަމަށާއި އަންހެނުންނަށް މާލީ އެހީތެރިކަން ދިނުމަށް ނިންމީ ވެސް އެ މީހުންނަށް އެ ފުރުސަތުތައް އިތުރަށް ތަނަވަސްކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިންސާފުވެރި އިސްކަމެއް. އެ ފުރުސަތުތައް ދީގެން ނޫނީ އެ މީހުންނަށް އެކަން ކުރުމަށް ގިނަ ފަހަރު ދަތިވާނެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަދަ ކަންކަމުގައި އަންހެނުންނަށް ހިތްވަރު ދިނުމަށް، ލޯކަލް އިންތިހާބުގެ އިތުރުން އެހެން ހުރިހާ އިންތިހާބެއްގައި ވެސް ވާދަކުރާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކާނިވާ ސަރަހައްދުގެ ވަރަށް ކުޑަ ތަންކޮޅެއްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ އަންހެނުންގެ ދުވަހުގެ ބައްދަލުވުމެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމަށް ސަރުކާރުގައި އެދުމުން އެ ޕާޓީއަށް ދިނީ "ބަކަރި ކޮއްޓެއްހާ ކުޑަ ތަންކޮޅެއް" ކަމަށެވެ. އަދި ފެންސުތަކުގައި ދިދައެއް ޖަހަން ވެސް ފުލުހުން ހުއްދަ ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމަށް ގޮސް ތިބި ގިނަ ބަޔަކު ތިބީ ޕާކްކޮށްފައި ހުރި ވެހިކަލްތަކުގެ ދޭތެރޭ ވަރަށް ދަތި ގޮތަކަށެވެ.

އެމްޑީޕީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ޕިކަޕެއްގެ މައްޗަށް އަރާ ވަޑައިގެން: މި ބައްދަލުވުން ބާއްވަން ލިބުނީ ވަރަށް ކުޑަ ޖާގައެއް-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެމްޑީޕީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ޕިކަޕެއްގެ މައްޗަށް އަރާ ވަޑައިގެން: މި ބައްދަލުވުން ބާއްވަން ލިބުނީ ވަރަށް ކުޑަ ޖާގައެއް-- ފޮޓޯ: ހުސެން ވަހީދު/ މިހާރު

ހަސަން ވިދާޅުވީ ކިތަންމެ ކުޑަ ޖާގައެއް ދިން ނަމަވެސް، އަދި ދެ ޕިކަޕުގެ ދޭތެރޭގައި ތިބެން ޖެހުނު ކަމުގައި ވިޔަސް ޕާޓީގެ މެމްބަރުން ދެމިތިބޭނެ ކަމަށާއި އެކަން އޮންނަނީ ލިބޭ ޖާގައަށް ބަލާފައި ނޫން ކަމަށެވެ.

"އެ މީހުން ފައިސާއަށް ވުރެ ބޮޑަށް ޕާޓީ ދެކެ ލޯބިވޭ،" އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދުގެ އިތުރުން މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ.