Roadha Mihaaru
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!

ސަނާ، ނާއީ، މުނާ: މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!

08 މާޗް 2022

ރިސޯޓު ވަޒީފާއެކޭ ބުނުމުން ފުރަތަމަ އެއްބާރުލުމެއް ނުލިބުނެވެ. އަޑުއަހަން ޖެހުނީ އެތަނަށް ނުދާންވީ ގިނަ ސަބަބުތަކެކެވެ. އަންހެން ކުދިން އުޅެން ކަމުދާ ދާއިރާއެއް ނޫނެވެ. އަހުލާގު ގޯސްވެދާނެ އެވެ. ދިރިއުޅުން ގެއްލިދާނެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިސޯޓު ވަޒީފާއެކޭ ބުނުމުން ފުރަތަމަ އެއްބާރުލުމެއް ނުލިބުނެވެ. އަޑުއަހަން ޖެހުނީ އެތަނަށް ނުދާންވީ ގިނަ ސަބަބުތަކެކެވެ. އަންހެން ކުދިން އުޅެން ކަމުދާ ދާއިރާއެއް ނޫނެވެ. އަހުލާގު ގޯސްވެދާނެ އެވެ. ދިރިއުޅުން ގެއްލިދާނެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ސަފުން އަންހެނުން އެއްފަރާތްކޮށްލައި، ފަހަތަށް ޖެއްސީ މުޖުތަމައުގައި ކުރިއަށް ނެރުނު މި ވިސްނުމެވެ.

ސަނާ މުހައްމަދާއި ހައްވާ ނާއިޝާ (ނާއީ) އާއި މުނާ މުހައްމަދު ހިމެނުނީ އެ ވިސްނުން ބަދަލުކޮށްލަން ހިތްވަރުކުރި ޒުވާނުންގެ ތެރޭގަ އެވެ. ގޮންޖެހުންތަކާ ކުރިމަތިވިޔަސް ކުރިއަށް އެޅި ފިޔަވަޅާ މެދު ތިން މީހުން މި ދާއިރާގައި ހަމަޖެހިލީ ހިތްހަމަޖެހިގެންނެވެ.

ޅ. ފުށިފަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންނަށް، ދިވެހިންގެ މެހްމާންދާރީގެ ނަމޫނާ ދެއްކުމުގައި އިސް ސަފުން ފެންނަނީ އެ ހިނިތުންވުމެވެ. ޓޫރިޒަމް ދާއިރާއަކީ އަންހެނުން ކަމުދާ މާހައުލެއް ނޫން ކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަން އެ މީހުން އަންނަނީ ދައްކައި ދެމުންނެވެ.

ނާއީ (ވ) އާއި މުނާ (މ) ރިސޯޓުގެ މެނޭޖަރާ އެކުގައި: އަންހެނުން ރިސޯޓް ދާއިރާގައި އުޅެން ނުވާނެ ކަމަށް ބުނާ ވިސްނުމާ އެ ދެ މީހުން ދެކޮޅު.

ނާއީ (ވ) އާއި މުނާ (މ) ރިސޯޓުގެ މެނޭޖަރާ އެކުގައި: އަންހެނުން ރިސޯޓް ދާއިރާގައި އުޅެން ނުވާނެ ކަމަށް ބުނާ ވިސްނުމާ އެ ދެ މީހުން ދެކޮޅު.

ތިން މީހުން ވެސް ގަބޫލުކުރާ ގޮތުގައި ޓޫރިޒަމް ދާއިރާގައި، ފިރިހެނުންނަށް ކުރިމަތިނުވާ އުނދަގުލެއް، އަންހެނަކަށް ވީތީ ތަހައްމަލް ކުރަން ޖެހިގެން ނުވާނެ އެވެ. ޓޫރިޒަމަށް 50 އަހަރު ފުރުމުގެ އުފާވެރިކަން މި އަހަރު ފާހަގަކުރިޔަސް، އެ ހިސާބަށް ދެވޭނެ ދެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެކަމަކު މި ދާއިރާއަށް އޮތް ގަބޫލުކުރުމެއްގެ މައްޗަށް އެ ތިން މީހުން ކުރި ހޯދައިފި އެވެ.

