Roadha Mihaaru

ކިޔައި މިދެނީ ރިސޯޓުތަކުން އަންހެނުންނަށް ހުރި ފަހި ފުރުސަތުތަކުގެ ވާހަކަ

ރާއްޖޭގެ ރިސޯޓުތަކުގައި އެތައް ހާސް ބަޔަކު މަސައްކަތް ކުރަމުން އަންނަ އިރު އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ނިސްބަތުން އަދިވެސް ވަރަށް ކުޑަ އެވެ. އެކަމަކު މިދިޔަ 10 ވަރަކަށް އަހަރު އެކަން ކޮންމެވެސް ވަރަކަށް އަންނަނީ ބަދަލުވަމުންނެވެ. ރިސޯޓުތަކުގައި ކަންކަން މެނޭޖު ކުރުގެ ހިސާބުގައި ވެސް އަންހެނުން މަސައްކަތް ކުރާ މަންޒަރު މިހާރު އެބަ ފެނެ އެވެ. އެ ބަދަލު އެންމެ ބޮޑަށް އަޅައި ގަންނަ އެއް ރިސޯޓަކަށް ރ. އަތޮޅުގައި ހިންގާ އަލްޓްރާ ލަގްޒަރީ ރިސޯޓު، ޖޯލި މޯލްޑިވްސް ވާނެ އެވެ.

ޓޫރިޒަމް ސިނާއަތަށް މި ދައްކައިދެނީ ނަމޫނާ މަސައްކަތެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

16 ޖޫން 2025

ރާއްޖޭގެ ރިސޯޓުތަކުގައި އެތައް ހާސް ބަޔަކު މަސައްކަތް ކުރަމުން އަންނަ އިރު އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ނިސްބަތުން އަދިވެސް ވަރަށް ކުޑަ އެވެ. އެކަމަކު މިދިޔަ 10 ވަރަކަށް އަހަރު އެކަން ކޮންމެވެސް ވަރަކަށް އަންނަނީ ބަދަލުވަމުންނެވެ. ރިސޯޓުތަކުގައި ކަންކަން މެނޭޖު ކުރުގެ ހިސާބުގައި ވެސް އަންހެނުން މަސައްކަތް ކުރާ މަންޒަރު މިހާރު އެބަ ފެނެ އެވެ. އެ ބަދަލު އެންމެ ބޮޑަށް އަޅައި ގަންނަ އެއް ރިސޯޓަކަށް ރ. އަތޮޅުގައި ހިންގާ އަލްޓްރާ ލަގްޒަރީ ރިސޯޓު، ޖޯލި މޯލްޑިވްސް ވާނެ އެވެ.

އެ ރިސޯޓުގެ އެންމެ ހާއްސަ އެއް ސިފައަކީ ވެސް އަންނެހުންނަށް ފުރުސަތުތައް ހުޅުވާލާފައިވާ މިންވަރެ އެވެ. ރިސޯޓުގެ ގާތްގަނޑަކަށް 30 ޕަސެންޓު ވަޒީފާގައި މަސައްކަތް ކުރަނީ އަންހެނުންނެވެ. އެއީ ސަތޭކައެއްހާ ވަޒީފާ އެވެ. އޭގެ ތެރެއިން 20 ޕަސެންޓު އަންހެނުންނަކީ ދިވެހިންނެވެ.

ރިސެޕްޝަނާއި ހައުސް ކީޕިން އަދި ފްރޮންޓް އޮފީހުގެ އިތުރުން ބަޓްލަރުންގެ ގޮތުގައި އަންހެނުން މަސައްކަތް ކުރެ އެވެ. ޖޯލި މޯލްޑިވްސްގެ މެނޭޖަރުންގެ ގޮތުގައި ވެސް ދިވެހި އަންހެނުން އެބައުޅެ އެވެ.

