Roadha Mihaaru
ހުރިހާ ދިމާލަކުން ވެސް އަންހެނުންގެ ހިތްވަރު

ހުރިހާ ދިމާލަކުން ވެސް އަންހެނުންގެ ހިތްވަރު

08 މާޗް 2021

އަންހެނުންނަށް ހުރި ގޮންޖެހުންތައް ގިނަ އެވެ. އެކަމަކު ބުރަ މަސައްކަތާއި ހިތްވަރުން އެ ހުރަސްތައް ގިރާކޮށް ކާމިޔާބު ހޯދި އަންހެނުން ގިނަ އެވެ. ގައުމުގެ ކުރީ ސަފުގަ އެވެ. މިހާރު ކުރިމަތިވެފައިވާ ކޮވިޑު-19 ކޮންޓްރޯލްކުރުމުގައި ވެސް އަންހެނުންގެ ދައުރު ވަރަށް ބޮޑެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެނުންނަށް ހުރި ގޮންޖެހުންތައް ގިނަ އެވެ. އެކަމަކު ބުރަ މަސައްކަތާއި ހިތްވަރުން އެ ހުރަސްތައް ގިރާކޮށް ކާމިޔާބު ހޯދި އަންހެނުން ގިނަ އެވެ. ގައުމުގެ ކުރީ ސަފުގަ އެވެ. މިހާރު ކުރިމަތިވެފައިވާ ކޮވިޑު-19 ކޮންޓްރޯލްކުރުމުގައި ވެސް އަންހެނުންގެ ދައުރު ވަރަށް ބޮޑެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހު ނަމޫނާގެ ގޮތުގައި ދައްކާނެ އެތައް އަންހެނުންނެއް އެބަ ތިއްބެވެ. މިއީ ވެސް އެކި ހުރަސްތައް ގިރާކޮށް ގޮންޖެހުންތަކާ އެކު ވެސް ކާމިޔާބީއާ ހިސާބަށް ގޮސްފައިވާ ބައެއް އަންހެނުންގެ ވާހަކަ އެވެ. މިއީ "ބެނެފިޓް" އަދި "ލެކިއުޓް" ގެ ފޭސްބުކް ޕޭޖުން ގެނެސްދިން ވާހަކަތަކުގެ ތެރެއިން ހޮވާލި ތިން ނަމެކެވެ.

އާމިނަތު ލީލާ: އެކަނިވެރި ދިރިއުޅުމުގެ އެންމެ ބޮޑު ހިތްވަރަކީ އަންހެން ދަރިފުޅާއި މަންމަ

އޯ ލެވެލް ނިންމިތާ ކުޑަ ދުވަސްކޮޅެއް ފަހުން ކުރި އަލަތު ކައިވެނީގައި ފިރިމީހާގެ "އެޑިކްޝަން"ގެ ސަބަބުން ތަހައްމަލުކުރަން ޖެހުނީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އެވެ. އެކަމަކު މުސްތަގުބަލަށް ވިސްނައި، ކައިވެންޏަށް ދެ އަހަރު ނުވަނީސް އަލަތު ދަރިފުޅަށް އަށް މަހުގައި އާމިނަތު ލީލާ ވަރިވީ އެވެ. ނަމަވެސް، އޭނާ ބުނާގޮތުން އެކަނިވެރި މަޔަކަށްވެ ވަޒީފާއެއް ނެތުމަކީ ވެސް ބޮޑު ވޭނެކެވެ.

އެ ދުވަސްވަރު އެކި މީހުންގެ ފަރާތުން އަޑުއިވުނީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނެ ވާހަކަތަކެއް ނޫނެވެ. ދިރިއުޅުމުގައި ފެއިލްވެ، ހުސް އަތާ ހުންނަން ޖެހެނު އަންހެނެއް ކަމަށް ބުނެ އެވެ.

"އެކަމަކު އެ މީހުން ފެއިލްވެފައިވަނީ އަހަރެންގެ ކައިރީގައި އަންހެން ދަރިފުޅާއި މަންމަ ތިބި ތަން ފެނުމަށް. އަހަރެން ބޭނުންވި ހުރިހާ އެއްޗަކީ ވެސް އެއީ،" ސެން ޓީޗަރެއްގެ އިތުރުން ގާލް ގައިޑް ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ލީލާ ބުންޏެވެ.

ލީލާގެ މަންމަ، އޭނާގެ ތިން ދަރިން ބަލައި ބޮޑުކުރީ ވެސް ބައްޕައެއްގެ އަދި އެހެން މީހެއްގެ އެހީތެރިކަމާ ނުލަ އެވެ.

ހޮޓަލެއްގައި ކޭޝިއަރެއްގެ ވަޒީފާ އާއި ޑްރަގް ކައުންސެލަރެއްގެ ގޮތުގައި މަސައްކަތްކުރި ލީލާ ފެށީ "ސުމަކުން"ނެވެ. އަހަރުތަކެއްގެ ފަހަތަށް ޖެހިލާއިރު 17 އަހަރުގެ ދަރިފުޅު ބަލަމުން އޭނާ އަންނަނީ އިންކްލޫސިވް އެޑިއުކޭޝަން އިން މާސްޓާސް ހަދަމުންނެވެ.

ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހަކީ، ހުރި ހަމައެކަނި ދަރިފުޅު ސްކޫލު ޑެޕިއުޓީ ކެޕްޓަން އަށް އައްޔަންކޮށް އަދި އޯ ލެވެލް އިން ގައުމީ ގަދަ 8 ވަނައިގައި ހިމެނުނު ދުވަހެވެ.

"ފަހުރުވެރި ކޮށްދިނުމުގައި ދެމި ހުންނާނެ ކަމަށް އުއްމީދުކުރަން. އޭނާގެ ބައްޕަގެ އެހީތެރިކަމާ ނުލައި ހުރިހާ ކަމެއް ކޮށްދެވިއްޖެ،" ލީލާ ބުންޏެވެ.

އޭނާގެ ދިރިއުޅުމުން ދަސްވި އިބުރަތަކީ ހިތްވަރު އެލުވާނުލުމެވެ. ތިމާގެ އަގު ހިފަހައްޓައި އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރުމެވެ.

"ޕައުޝީ ބުކްސް"، ރިޒޫގެ ފޮތް ކަލެކްޝަން

އާމްދަނީ ހޯދޭނެ އެކި ގޮތްތަކުގެ މުހިއްމުކަން ރިޒޫ އަށް ވިސްނުނީ ކޮވިޑު-19 ގައި ކުރިމަތިވި ގޮންޖެހުންތަކުގެ ތެރޭގަ އެވެ. އަލަތު ދަރިފުޅަށް ބަނޑުބޮޑުވުމާ އެކު އޭރު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވީ ވެސް އަނބުރާ 2-3 އަހަރު ފަހުން މަސައްކަތަށް ނުކުންނަ ގޮތަށެވެ.

އެކަމަކު 10 އަހަރު ފާއިތުވެގެން ދިޔައިރު ރިޒޫގެ ހުރިހާ ކަމެއް ބަރޯސާވެގެން ދިޔައީ ފިރިމީހާއަށެވެ.

އަމިއްލަ އަށް މަސައްކަތްކޮށް އާމްދަނީ ހޯދުމުގެ ހިޔާލު އައީ އެ ހިސާބުންނެވެ.

އޮންލައިންކޮށް ޑިޖިޓަލް ޑިޒައިނާއި އިލަސްޓްރޭޝަން ދަސްކުރި އެވެ. ކުޑަކުދިންނަށް ހާއްސަ "ޕައުޝީ ބުކްސް" ތައާރަފްކުރި އެވެ.

ރިޒޫ ބުނީ އުއްމީދުކުރި ވަރަށް ވުރެ އެ މަސައްކަތް މާ ކާމިޔާބު ކަމަށެވެ. ދަރިފުޅު ކައިރީގައި ހުރެގެން ހިތްހަމަޖެހޭ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދޭނެ ގޮތް ވުމުން އޭނާ ހުރީ އުފަލުން ފުރިފަ އެވެ.

"ކަމެއް ފެށުމަށް ފަސްޖެހިފައި ތިބި މީހުންނަށް ބުނެލާނީ އެ ފުރަތަމަ ފިޔަވަޅު އަޅަން ފަސްނުޖެހޭށޭ.." ރިޒް ބުންޏެވެ.

ނަޒާގެ ކްރާފްޓް ސްޓޫޑިއޯ

އަމިއްލަ ކްރާފްޓް ސްޓޫޑިއޯއެއް ހަދައިގެން މަސައްކަތް ކުރާ ނަޒާ ދޭ ނަސޭހަތަކީ ރަނގަޅަށް ކުރަން އެނގޭ މަސައްކަތެއް އަމިއްލައަށް ފާހަގަކުރުމެވެ. އެއަށްފަހު އެކަމާ ގުޅޭ ވަޒީފާއެއް ނުވަތަ ވިޔަފާރިއެއް ފަށާށެވެ. އެއީ ކުޑަ ދަރިފުޅާއެކު މަސައްކަތް ކުރަމުން އަންނަ ނަޒާ ބުނާގޮތުން، ކުރިއަށް ދިއުމަށް ވަރަށް ބޮޑު އެހީއެކެވެ.

އޭނާގެ މަސައްކަތުން ދަސްވި ކަމަކީ އާދައިގެ ގޮތަކުން ކަމެއް ފަށައި ކުރިއަށް ދިއުމަށެވެ. އެއްފަހަރާ ބޮޑެތި ކަންތައްތައް ކުރާކަށް ނުޖެހެ އެވެ. ވަގުތާއި ބުރަ މަސައްކަތާއެކު ކުރިއަށްދެވޭނެކަން ގަބޫލުކުރަން ޖެހޭކަމަށް ނަޒާ ބުންޏެވެ.

ނަޒާ ދޭ ނަސޭހަތަކީ މިއީ އެވެ؛ އަމިއްލަ ނަފްސަށް ތެދުވެރިވާށެވެ.