ވިސްނުމެއް އެއްފަރާތްކޮށްލުމުގައި ނަމޫނާ ދެއްކި ބައެއްގެ ގޮތުގަ އެވެ.

ސަނާގެ 10 އަހަރުގެ ތަޖުރިބާ

ޓޫރިޒަމް ދާއިރާއަށް ސަނާގެ ޝައުގުވެރިކަން އުފެދުނީ، މީގެ ދިހަ އަހަރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަޒީފާގައި އުޅެނިކޮށެވެ. ރިސޯޓެއްގެ ވަޒީފާއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން، އާއިލާ އިން ހިތްހަމައެއް ނުޖެހުނެވެ. އަންހެނަކު ޒުވާން އުމުރުގައި ރިސޯޓަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނަސޭހަތް ދިނެވެ.

"މަންމަމެން ވަރަށް ހާސްވެގެން އުޅުނު. ފެމިލީ މީހުންގެ ތެރޭގައި ވެސް ރިސޯޓެއްގައި ވަޒީފާ އަދާކުރާ އަންހެން ކުއްޖަކު ނެތުމަކީ އެތަނަށް ނުދާން ޖެހޭ ސަބަބެއްގެ ގޮތުގައި ކިޔައިދިން،" ސަނާ ބުންޏެވެ.

ސަނާ: ޓޫރިޒަމް ދާއިރާއަށް އޭނާ އޮތް ޝައުގުވެރިކަން އަންނަނީ ބޮޑުވަމުން.

ސަނާ: ޓޫރިޒަމް ދާއިރާއަށް އޭނާ އޮތް ޝައުގުވެރިކަން އަންނަނީ ބޮޑުވަމުން.

ސަނާ ދިން ޔަގީން ކަމަކީ، ވަކި ދާއިރާއެއްގައި އުޅުމަކުން އޭނާ ބަދަލުވާން ޖެހޭ ސަބަބެއް ނެތް ކަމެވެ. އެ އިތުބާރު އާއިލާގެ ތެރޭގައި އުފައްދަން އަހަރެއްހާ ދުވަސް ނެގި އެވެ. ވަޒީފާގައި ހަރުފަތެއް ގިރާކުރަމުން ގޮސް ސަނާ އަކީ މިހާރު ފުށިފަރުގެ ހިއުމަން ރިސޯސަސް އެންޑް ޓްރޭނިން މެނޭޖަރެވެ.

ސަނާ: އޭނާ އަންނަނީ ފުށިފަރުގައި ޒިންމާދާރު، އިސް މަގާމެއް އަދާކުރަމުން: އޭނާއަކީ މި ދާއިރާއަށް ވަންނަ އެހެން އަންހެނުންނަށް ނަމޫނާއެއް.

ސަނާ: އޭނާ އަންނަނީ ފުށިފަރުގައި ޒިންމާދާރު، އިސް މަގާމެއް އަދާކުރަމުން: އޭނާއަކީ މި ދާއިރާއަށް ވަންނަ އެހެން އަންހެނުންނަށް ނަމޫނާއެއް.

އެކި މީހުންގެ ފަރާތުން އުނދަގޫ، އަޑުއަހަން ބޭނުން ނުވާ ވާހަކަތަކެއް ވެސް އިވުނެވެ. އަންހެނަކަށް ވީތީ ފަސްޖެހެން ޖެހޭ ކިތަންމެ ސަބަބެއް ކުރިމަތި ކުރުވި އެވެ.

"މި ހިސާބަށް އާދެވުނީ އުނދަގޫތަކަކަށް ފަހު. އެންމެންނަށް ވިސްނައިދިނުމާއި ވަޒީފާގައި ހޭދަވީ ދުވަސްތަކުން އެކަން ދައްކައިދޭން ޖެހުން. އެ ދުވަސްތަކުން އާއިލާ އަށް ވެސް ފެނުނީ މާބޮޑަށް ޒިންމާދާރުވީ ތަން، ކެރިއާ އަށް ވިސްނާކަން. އެ ހިސާބުން އާއިލާ ވަރަށް ސަޕޯޓިވް. ގިނަ ބައެއްގެ ތެރޭގައި އޮތް ވިސްނުންތަކަކީ ހަގީގަތެއް ނޫން ކަން ވެސް ގަބޫލުކުރި،" ސަނާ ކިޔައިދިނެވެ.