ނާދިރާ މުހައްމަދު، ޖާދޫގަރު (ބަޓްލާ)

ޖޯލި މޯލްޑިވްސްގައި މަސައްކަތްކުރާ އެންމެ ބިޒީ އަދި އެންމެ ބޮޑު ޒިންމާއެއް އުފުލާ އެއް ބަޔަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބަޓްލަރުންނެވެ. ރިސޯޓަށް ދާ ހުރިހާ ޓޫރިސްޓުންނަށް ހާއްސަކޮށް ބަޓްލާ ހިދުމަތް ދޭއިރު ޖޯލި މޯލްޑިވްސްގައި މަސައްކަތްކުރާ ހަމައެކަނި ދިވެހި އަންހެން ބަޓްލަރަކީ ވެސް ނާދިރާ މުހައްމަދު (ތިއްތި) އެވެ.

ނާދިރާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 16 އަހަރު ވެއްޖެ. އޭނާ ޓޫރިޒަމް ދާއިރާއަށް ގުޅުނު އިރު ދިވެހި އަންހެނުން އެ ދާއިރާގައި މަސައްކަތް ކުރާ ވަރު ވަރަށް މަދު.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

ނާދިރާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 16 އަހަރު ވެއްޖެ. އޭނާ ޓޫރިޒަމް ދާއިރާއަށް ގުޅުނު އިރު ދިވެހި އަންހެނުން އެ ދާއިރާގައި މަސައްކަތް ކުރާ ވަރު ވަރަށް މަދު.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

ފުވައްމުލަކަށް އުފަން ނާދިރާ ނުވަތަ އާންމު ނަމުން ނަމަ ތިއްތި ރިސޯޓު ދާއިރާއަށް ނުކުތީ މީގެ 16 އަހަރު ކުރިންނެވެ. އެކަމަކު، ޖޯލި މޯލްޑިވްސްގެ ބަޓްލަރެއްގެ ވަޒީފާގައި އުޅޭތާ އަދި ވީ ތިން އަހަރެވެ. އޭގެ ކުރިން ވެސް ރާއްޖޭގެ ނަން މަޝްހޫރު ގިނަ ރިސޯޓުތަކެއްގައި ނާދިރާ މަސައްކަތް ކޮށްފައި ވެ އެވެ. ޖޯލި މޯލްޑިވްސްއާ ނާދިރާ ގުޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ރާއްޖޭގައި އެންމެ ޕާސަނަލައިޒްޑް ބަޓްލާގެ ހިދުމަތް ދޭ ރިސޯޓަށް އެ ރިސޯޓު ވުމެވެ.

ޖޯލި މޯލްޑިވްސް އަށް ޓޫރިސްޓުން ޗެކިން ވާ ހިސާބުން ފެށިގެން އެ ޓޫރިސްޓެއްގެ ހުރިހާ ކަމެއްގެ ޒިންމާއާ ހަވާލުވެގެން ހުންނަ އެއް ބަޓްލަރަކީ ނާދިރާ އެވެ. އޭނާއާ ވާހަކަ ދައްކާލުމަށް ވަގުތު ކޮޅެއް ލިބުނީ ވެސް އެހާ އުނދަގުލުންނެވެ. ނާދިރާ އަށް އަހަރެމެންނަށް ހުސްކޮށްލެވުނީ 10 ވަރަކަށް މިނިޓެވެ. އެހާ ވެސް ބުރަ އެވެ. އިންޓަވިއު ނިމުމާ އެކު، ނާދިރާ އަނެއްކާ ވެސް ބަގީ ގައި އެ ނައްޓާލީ، ޓޫރިސްޓުންތަކެއްގެ ކޯލެއް އައިސްގެން އެ މީހުން ބޭނުންވާ ތަނަކަށް ގެންގޮސްދޭށެވެ.

ކާ އެއްޗެހި އޯޑަރު ކުރުމުން ފެށިގެން، ޓޫރިސްޓުން ގަޔާވާނެ އެކްސްކާޝަންތަކަށް ބުކްކޮށް، އެ މީހުން ބޭނުންވާ ތަންތަނަށް ގެންދިއުމާ ހަވާލުވާނީ ބަޓްލަރެވެ. ރިސޯޓުން ކޮންމެ ކަމެއް ބޭނުންވިޔަސް ޓޫރިސްޓުން ގުޅަން ޖެހޭނީ އެ މީހުންނަށް ހާއްސަ ކޮށްފައި ހުންނަ ހުންނަ ބަޓްލަރަށެވެ.

