Roadha Mihaaru
އަންހެން ރައީސެއްގެ މަލާމާތް އަންހެން ކުޅުންތެރިންނަށް

ޓެންޒޭނިއާގެ އަންހެން ރައީސް އަންހެން ފުޓްބޯޅަ ކުޅުންތެރިން ފިރިހެނުންނާ ވައްތަރު ކަމަށް ވިދާޅުވުމުން ހޫނުފެނަށް

25 އޯގަސްޓް 2021

ގައުމުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސް ސާމިއާ ސުލޫހޫ ހަސަނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގައުމުގެ އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސް ސާމިއާ ސުލޫހޫ ހަސަނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސަރަހައްދީ ފުޓްބޯޅަ މުބާރާތެއްގައި ޓެންޒޭނިއާގެ 23 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމް ހޯދި ކާމިޔާބީ ފާހަގަކުރަން އާދީއްތަ ދުވަހު ބޭއްވި ހަފުލާއެއްގައި ސާމިއާ، 61، ވިދާޅުވީ ފުޓްބޯޅަ އަކީ ފިރިހެނުންގެ ކުޅިވަރެއް ކަމަށާއި އަންހެނުން ފުޓްބޯޅަ ކުޅުން ވަރަށް ހުތުރު ކަމަށެވެ.

ފުޓްބޯޅަ ކުޅޭ އަންހެނުންނަކީ މޭމަތި ފްލެޓްކޮށް ހުންނަ ބައެއް ކަމަށް ސިފަކޮށް ސާމިއާ ވާހަކަ ދެއްކެވި އެވެ.

"އެގޮތަށް ތިބޭ ނަމަ ހީވާނީ ފިރިހެނުންހެން. އަންހެނުންގެ ސިފައެއް ނުހުންނާނެ،" އަންހެން ކުޅުންތެރިންނަށް އިޝާރާތްކުރައްވައި ސާމިއާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ އަންހެނުންނަށް ހިތްކިޔާ ގޮތް ނުހުންނަ ކަމަށާއި އެއީ މީހުން ކައިވެނިކުރަން ބޭނުންވާ ސިފަތައް ހުންނަ ބައެއް ނޫން ކަމަށެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ޓްވިޓާގައި ފާޑުކިޔައި، ރައީސް ދެއްކެވި ވާހަކަތަކަށް މާފަށް އެދިވަޑައިގަތުމަށް ގޮވައިލަމުންނެވެ. ބައެއް މީހުން ބުނީ އަންހެން ފުޓްބޯޅަ ކުޅުންތެރިންނާ ބެހޭ ގޮތުން ސާމިއާ ދެއްކެވި ވާހަކަތަކަކީ ހުރިހާ އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ކުރި ފުރައްސާރައެއް ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ.

ސާމިއާގެ ވާހަކަތަކަށް ފާޑުކީ މީހުންގެ ތެރޭގައި ޓެންޒޭނިއާގެ އިދިކޮޅު ޕާޓީ ޗަޑޭމާ ޕާޓީގެ އަންހެނުންގެ ގޮފީގެ ވެރިޔާ އަދި ކުރީގެ އެމްޕީ ކެތެރީން ރަޖް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ރައީސްގެ ވާހަކަތަކަކީ ކުޅިވަރުގެ ތެރޭގައި އުޅޭ އަންހެނުންނަށް ކުޑައިމީސްކިުރުމުގެ ވާހަކަތަކެއް ކަމަށެވެ.

"މިއީ އަންހެނުންގެ ހައްގުތަކަށް ވެސް އަރައިގަތުމުގެ އަމަލެއް،" ކެތެރީން ވިދާޅުވި އެވެ. "އަންހެނުންނަކީ ހަމެކަނި ކައިވެންޏަށް ފުދޭ ބައެއްގެ ގޮތުގައި ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

ސާމިއާގެ ވާހަކަތަކާ ގުޅިގެން، މެންޓަލް ހެލްތު ރިސާޗަރެއް ކަމަށްވާ ސަޖޯމް ވިދާޅުވި ގޮތުގައި އެ ވާހަކަތައްވީ ވަރަށް ބޮޑު ޝޮކަކަށެވެ.

ބައެއް މީހުން ބުނި ގޮތުގައި ގައުމެއްގެ ވެރިކަން ކުރައްވަން ލިބިވަޑައިގަތް އަންހެނެއްގެ ފަރާތުން އަންހެނުންނަށް ރައްދުކޮށް، ޒަމާނާ ނުގުޅޭ އަދި ބޯދާ ވާހަކަތަކެއް ދެއްކުމަކީ ޓެންޒޭނިއާގެ އަންހެނުންގެ ކުރިމަގާ މެދު ވެސް ސުވާލު އުފެދޭ ކަމެކެވެ.