"އާއިލާ ތެރޭގައި އެ ވިސްނުން ބަދަލުކޮށްލެވުނީމަ ހަގީގަތުގައި ވެސް ވަރަށް އުފާވި. ވަރަށް ހިތްހަމަޖެހޭ."

ރާއްޖޭގެ ނިސްބަތުން ކުޑަ ރިސޯޓަކަސް ފުށިފަރުން އަމާޒު ހިފާފައި ވަނީ އެތަނުގެ 50 ޕަސެންޓަކީ އަންހެނުންނަށް ހެދުމެވެ. އެ އަމާޒަށް ވާސިލްވުމުގައި ސަނާގެ ދައުރު ބޮޑުއިރު، އެތަނުގެ 25 ޕަސެންޓަކީ މިހާރު އަންހެނުންނެވެ. މީގެ ތެރޭގައި، ޅ. އަތޮޅުގެ އެކި ރަށްތަކުގެ އަންހެނުން ވެސް އުޅެ އެވެ.

ެެެެެ

ެެެެެ

މި ޒިންމާގައި ސަނާ ހުރީ އަދިވެސް ފަހަތަށް ޖެހޭކަށް ނޫނެވެ. އޭނާގެ ތަޖުރިބާ އަކީ މި ދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް ހިތްވަރެކެވެ.

ނާއީގެ ނަމޫނާ އިން ޝައުގުވެރިކަން އުފެދޭ

ޓޫރިޒަމް ދާއިރާއަށް ނާއީ ވަނީ އޯ ލެވެލް ނިންމި ގޮތަށެވެ. ފުށިފަރުން ހުޅުވާލި އިންޓާންޝިޕެއްގައި ބައިވެރިވި ކުރި ތަޖުރިބާ އޭނާއަށް މާބޮޑަށް ކަމުދިޔައީ އެވެ. އެކަމަކުު ނާއީއަށް ވެސް ފުރަތަމަ ކުރިމަތިލާން ޖެހުނީ އާއިލާގެ ނުރުހުމާ އެވެ.

ނައިފަރާ ދުރު ނޫން ރިސޯޓަކަސް ފުށިފަރަށް ނާއީ ފޮނުވަން މަންމަ ބޭނުން ނުވި އެވެ. މަންމަގެ ސިކުނޑީގައި ވެސް ހަރުލާފައި ހުރީ އެކި މީހުން ދައްކާ ވާހަކަތެކެވެ. އެއްބަސްވެ ނާއީ ފޮނުވީ ހިތާ ދެކޮޅަށެވެ.

ފުޑް އެންޑް ބެވަރޭޖްގައި ނާއީ މަސައްކަތް ފެށިއިރު މުޅިންހެން ތިބީ ފިރިހެނުންނެވެ. އަޑުއިވިފައި ހުރި ވާހަކަތަކުން ފުރަތަމަ ބިރު ގަތެވެ. ޖެހިލުން ވެސް ވި އެވެ. އެކަމަކު، އެ އުނދަގޫތަކުން އަރައިގަތުމުގައި އެކުގައި މަސައްކަތްކުރި ދިވެހި ފިރިހެނުންގެ އެއްބާރުލުން ނާއީ ފާހަގަކުރި އެވެ.

ނާއީ ޑިއުޓީގައި: ރިސޯޓުގައި އޭނާގެ ތަޖުރިބާ ކިޔައިދިނުމުން ޝައުގުވެރިވެ މި ދާއިރާއާ ގުޅުނު އަންހެނުންތަކެއް ވެސް އެބަތިބި.

ނާއީ ޑިއުޓީގައި: ރިސޯޓުގައި އޭނާގެ ތަޖުރިބާ ކިޔައިދިނުމުން ޝައުގުވެރިވެ މި ދާއިރާއާ ގުޅުނު އަންހެނުންތަކެއް ވެސް އެބަތިބި.