"މި ތަނުގައި ރިސެޕްޝަނެއް ނުހުންނާނެ. އެހެންވެ، ގެސްޓުން އަބަދުވެސް ގުޅާނީ އަޅުގަނޑުމެންނަށް. ހަވާލުވެ ހުންނަ ބަޓްލަރާ ގުޅާނީ ހަމަ ހުރިހާ ކަމެއްގައި ވެސް،" ނާދިރާ ބުންޏެވެ.

ނާދިރާ (ކ)، އިސްރާ (މ)، މުޒްނާ (ވ). ޖޯލި މޯލްޑިވްސްގައި މަސައްކަތް ކުރާ މީހުންގެ 30 ޕަސެންޓަކީ އަންހެނުން.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

ނާދިރާ (ކ)، އިސްރާ (މ)، މުޒްނާ (ވ). ޖޯލި މޯލްޑިވްސްގައި މަސައްކަތް ކުރާ މީހުންގެ 30 ޕަސެންޓަކީ އަންހެނުން.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

ނާދިރާ އެންމެ ފުރަތަމަ ރިސޯޓެއްގައި ވަޒީފާ އަދާކުރަން ފެށީ 2009 ވަނަ އަހަރު ބަރޮސް އިންނެވެ. އޭގެ ފަހުން ފޯ ސީޒަންސް އާއި ވޮލްޑޯފް އެސްޓޯރިއާގައި ވެސް މަސައްކަތް ކުރި އެވެ. ރިސޯޓަކަށް އެންމެ ފުރަތަމަ މަސައްކަތް ކުރަން ދާން އާއިލާގެ ހިޔާލު ހޯދުމުން އެކަމާ ދެކޮޅު ހެދި އެވެ. ނަމަވެސް، އެންމެ ކުޑައިރުއްސުރެ ވެސް އޭނާ ބޭނުންވީ އެ ދާއިރާ އިން ކުރިއަށް ދާން ކަމަށް ވާތީ އާއިލާގެ މީހުންގެ ނުގަބޫލުގައި އެ މީހުންނަށް ނޭނގި ރިސޯޓަށް ފުރި އެވެ. އުމުރުން 18 އަހަރުގައި އެޅި އެ ފިޔަވަޅަކީ ހަޔާތުގައި ނެގުނު އެންމެ ރަނގަޅު އެއް ނިންމުން ކަމަށް އޭނާ ބުންޏެވެ.

އޭރު ރިސޯޓެއްގައި މަސައްކަތް ކުރާތީ، ވާހަކަ ނުދައްކާ ތިބި އާއިލާގެ މީހުންނަށް ވެސް ނާދިރާ ދެއްކީ، އެ ދާއިރާގައި ސާބިތުކަމާ އެކު ކާމިޔާބު ހޯދޭނެ ކަމެވެ. ޓޫރިޒަމް ދާއިރާ ފެށީ އެންމެ އާދައިގެ ވަޒީފާއިންނެވެ. ފްރޮންޓް އޮފީހުން ވަޒީފާ އަށް ނުކުތް ނާދިރާ ދެން ބޭނުންވަނީ އެ ދާއިރާގެ މެނޭޖީރިއަލް މަގާމަކާ ހަމައަށް ދިއުމަށެވެ. ރިސޯޓުތަކުގެ ވަޒީފާގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ވަޒީފާގެ ގިނަ ކުރިއެރުންތަކާއި ގިނަ ކާމިޔާބީތަކެއް ވެސް ހާސިލުކޮށްފަ އެވެ.

