Roadha Mihaaru
އަންހެނުންނަށް ޓަކައި، މި ކުލަބުގެ ހިތްވަރަކީ މިއީ!

އެއްވެސް ފިރިހެނެއްގެ ބައިވެރިވުމެއް ނެތި އަންހެނުންނަށް ފުޓުބޯޅަ!

08 މާޗް 2023

ފުޓްބޯޅައަކީ ފިރިހެނުންނަށް ހާއްސަ ކުޅިވަރެއް ކަމަށް ގަބޫލުކޮށްގެން ތިބި މީހުން އަދިވެސް ގިނަ އެވެ. އެ ވިސްނުމާއި ފިކުރު ބަދަލުކުރަން ނުކުތީ މި ކްލަބެވެ. ވިމެން ފުޓްބޯޅަ ކްލަބްގެ ނަމުގައި މަރިޔަމް މާޔަން މުހައްމަދު އާއި އޭނާގެ އެކުވެރިން ގުޅިގެން އަންހެނުންނަށް ހާއްސަ ފުޓްބޯޅަ ކްލަބް ލޯންޗު ކުރީ 2019 ގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅައަކީ ފިރިހެނުންނަށް ހާއްސަ ކުޅިވަރެއް ކަމަށް ގަބޫލުކޮށްގެން ތިބި މީހުން އަދިވެސް ގިނަ އެވެ. އެ ވިސްނުމާއި ފިކުރު ބަދަލުކުރަން ނުކުތީ މި ކްލަބެވެ. ވިމެން ފުޓްބޯޅަ ކްލަބްގެ ނަމުގައި މަރިޔަމް މާޔަން މުހައްމަދު އާއި އޭނާގެ އެކުވެރިން ގުޅިގެން އަންހެނުންނަށް ހާއްސަ ފުޓްބޯޅަ ކްލަބް ލޯންޗު ކުރީ 2019 ގަ އެވެ.

މި ކްލަބްގެ ދަށުން ހިންގާ ފުޓްބޯޅަ އެކަޑަމީ ހާއްސަކޮށްފައި ވަނީ އަންހެން ކުދިންނަށެވެ. އެ ކުދިންނަށް ކޯޗުކޮށް ދޭން ތިބީ އަންހެން ކޯޗުންނެވެ. އެ ކްލަބް ހިންގައި މެނޭޖުކުރަން ތިބީ އަންހެނުންނެވެ.

ފިރިހެނުންގެ ނުފޫޒުގަދަ ކުޅިވަރުގައި، ފިރިހެނެއްގެ ހިއްސާ އާ ނުލައި، ހިންގާ ހަމައެކަނި ކްލަބަކީ މި އެވެ. ރާއްޖޭގައި ކުޅޭ އިންޓަނޭޝަނަލް ކުޅިވަރުތަކުގެ ތެރެއިން ފިރިހެނެއްގެ ހިއްސާއެއް ނެތި ހިންގާ ހަމައެކަނި ކުޅިވަރު ކްލަބަށް ވެސް ޑަބްލިއުއެފްސީ ވާނެ ކަމަށް މާޔަން ބުންޏެވެ.

މި ކްލަބް ވުޖޫދުކޮށް ހިންގަން ފެށުމުގެ ކުރިން ވެސް މާޔަން އާއި އޭނާގެ އެކުވެރިންގެ ހިއްސާ އަންހެނުންގެ ފުޓްބޯޅައިގައި އޮތެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމެއް އެކުލަވާލަން އެންމެ އިސްކޮށް މަސައްކަތް ކުރި އަންހެނަކީ ވެސް މާޔަން އެވެ.

"އޭރު އަޅުގަނޑު ވަޒީފާ އަށް ވަނީ ޑިވެލޮޕްމެންޓް އޮފީސަރުގެ މަގާމުގައި އެފްއޭއެމް އަށް. އަޅުގަނޑު އެތަނަށް ވަދެފައި 2001 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންގެ ގައުމީ ޓީމެއް ވެސް އެކުލަވާލީ. އެންމެ ފުރަތަމަ ހުރީ ޓީމު އޮފިޝަލެއްގެ ގޮތުގައި،" އޭގެ ފަހުން ގައުމީ ޓީމަށް ފަސް އަހަރު ކުޅުނު މާޔަން ބުންޏެވެ.

އަންހެން ކުދިންނަށް ހާއްސަކޮށް ހިންގާ ފުޓްބޯޅަ އެކަޑަމީގައި އަނެއް މަސްއޫލުވެރިޔަކީ އަންހެން ފުޓްބޯޅައިގެ ހިދުމަތްތެރިޔެއް ކަމަށްވާ އާމިރާ އެވެ.

މާޔަން ބުނި ގޮތުގައި ޑަބްލިއުއެފްސީ އުފެއްދީ ވެސް ރާއްޖޭގައި އަންހެން ފުޓްބޯޅައިގައި ދާއިމީ މަސައްކަތެއް ކުރާނެ އެހެން ބަޔަކު ނެތުމުންނެވެ. ރާއްޖޭގައި އަންހެން ފުޓްބޯޅަ އަށް ހާއްސަ ރަސްމީ މުބާރާތެއް ނެތެވެ. ގައުމީ ޓީމު އަހަރަކު ތިން މެޗެއް ކުޅުން ފިޔަވައި ރަސްމީ ސިފައެއްގައި އަންހެނުންގެ ފުޓްބޯޅައިގެ ހަރަކާތްތަކެއް ނެތެވެ.

އެކަމަކު މާޔަން ބުނީ ފުޓްބޯޅަ ކުޅެން ބޭނުންވާ އަންހެން ކުދިން ގިނަ ކަމަށެވެ. އެ ކުދިންނަށް ނެތީ ފުރުސަތެވެ.

