Roadha Mihaaru

ފާއިޒާ: ގައްދޫގެ ފަހުރު ދަމަހައްޓަނީ ތުނޑުކުނަލުން

08 މާޗް 2022

ގޭގައި މަންމަ ތުނޑުކުނާ ވިޔާތަން ފެންނަން ފެށުމާ އެކު، އެ މަސައްކަތަށް މަރިޔަމް ފާއިޒާގެ ހިތް ލަނބުވައިލި އެވެ. އޭރު، ގދ. ގައްދު އަށް އުފަން ފާއިޒާގެ އުމުރުން އެންމެ 16 އަހަރެވެ. އެކަމަކު، މަންމަ ކައިރިން ކުނާ ވިޔަން ދަސްކުރުމަށް ފަހު، މަންމައަށް ވުރެ ކުރިއަށް ދާން ފެށުމުން އެ މަސައްކަތް ދެން ދަސްކުރީ ރައްޓެއްސެއްގެ އެހީގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގޭގައި މަންމަ ތުނޑުކުނާ ވިޔާތަން ފެންނަން ފެށުމާ އެކު، އެ މަސައްކަތަށް މަރިޔަމް ފާއިޒާގެ ހިތް ލަނބުވައިލި އެވެ. އޭރު، ގދ. ގައްދު އަށް އުފަން ފާއިޒާގެ އުމުރުން އެންމެ 16 އަހަރެވެ. އެކަމަކު، މަންމަ ކައިރިން ކުނާ ވިޔަން ދަސްކުރުމަށް ފަހު، މަންމައަށް ވުރެ ކުރިއަށް ދާން ފެށުމުން އެ މަސައްކަތް ދެން ދަސްކުރީ ރައްޓެއްސެއްގެ އެހީގަ އެވެ.

އޭގެ 40 އަހަރު ފަހުން މިއަދު، ފާއިޒާއަކީ ކުނާ ވިޔުމުގައި މުޅި ރާއްޖެ އަށް މަޝްހޫރު ގައްދޫގައި މިހާރު އެ މަސައްކަތްކުރާ ހައެއްކަ މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ބުރަ މަސައްކަތަކަށް ވާތީ ކުނާ ވިއުމުން ކުރިއަށް ދެވޭނެތޯ ފާއިޒާ، 57، އޭނާގެ އަމިއްލަ ނަފްސާ ވެސް އައީ ސުވާލު އުފައްދަމުންނެވެ.

ނަމަވެސް އުވިގެންދާ ކުނާ ވިއުމުގައި ދެމި ހުރެ، އޭނާގެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރާފައިވުމަކީ ފާއިޒާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެއާއެކު، ގައްދޫގެ ފަހުރު ދެމެހެއްޓޭތީ ލިބޭ އުފާ އެއަށްވުރެ މާ ބޮޑެވެ.

"މިއީ ގައްދުއަށް ދެ ގޮތަށް ވެސް ރަނގަޅު މަސައްކަތެއް. ގައްދޫގެ އެންމެ އާސާރީ މަސައްކަތް، ގައްދޫ ފަހުރުވެރިކުރަން ގައްދޫގެ ތުނޑުކުނާއަކީ. އަނެއް ގޮތަކީ، އަންހެންވެރިން ކުރަން ހާއްސަކޮށް ގައްދޫ އަންހެން ކުދިން ވިޔަން ވަރަށް ރަނގަޅު މަސައްކަތެއް. ރާއްޖޭގެ ބޮޑު ބައެއް މިހާރު މި އޮތީ ފަތުރުވެރިކަމަށް ބަރޯސާވެފައި. އޮންނައިރު އެއީ ނުލާހިކު ރަނގަޅު އެއްޗެއް ވިކޭ، ނުލާހިކު ލިބޭ އެއްޗެއް. މާކެޓުގައި ތަންކޮޅެއް ލިބޭނަމަ ޅަކުދިން ވެސް އުޅޭނެ،" ފާއިޒާ ބުންޏެވެ.

ފާއިޒާ، އޭނާގެ ގޭގައި ތުނޑުކުނާ ވިޔަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ފާއިޒާ، އޭނާގެ ގޭގައި ތުނޑުކުނާ ވިޔަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ގައްދޫގައި ވެސް މިހާރު ތުނޑުކުނާ ވިޔަމުން އަންނަނީ އުމުރުން ދުވަސްވީ އަންހެނުން އެކަންޏެވެ. ވަރަށް މަދުން ނޫނީ ޒުވާނަކު އެ މަސައްކަތް ދަސްކުރާކަށް ވެސް ނޫޅެ އެވެ.