ނާދިރާ "މިހާރު" އަށް ދިން އިންޓަވިއުގައި ސުވާލެއް އަޑުއަހަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނާދިރާ "މިހާރު" އަށް ދިން އިންޓަވިއުގައި ސުވާލެއް އަޑުއަހަނީ.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އަބަދުވެސް ސިކުނޑީގައި ހުރޭ ޓޫރިޒަމުންނޭ ކުރިއަށް ދާނީ. ޓީވީއެމުން ޓޫރިޒަމް އަންލިމިޓެޑް ޕްރޮގްރާމު ފެނުނީއްސުރެ ބޮލުގައި އިނދޭ ޓޫރިޒަމުންނޭ ކުރިއަށް ދާނީ،" އޭނާ ބުންޏެވެ.

ނާދިރާ ބުނިގޮތުގައި، އޭނާ ރިސޯޓު ދާއިރާއާ ގުޅުނު އިރު އެއީ، އަންހެނުން މަސައްކަތް ކުރާ ދާއިރާއެއް ނޫނެވެ. އެއީ އޭރު ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. އެކަމަކު މިހާރު އެކަން ވަނީ ބަދަލުވެފަ އެވެ. ރިސޯޓުތަކުގައި ވެސް އަންހެނުންނަށް ކުރިއަށް ދެވިދާނެ ކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ނާދިރާ ބުންޏެވެ.

އެ ވަޒީފާގައި ލިބޭ އެންމެ ބޮޑު އުފަލަކީ، ޓޫރިސްޓުންނަށް ހިތްހަމަޖެހޭ ހިދުމަތްތަކެއް ދިނުމެވެ. ނާދިރާގެ ބެލުމުގެ ދަށުގައި ރިސޯޓުގައި ތިބޭ ޓޫރިސްޓުން ހިތްހަމަޖެހުމާ އެކު، ޗުއްޓީ ނިންމާލާފައި ގައުމަށް ފުރައިގެން ދިއުމެވެ. މަތީ ފެންވަރުގެ މެހުމާންދާރީއެއް އަދާކޮށްދެވުމެވެ.

މުޒްނާ ރަޝީދު، ސީއެސްއާރް އެންޑް ސަސްޓެއިނަބިލިޓީ ސުޕަވައިޒާ

ސްކޫލު ނިންމުމަށް ފަހު އުމުރުން 21 އަހަރު ގައި އޭނާ އެންމެ ފުރަތަމަ ގުޅުނީ، ޖޯލި ބިއިންގެ ޕްރޮންޓް އޮފީހުގެ އޮރޭޓަރެއްގެ ވަޒީފާއާ އެވެ. އެ އަށް ފަހު، ޖޯލި މޯލްޑިވްސްއާ ގުޅުނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ޖޯލި މޯލްޑިވްސް ސީއެސްއާރް މަސައްކަތްތަކުގެ ތެރެއިން މުޒްނާ އާއި އޭނާގެ ޓީމުން އަންނަނީ ކައިރީގައި ހުންނަ ރަށްތަކުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ މުޖުތަމައު އަށް ފައިދާ ހުރި މަސައްކަތްތަކަށް ފަންޑު ބޭނުންވާ މީހުންނަށް ޕްރޮޕޯސަލް ހުށަހެޅުމުން އެކަންކަން ބަލައި، ފަންޑު ހަމަޖައްސައި ދިނުމެވެ.

މުޒްނާ: އޭނާ އަންނަނީ ރަށުގެ ދަނޑުވެރިކަމުގެ މަސައްކަތްތަކެއް ވެސް ބަލަހައްޓަމުން.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

މުޒްނާ: އޭނާ އަންނަނީ ރަށުގެ ދަނޑުވެރިކަމުގެ މަސައްކަތްތަކެއް ވެސް ބަލަހައްޓަމުން.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

މުޒްނާގެ ބެލުމުގެ ދަށުން އެ ރިސޯޓުގެ "ސަސްޓެއިނަބިލިޓީ ފަންޑް" ގެ ދަށުން މި އަހަރަށް އެކަނި ވެސް ފަސް ޕްރޮޖެކްޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެފަދަ މަސައްކަތްތަކުގެ އިތުރުން ރަށުގައި އެކި ބާވަތްތަކުގެ ގަސް ހެއްދުމާއި ތިމާވެއްޓާ ގުޅޭ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މުޒްނާގެ ޓީމުންނެވެ.