"ފިރިހެން ކުދިންނަށް ބާއްވާ ފިއެސްޓާގައި ވަރަށް ގިނަ ޕޭރެންޓުން އެބަ ބުނޭ ކީއްވެހޭ އަންހެން ކުދިންނަށް ނުބާއްވަނީ. ތިމަންނަގެ އަންހެން ދަރިފުޅު ވެސް ބޭނުން ވެޔޭ ފުޓްބޯޅަ ކުޅެން. އަންހެން ކުދިންނަށް މުބާރާތެއް ނުބާއްވަން ހެއްޔޭ،" މާޔަން ބުންޏެވެ.

"މިއިން އެބަ އެނގޭ އަންހެން ކުދިންގެ ޕޭރެންޓުން ވެސް އެބަ ބޭނުންވާކަން ފިއެސްޓާ އާއި އިންޓަ ސްކޫލް ކަހަލަ އަންހެން ފުޓްބޯޅަ މުބާރާތެއް ވެސް."

ނަމަވެސް އަންހެން ފުޓްބޯޅައިގައި އެފަދަ އެއްވެސް ކަމެއް އަދި ފުރުސަތެއް ނެތެވެ.

"އެ ފުރުސަތު އަންހެނުން އަދި އަންހެން ކުދިންނަށް ނުލިބޭތީ މި ކްލަބް އުފެއްދީ ވެސް،" އޭއެފްސީ އަންހެން ފުޓްބޯލް ކޮމިޓީގެ ކުރީގެ މެންބަރު ބުންޏެވެ.

"އެހެން ބަޔަކު ކުރޭތޯ ބަލަން ނުތިބެ އަންހެނުންތަކެއް އިސްނަގައިގެން ފުޓްބޯޅަ އަށް ޝައުގުވެރިވާ އަންހެން ކުދިންނަށް މަގުދައްކައި ދޭން ފެށި މަސައްކަތެއް މީ."

އެ ކްލަބުން ހިންގާ އެކަޑަމީގައި 50 ކުދިން އެބަތިއްބެވެ. އެ ކުދިންނަށް ކޯޗުކޮށްދޭން ކޮންމެ 25 ކުޅުންތެރިޔަކަށް ކޯޗެއް އެބަހުއްޓެވެ.

މިދިޔަ މަހު ލަންކާގެ އަންހެން ޓީމަކާ ދެކޮޅަށް މާލޭގައި މެޗެއް، ޑަބްލިއުއެފްސގެ ޓީމެއް ކުޅުނެވެ. ކައިރީ ރަށްރަށަށް އެ ޓީމުން ގޮސް އެ ރަށްރަށުން ހޮވާލެވޭ އަންހެން ޓީމުތަކާ ދެކޮޅަށް ކުޅެ އެވެ.

"މިހާރު ވެސް ލަންކާގެ އެ ޓީމުން އެބައޮތް އަހަރެމެން ކްލަބާއެކު ލަންކާގައި މެޗުތަކެއް ކުޅެން އަންނަން ދައުވަތު ދީފައި ވެސް،" ލަންކާގެ އެލިޒަބަތު މޯޔާ އިންޓަނޭޝަނަލް ސްކޫލްގެ އަންހެން ޓީމުން ފޮނުވާފައިވާ ދައުވަތަށް އިޝާރާތްކޮށް މާޔަން ބުންޏެވެ.

ޑަބްލއިއު އެފްސީގެ ބައެއް އޮފިޝަލުން: އަންހެން ކުދިންގެ އެކަޑަމީއެއް އެ ކްލަބުން ހިންގާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑަބްލއިއު އެފްސީގެ ބައެއް އޮފިޝަލުން: އަންހެން ކުދިންގެ އެކަޑަމީއެއް އެ ކްލަބުން ހިންގާ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑަބްލިއުއެފްސީ ދަނޑު ބޭރުން ބަލި ކުރަން ކުރިމަތި ކުރާ ޖެއްސުމާއި ފުރައްސާރަ ވެސް ބޮޑެވެ. ބައެއް ފަހަރު ހުތުރު ބަސްތައް ރައްދު ކުރެ އެވެ. އެކަމަކު މާޔަން އާއި އޭނާގެ އެކުވެރިން ތިބީ ދަނޑު ބޭރުން އަންނަ ހަމަލަތަކުން ބަލި ކުރެވޭ ވަރަށް ވުރެ މާ ގަދަކޮށެވެ. އޭނާ ބުނި ގޮތުގައި އެ ކްލަބްގެ ހަރަކާތްތައް އަންނަނީ ފުޅާވެ ހެދި ބޮޑުވަމުންނެވެ.

"އެކަޑަމީ އަށް ވައްދާ ކުދިންގެ އަދަދު ވެސް ގިނަ ވެއްޖެ. އަދި ކޮންމެ ހަފުތާއަކު ތިން ދުވަހު ކްލަބާ އެކު ކުޅެން ނުކުންނަ އަންހެނުން ވެސް އިތުރު ވެއްޖެ،" އޭޝިއާގެ ފުޓްބޯޅައިގައި ނުފޫޒުގަދަ ފިރިހެން އެގްޒެކެޓިވް ފީފާގެ އެކްސްކޯގެ ކުރީގެ މެންބަރު ކުވައިތުގެ އަހުމަދު އަލް ސަބާހް އާ ދެކޮޅަށް ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓުގެ ޝަރީއަތުގައި ވެސް ކާމިޔާބު ހޯދި މާޔަން ބުންޏެވެ.