"ވަރަށް ހިތްހަމަޖެހިގެން ރިސޯޓުގައި މިއުޅެނީ. ކޮންމެ ދުވަހަކު ވެސް ޑިއުޓީ ފަށައި ގެސްޓުން ރިސީވްކޮށް، ބުފޭ ކިޔައިދީ އެ މީހުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ ލިބޭ އުފަލެއް،" ނާއީ ބުންޏެވެ.

އޭނާގެ ތަޖުރިބާ ހިއްސާކޮށް، މި ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ނާއީ ހިތްވަރުދެ އެވެ. ޅ. އަތޮޅުން ހަ ޒުވާނަކަށް އޭނާ މެދުވެރިވެ އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށްދިނެވެ. ބައެއް މީހުން އެކި ރިސޯޓުތަކުގައި މަސައްކަތް އެބަކުރެ އެވެ.

ނާއީގެ އާއިލާ އިން އޭނާއާ ދޭތެރޭގައި މިހާރު ފަހުރުވެރިވެ އެވެ.

"މަންމަ ފަހުން ނާއީ ގާތު ބުނި [އަންހެން] ކޮއްކޮ ގާތުގައި ވެސް ބުނަންވީ ނޫންހޭ ޝައުގުވެރިކަން ހުރިއްޔާ ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން. ވަރަށް އުފާވޭ، މި ދާއިރާ އިން ކޮއްކޮ ކިޔަވާތީ،" ނާއީ ބުންޏެވެ.

ރިސޯޓުގައި އުޅެ، ކައިވެނިކުރުމުން ދެން އަޑުއަހަން ޖެހުނީ ވަޒީފާ ދޫކޮށްލަން ޖެހޭނެ ކަމަށް ދެއްކި ވާހަކަތަކެވެ. އެކަމަކު އެ ވެސް ނާއީ ގަބޫލުކުރާ ގޮތެއް ނޫނެވެ. ރިސޯޓެއްގައި މަސައްކަތް ކުރާ އަންހެނަކު ދިރިއުޅުމެއް ފަށާ ހިސާބުން ވަޒީފާ ދޫކޮށްލާކަށް ނުޖެހެ އެވެ. މިކަމުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާ އެވެ.

"މެރީކޮށްގެން ޖޮބުގައި ނޫޅެވޭނެއޭ، ދެ މީހުން މައްސަލަ ޖެހޭނެއޭ ވެސް ބުނި. ދެ އަހަރު ވެއްޖެ ކައިވެނިކުރިތާ، އުނދަގުލެއް ނޫން ޖޮބުގައި އުޅޭކަށް. އެހެން ބުނާ އެންމެން ގާތުގައި ވެސް މި ބުނަނީ ގޯސް ގޮތަކަށް ނޫޅޭނަމޭ ރިސޯޓު ވަޒީފާއެކޭ ކިޔާފައި،" ނާއީ ބުންޏެވެ.

މުނާ ދެކޭ ގޮތުގައި ފުރުސަތުތައް ގިނަ، ކުރިއަށް ދެވޭނެ

ބޭރުގައި ކިޔަވަން އުޅެފައި ޓޫރިޒަމް ދާއިރާއާ މުނާ ވެސް ގުޅުނީ އިންޓާންޝިޕް ފުރިހަމަ ކުރާށެވެ. ވައްކަރު މޯލްޑިވްސް އިން ލިބުނު ފުރުސަތުގައި، މުނާގެ ހިތްވަރަކަށް ވީ އެތަނުގައި އަންހެން މުވައްޒަފުން ގިނަ ކަމެވެ. ބޭރުގެ އަންހެނުން ގިނަޔަސް އޭނާ އަށް އެ ތަޖުރިބާ އިން ފެނުނީ މިއީ އަންހެނުންނަށް ފުރުސަތު އޮތް ދާއިރާއެއް ކަމެވެ.

އެ ރިސޯޓުގެ މާކެޓިން ޓީމުގައި އޭރު ގިނައީ އަންހެނުންނެވެ.