މީގެ ފަސް އަހަރު ކުރިން ޓޫރިޒަމް ދާއިރާ އަށް ވަން ޒުވާން މުޒްނާ ދެކޭގޮތުގައި އެ ދާއިރާގައި އަންހެނުންނަށް ފުރުސަތުތައް ވަރަށް ގިނަ އެވެ. ކުރިއަށް ދިއުމުގެ ފުރުސަތު އެންމެ ފަހިކޮށް އޮތީ އެ ދާއިރާގައި ކަމަށް މުޒްނާ ބުންޏެވެ.

"ޖޯލި އަކީ އަންހެނުން ބާރުވެރިކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާ އަންހެނުންނަށް ވަޒީފާ ދޭން އިސްކަން ދޭ ތަނެއް. ވަރަށް ގިނަ ރިސޯޓުތަކުން އެބަ އެކްނޮލެޖު ކުރޭ ފީމޭލް އެމްޕަވަމެންޓް،" އޭނާ ބުންޏެވެ.

އައްޑު އަށް އުފަން މުޒުނާ ވެސް އެ ދާއިރާއާ ގުޅުނީ އާ ތަޖުރިބާއެއް ކޮށްލުމުގެ ބޭނުމުގަ އެވެ. އޭރު ދާއިރާގެ ކަންކަން މާބޮޑަކަށް އޭނާއަކަށް ނޭނގެ އެވެ. ރިސޯޓު ވަޒީފާ އަށް ނުކުތުމުގެ ކުރިން އަބަދުވެސް އިވެނީ އެއީ އަންހެނުންނަށް ރައްކާތެރި ނޫން ދާއިރާއެއް ކަމުގެ ވާހަކަތަކެވެ. އެކަމަކު މުޒްނާ އަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ވަޒީފާތަކުގައި ކުރިއަށް ދާން ހުރި ފަހި ފުރުސަތުތަކެވެ.

"ފުރަތަމަ ޖޮއިން ކުރި އިރު ހުރީ ވަރަށް ބިރުން. ކުރެވޭ ކަމެއް ވެސް ނޭނގޭނެއޭ ހިތަށް އެރި. މީހަކުގެ ފަރާތުން ކަމެއް ވެސް ދިމާވެދާނެއޭ ހިތަށް އެރި. އެކަމަކު އިޓް ވޯޒް ދި އޮޕޮސިޓް. ކައިރީގައި އުޅުނު އެންމެން ވެސް އަންހެނުންނަށް ވީމަ ވަރަށް ރެސްޕެކްޓް ކުރޭ،" މުޒްނާ ކިޔައިދިނެވެ.

މުޒްނާ، އެ ރަށުގައި ހައްދާ ބައެއް ގަސްތައް ދައްކާލަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

މުޒްނާ، އެ ރަށުގައި ހައްދާ ބައެއް ގަސްތައް ދައްކާލަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

ރިސޯޓު ސިނާއަތުގައި މަސައްކަތް ކުރުމަކީ ހަޔާލުގައި އޭނާ އަށް ކުރެވުނު އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާ އެވެ. އެ ދާއިރާގެ ސަބަބުން ދުނިޔެ އަށް ލޯ ހުޅުވުނެވެ. ތަފާތު މިޒާޖުގެ މީހުންނާ އެކު މަސައްކަތް ކުރާނެ ގޮތްތައް މުޒްނާ އަށް ދަސްވި އެވެ.

"އެއްވެސް ކަނެކްޝަނެއް ތްރޫކޮށެއް ނޫން އައީކީ. އެއްވެސް މީހެއް ނޭނގޭ. އެކަމަކު ރިސޯޓުގައި އެކުގައި މަސައްކަތް ކުރި މީހުންނަކީ އަދިވެސް މި ދާއިރާގައި ހުރި ސަބަބު،" އޭނާ ބުންޏެވެ.

