Roadha Mihaaru
ތުއްތު ދަރިފުޅާ އެކު އޮފީހުގައި އުޅެވެން ޖެހޭ: ރައީސް

ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭ ގޮތް ހަަދަން ޖެހޭ: ރައީސް

07 މާޗް 2019

އޮފީސްތަކުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް އެ މީހުންގެ ތުއްތު ކުދިން ގޮވައިގެން އޮފީހުގައި އުޅެވޭ ގޮތް ހަދަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އޮފީސްތަކުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް އެ މީހުންގެ ތުއްތު ކުދިން ގޮވައިގެން އޮފީހުގައި އުޅެވޭ ގޮތް ހަދަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ކ. މާފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދަރިން ލިބުމުން އަންހެނުން ވަޒީފާ ދޫކޮށްލަން ޖެހޭ ހާލަތު ނައްތާލަން ޖެހޭ ކަމަށެވެ.

"މި ދެންނެވި ހާލަތު އަންހެނުންނަށް މެދުވެރިވަނީ ޒަވާޖީ ހަޔާތެއް ފެށުމުން އެހެން ނޫނީ ދަރިއަކު ލިބޭ ހިސާބުން. އެހެންކަމުން ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މިހާރު ވެސް ކުރަން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެނުންނަށް ފަސޭހަ ކޮށްދިނުމަށް، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް، މިއަދުން ފެށިގެން އަންހެނުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ހަމަޖެއްސެވިކަން ރައީސް ވަނީ އިއުލާން ކުރައްވައިފަ އެވެ. އަންހެނުން ވިހެއުމުން ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަސް ކަމަށް ވިޔަސް މިއަދުން ފެށިގެން އެ މުއްދަތު ވަނީ އެއް މަހަށް އިތުރުކޮށްދީފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ފަޚުރުވެރި އާއިލާއެެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނީ ތުއްތު ދަރިފުޅު އުފަންވާ ހިސާބުންނެވެ.

"ފަޚުރުވެރި އާއިލާއެއް ބިނާކޮށްދިނުމަށް މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނީ ތުއްތު ދަރިފުޅު މި ދުނިޔެ އަށް ލާ ފުރަތަމަ ނޭވަޔާ އެކު،" ރައީސް ވިދާޅުވި އެވެ.

ގާނޫނު އިސްލާހުކުރުމަކުން ނުފުދޭ

އަންހެނުން ބާރުވެރިކުރުވަން ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ހަމައެކަނި ގާނޫނު އިސްލާހުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ގާނޫނުގެ އިތުރުން "އެކަން ކުރުމުގެ [އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަ ފުރުސަތު ހޯދައި ދިނުމުގެ] ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަން އެބަ ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފުއްޓަށް ވަޑައިގެން ކުޑަކުއްޖަކާއެކު.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފުއްޓަށް ވަޑައިގެން ކުޑަކުއްޖަކާއެކު.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ރާއްޖޭގެ އަންހެނުންގެ ހާލަތާ ބެހޭ ގޮތުން ރައީސް ވިދާޅުވީ ސިވިލް ސާވިސްގެ ތިން ބައިކުޅަ ދެ ބަޔާ ގާތްކުރާ އަދަދަކަށް އަންހެނުން ތިބި ނަމަވެސް މަތީ ފަންތީގައި އަންހެނުން މަދު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރިކުރުވާ ވާހަކަ ދައްކާ އިރު އެ ސަގާފަތް ވެސް ބަދަލުކުރަން ޖެހެ އެވެ.

"މިއީ އެއްވެސް ހަމަޔަކުން ބަލާއިރު، މިކަން ވާން ޖެހޭނެ ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު، ބަދަލުކުރަން ޖެހިފައިވާ ސަގާފަތެއް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައި ވެސް، މަތީ މަގާމުތަކުގައި، އަންހެނުންގެ ހިއްސާ، މިހާރަށް ވުރެ ބޮޑަށް އިތުރުކުރަން،" ރައީސް ވިދާޅުވި އެވެ.

އެމަނިފާނުގެ ސަރުކާރުގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތުން މަތިކަން ފާހަގަކުރެއްވި އެވެ. އެގޮތުން 20 ވަޒީރުން ތިއްބެވި އިރު އޭގެ ތެރެއިން ހަތް ވަޒީރުން ނުވަތަ 35 ޕަސެންޓަކީ އަންހެން ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"މިއީ ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.