ފާއިޒާ ގަބޫލުކުރާ ގޮތުގައި ޒުވާން އަންހެން ކުދިން ތުނޑުކުނާ ވިޔަން ދަސްނުކުރަނީ އެ މަސައްކަތް ބުރަ ވާތީ އެވެ.

ދުވާލު ހަތަރު ދަމު ދެ ފޫޓު-ދޮޅު ފޫޓު ވިޔުމަށް ފަހު، އެ ވިއުނު އެއްޗެހި ކައިރިކޮށްލާއިރު ހުންނަނީ ބައި ފޫޓު ވަރެވެ. އެ މަސައްކަތް ބުރަ ވިޔަސް ތުނޑުކުނާ ވިއްކާނެ ވަކި ހާއްސަ ތަނެއް ހުންނަ ނަމަ ސިޓިން ރޫމްގައި ވެސް ވިޔާ އެއްޗެހި ބަހައްޓައިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އޭގެ ސަބަބުތައް ވެސް އެބަހުއްޓެވެ.

"ހެދިކާ އެއްޗެހި ހެދުމަށްވުރެ ތުނޑުކުނާއަކީ ކުރަން ހަމަ ވަރަށް ރަނގަޅު މަސައްކަތެއް. އަހަރެން ހުރިހާ މަސައްކަތެއް ކޮށްލާފައި ވެސް މަހެއްގެ މައްޗަށް މިހާރު، ނުވިކޭ އިރު ވެސް، މާކެޓެއް ނުލިބޭއިރު ވެސް 5000-6000ރ. ލިބޭ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކޮށްލާފައި ވެސް."

"ގިނައިން ލިބޭއިރު 10،000ރ. ލިބޭ. އެންމެ ބޮޑެތި ކުނައަކީ 7،000ރ. ފަސްހާސް ރުފިޔާގެ ދެ ކުނާ ވިޔޭނެ ރަނގަޅަށް ލިބޭނަމަ."

އޭނާ ބުނީ 5،000ރ. އަށް ވިއްކާ ކުނައެއް ވިޔަން 20 ދުވަސް ހޭދަވާ ކަމަށެވެ. އެ މަސައްކަތުގައި ކޮންމެ ދުވަހަކު ހެން ގާތްގަނޑަކަށް ހައެއްކަ ގަޑިއިރު ހޭދަކުރެ އެވެ.

ފާއިޒާ، އޭނާ ވިޔެފައި ހުރި ތުނޑުކުނާތަކެއް ދައްކާލަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ފާއިޒާ، އޭނާ ވިޔެފައި ހުރި ތުނޑުކުނާތަކެއް ދައްކާލަނީ.-- ފޮޓޯ: އަމާނީ އަބްދުﷲ/ މިހާރު

ގައްދުއަށް ރައީސެއް އަދި މިނިސްޓަރަކު ވަޑައިގަތަސް، ހަދިޔާއެއްގެ ގޮތުގައި އެ ރަށުގައި ހަދާފައިވާ ތުނޑު ކުނައެއް އަރުވަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި އެކި ޖަމިއްޔާތަކުން ވެސް ކުނާ ހޯދަން އޯޑަރު ދެ އެވެ.

"މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ވަރަށް ރަނގަޅު މަސައްކަތެއް. މީތި އުވިގެން ދާނެތީ ވެސް އަޅުގަނޑު، ފާއިޒާ ހަމަ ވަރަށް ދެރަވޭ. އެކަމަކު ވެސް މިހާރު ފާއިޒާއަށް ވުރެ ހަގު އެންމެ ކުއްޖެއް އުޅެނީ. އެހެންވީމަ، ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ގައްދޫން،" އޭނާ ބުންޏެވެ.

ފާއިޒާ ވަނީ ގައްދޫގެ އިތުރުން އެ އަތޮޅު ފިޔޯރީ އަދި ފުވައްމުލަކުގައި ތުނޑު ކުނާ ވިޔަން ދަސްކޮށްދިނުމުގެ ކޯސް ހިންގައިފަ އެވެ. އަދި އޭނާ އަމިއްލައަށް އިސްވެ، ކޮންމެ އަހަރަކު ވެސް އެއް ޒުވާނަކަށް ތުނޑުކުނާ ވިޔަން ދަސްކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

ރަސްމީ ވަޒީފާއަކަށް ނުދިޔަ ނަމަވެސް ގޭތެރޭގައި މަސައްކަތް ކުރުމަކީ ފާއިޒާ ގަބޫލުކުރާ ގޮތުގައި ދަށް ކަމެއް ނޫނެވެ. އަމިއްލައަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށް އޭނާ ބުނެ އެވެ.