މުޒުްނާ ބުނީ، މިދިޔަ ހަތަރު އަހަރުގެ ތަޖުރިބާއިން އެނގުނު އެއް ކަމަކީ އެއީ އަންހެނުން މަސައްކަތް ކުރަން ރައްކާތެރި މަސައްކަތުގެ މާހައުލެއް އޮންނަ ދާއިރާއެއް ކަމަށެވެ. އެ ދާއިރާގައި އުޅޭ އަންހެނުންނަށް ވަޒީފާގެ މާހައުލުގައި އިހުތިރާމު ކުރާ ކަމަށާއި ޕްރޮފެޝަނަލް ބަޔަކާ އެކު އުޅުމުގެ ފުރުސަތު އޭނާ އަށް ލިބުމަކީ ދާއިރާ އިން ކުރިއަށް ނިންމި އެއް ސަބަބު ކަމަށް މުޒްނާ ބުންޏެވެ.

އެހެންވެ، އޭނާ އަދިވެސް ބޭނުންވަނީ ޓޫރިޒަމް ސިނާއަތުގެ ތަޖުރިބާ ހޯދަމުން ދެވޭނެ އެެންމެ އުހަކަށް ދަތުރު ކުރާށެވެ.

އިސްރާ ސައުދުﷲ ހަމީދު، ޕީއާރު އެންޑް މާކެޓިން، ކޮމިއުނިކޭޝަން މެނޭޖަރު

ރިސޯޓު ދާއިރާގައި އުޅުމަށް ފަހު، ވަކި ހިސާބަކުން އިސްރާ ބޭނުންވީ ކިޔަވަން ދާށެވެ. އެހެންވެ، ރިސޯޓުގެ ގިނަ އެކުވެރިންނާއި އެހެން ރައްޓެހިން ވެސް ނިންމައިގެން ތިބީ ޓޫރިޒަމް ސިނާއަތަށް އިސްރާ އަލްވަދާއު ކިޔާނެ ކަމަށެވެ. އެކަމަކު، ކިޔަވައި ނިންމައިގެން އަނެއްކާ ވެސް ރިސޯޓު ދާއިރާއާ އޭނާ ގުޅުމުން އެތައް ބަޔަކު ސުވާލު އުފެއްދި އެވެ.

"ބައެއް މީހުން ބުނި، ކީއްވެގެންހޭ ކިޔަވައިގެން ވެސް ރިސޯޓަކަށް ތިދަނީ،" އޭނާ ބުންޏެވެ.

ރިސޯޓު ނޫން އެހެން ތަނެއްގެ އެފަދަ މަގާމަކަށް ދިޔަ ނަމަ އެ ސުވާލުތައް އެ ގޮތަށް އަމާޒުވާނެ ހެއްޔެވެ؟ އެއީ އެ ދާއިރާ އިހުތިޔާރު ކުރުމުން އިސްރާ އަށް ކުރިމަތިވި ސުވާލުތަކެކެވެ. އަންހެނުން ޓޫރިޒަމް ދާއިރާގައި އުޅުމާ މެދު އަދިވެސް މުޖުމައުގައި ކޮންމެވެސް ވަރެއްގެ ގޯސް ވިސްނުންތަކެއް އެބަހުރި ކަން އިސްރާ އަށް އެނގުނެވެ.