"އިންޓާންޝިޕް ނިންމުނު އިރު ޔަގީންވެއްޖެ ޑިގްރީއަށް ފަހު ކުރިއަށްދާން ބޭނުންވަނީ މި ދާއިރާއިން ކަން. އެކި ރިސޯޓްތަކަށް އެޕްލައިކުރީމަ ވަރަށް ޕޮޒިޓިވް ރެސްޕޯންސެއް ލިބުނީ. މި އިންޑަސްޓްރީގައި އަންހެނުންނަށް ޖާގަ އޮތް ކަން އެނގުނު،" ފުށިފަރުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އެގްޒެކްޓިވްގެ މަގާމު އަދާކުރާ މުނާ ބުންޏެވެ.

"ވަރަށް ހިތްވަރު ލިބޭ މި ރިސޯޓުގެ ލޯކަލް މެނޭޖްމަންޓުގެ ފަރާތުން. އެކި ޑިޕާޓްމަންޓުތަކުގައި އަންހެނުން މަސައްކަތް ކުރަމުން އައުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

ރިސޯޓްތަކަކީ އަންހެނުންނަށް ރައްކާތެރި މާހައުލެއް ނޫން ކަމަށް ބުނާ ވާހަކަ އޭނާ ވެސް ގަބޫލެއް ނުކުރެ އެވެ.

މުނާ ބުނި ގޮތުގައި މި ދާއިރާގައި ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު، އަންހެނުންގެ ބައިވެރިން އަންނަނީ ބޮޑުވަމުންނެވެ. ވިސްނުމަށް ވެސް ބަދަލު އެބަ އާދެ އެވެ.

"އަދިވެސް ބޭނުންވަނީ ގިނަ އަންހެން ކުދިން ޓޫރިޒަމަށް ނުކުތުން. މާކެޓިންގައި ގިނަ އަންހެނުން އުޅޭ ތަން ފެނުމަކީ ހަމަ އުއްމީދެއް، ހުވަފެނެއް. އަޅުގަނޑުމެންގެ ޓޫރިޒަމާއި އަމިއްލަ ސަގާފަތް ކުރިއަރުވައި ޓޫރިސްޓުންނާއި އެހެން ގައުމުތަކަށް ކިޔައިދެވޭނީ ހަމަ ދިވެހިންނަށް،" މުނާ ބުންޏެވެ.

މުނާ: އޭނާ ދެކޭ ގޮތުގައި ޓޫރިޒަމް ދާއިރާއަކީ ގިނަ އަންހެން ކުދިން ކުރި ހޯދުމުގެ ފުރުސަތު އޮތް ދާއިރާއެއް.

މުނާ: އޭނާ ދެކޭ ގޮތުގައި ޓޫރިޒަމް ދާއިރާއަކީ ގިނަ އަންހެން ކުދިން ކުރި ހޯދުމުގެ ފުރުސަތު އޮތް ދާއިރާއެއް.

ހަގީގަތަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ ބޮޑު ޕަސެންޓަކީ އަދިވެސް ފިރިހެނުންނެވެ. މަތީ ތައުލީމަށް ފަހު މި ދާއިރާއާ އަންހެނުން ގުޅެމުން އަޔަސް ނިސްބަތުން މަދެވެ. ރިސޯޓްތަކަކީ އަންހެން އުޅެން ރައްކާތެރި މާހައުލެއްގެ ނޫން ކަމަށް ޒަމާނުއްސުރެން އަށަގެންފައި އޮތް ވިސްނުން އަދިވެސް އޮތުމުންނެވެ.

މި ގަބޫލުކުރުމާ ދެކޮޅަށް ނުކުތް ސަނާ އާއި ނާއީ އަދި މުނާއަށް މި ދާއިރާގެ ކުރިމަގު އުޖާލާ އެވެ. އެ މީހުން ފަހަތަށް ޖެއްސި ވިސްނުމާ ދެކޮޅަށް ކުރި ހޯދުމުންނެވެ. ހިތްވަރު ހޯދަންވީ މި ނަމޫނާ އިންނެވެ.