އިސްރާ އޭނާގެ އޮފީހުގައި މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

އިސްރާ އޭނާގެ އޮފީހުގައި މަސައްކަތް ކުރަނީ.--- ފޮޓޯ: ފަޔާޒް މޫސާ| މިހާރު

ރިސޯޓު މާކެޓުކޮށް، އިޝްތިހާރު ކުރުމުގައި ޖޯލި މޯލްޑިވްސްގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ އިސްރާ އެވެ. ޑިގްރީ ނިންމާފައި އެ ވަޒީފާއާ ގުޅުނު އިރު އޭގެ ކުރިން ވެސް 2017 ވަނަ އަހަރު އޭނާ ވަނީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާތަކެއް ކޮށްފަ އެވެ. ކިޔަވަމުން ދިޔަ ދުވަސްތަކުގައި އިންޓާންއެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި އެ ދާއިރާ އަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދި، އިސްރާގެ ލޯބި އޮތީ ޖެހިފަ އެވެ. ހޮސްޕިޓަލިޓީ ދާއިރާގައި އުޅެން ފެށުމުން އެ ދާއިރާގައި ހުރި ފުރުސަތުތައް ބޮޑަށް އެނގުނެވެ.

"އެއީ އޭރު ވެސް ސްޓިގްމާއެއް އިނދޭ އަންހެނުން ރިސޯޓު ދާއިރާގައި މަސައްކަތް ކުރަން. އިން ކޭސް އައި ފޭސް އެނީ ޗެލެންޖަސް އެހެން ދާއިރާއެއްގައި މަސައްކަތް ކުރެވޭ އެއްޗެއް ކިޔަވަން ބޭނުންވީ،" އޭނާ ބުންޏެވެ.

އިސްރާ އެހެން މުވައްޒަފަކާ އެކު މަސައްކަތުގެ މާހައުލުގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިސްރާ އެހެން މުވައްޒަފަކާ އެކު މަސައްކަތުގެ މާހައުލުގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާކެޓިން އެންޑް ކޮމިއުނިކޭޝަން ދާއިރާ އިން އިސްރާ ޑިގްރީ ހާސިލުކުރީ އެހެންވެ އެވެ. ކިޔަވައި ނިންމައިގެން ވެސް އައިސް، އެކަމަކު އޭނާ ހަމަ ދިޔައީ ރިސޯޓަށެވެ. ބުނީ، ދާއިރާއާ މެދު ގޯސް ވިސްނުންނަށް ގެންގުޅެނީ ދާއިރާގެ ކަންކަން ނޭނގޭ މީހުން ކަމަށެވެ. އިސްރާ އަށް ފެނުނީ ވަރަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާ، ކިޔަވައިގެން ތިބި މޮޅެތި މީހުންނަށް ފުރުސަތު ބޮޑު ދާއިރާއެކެވެ.

އިސްރާ ބުނިގޮތުގައި، އާންމު ވަޒީފާތަކާއި ރިސޯޓުތަކުގައި މަސައްކަތް ކުރުމާ ހުރި އެންމެ ބޮޑު ތަފާތަކީ، ޑިއުޓީ ނިމުމުން ވެސް މަސައްކަތުގައި އުޅޭ މީހުންނާ އެކު އުޅެން ޖެހުމެވެ. އެހެންވެ، އެކީގައި މަސައްކަތް ކުރާ މީހުންނާ އެކު ގާތް ބޮންޑެއް އުފެދެ އެވެ. އަދި ރިސޯޓުތަކުގައި ކޮމިއުނިޓީއެއް ބިލްޑްވެ އެވެ.

އިސްރާ މަސައްކަތް ކުރާ ޖޯލި މޯލްޑިވްސްގައި މުވައްޒަފުންނަށް ހާއްސަ ޕޫލާއި ރެކްރިއޭޝަނަލް ގިނަ ހިދުމަތްތަކެއް ދެ އެވެ. ސްޕާ އާއި ރެސްޓޯރެންޓް ވެސް މުވައްޒަފުންނަށް ހާއްސަކޮށް ހުރެ އެވެ. އަނެއްކޮޅުން މުވައްޒަފުންނަށް ހާއްސަ ހަރަކާތްތައް ވެސް ދޭތެރެދޭތެރެއިން އެ ރިސޯޓުގައި އޮވެ އެވެ.

އިސްރާ އާއި ޖޯލި މޯލްޑިވްސްގެ ބައެއް ޑިޕާޓްމެންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖެނެރަލް މެނޭޖަރާ އެކު ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިސްރާ އާއި ޖޯލި މޯލްޑިވްސްގެ ބައެއް ޑިޕާޓްމެންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖެނެރަލް މެނޭޖަރާ އެކު ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިސްރާ ބުނީ، ކުރިން ކައިވެނިކޮށް، ދިރިއުޅެއް ފަށާ ހިސާބުން ޓޫރިޒަމް ދާއިރާގައި އަންހެނުންނަށް މަސައްކަތް ކުރަން ދަތިވެ، ވަޒީފާ ދޫކޮށްލަން ޖެހުނު ނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެ ކަމަށެވެ. އިސްރާ ވެސް އުޅެނީ މިހާރު ދިރިއުޅުމެއް ފަށައިގެންނެވެ. އެކަމަކު، އެ ދިރިއުޅުމާ އެކު ރިސޯޓުގެ ވަޒީފާ އަށް ހިޔަންޏެއް ނޭޅެ އެވެ. އެއީ ދަތިކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

އިސްރާ ބުނިގޮތުގައި، ރިސޯޓުތަކުގައި މަސައްކަތް ކުރަނީ ނުކިޔަވައި ތިބޭ މީހުން ކަމަށް ކުރިން ހީވެފައި އޮތަސް މިއަދު އެ މަންޒަރު ބަދަލުވެއްޖެ އެވެ. އެއީ ދާއިރާ އަށް އައި މުހިއްމު ކުރިއެރުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންވެ، ބޭރު މީހުންނެކޭ އެއް ގޮތަށް ތަޖުރިބާ ހޯދައިގެން ދާއިރާ އިން ކުރިއަށް ދާން ފުރުސަތުތައް އިތުރަށް ލިބޭ ކަމަށް އިސްރާ ބުންޏެވެ.

"މިއީ މޮޅު ނޫން ބަޔަކު ކުރާނެ ކަމެއް ނޫން، އާއިލާ ދޫކޮށްލާފައި އަންނަ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ހީވެފައި އޮންނަނީ. އެކަމަކު އަސްލު މިއީ ވަރަށް ކެއްތެރި ބަޔަކު ކުރާނެ ކަމެއް. ވަރަށް ސްޓްރެންތާ އެކު ކުރެވޭނެ ކަމެއް މިއީ. ރިސޯޓެއްގައި މަސައްކަތް ކުރާ ކޮންމެ މީހަކީ ވެސް އެ ކަހަލަ މީހެއް."

އިސްރާ އަދިވެސް ބޭނުންވަނީ ޖޯލި މޯލްޑިވްސް އިޝްތިހާރުކޮށް، އެ ބްރޭންޑް އިތުރަށް ފުޅާކުރުމަށް އާ ކަންކަން ކުރާށެވެ. އޭނާ އަށް ލިބޭ އެންމެ ބޮޑު އުފަލަކީ ވެސް ޖޯލި މޯލްޑިވްސް ހުޅުވުނުތާ 8 އަހަރުގެ ތެރޭގައި އެ ރިސޯޓަށް ލިބުނު މަޝްހޫރު ކަމެވެ. މިވަގުތު އެ ރިސޯޓު ގުނައި ލެވެނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ ލިސްޓުގަ އެވެ. އެކަން ހާސިލު ކުރުމަށް އިސްރާގެ ޓީމުން މުހިއްމު މަސައްކަތްތަކެއް ކުރި އެވެ. އެއާ އެކު، ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމުން އޭނާއަށް ވެސް މުޅި އިގްތިސާދަށް އެހީތެރިކަމެއް ފޯރުކޮށްދޭ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބުންޏެވެ.

ޖޯލި މޯލްޑިވްސްގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 21 މީހުންނަކީ ދިވެހި އަންހެނުންނެވެ. އެއީ އާންމުކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ އަދަދުތަކަށް ވެސް އިތުރު އަދަދެކެވެ. ރިސޯޓުގެ އެންމެ އިސްވެރިއަކަށް ވެސް ހުންނެވީ އަންހެން ބޭފުޅެކެވެ. އަދި އެ ރިސޯޓުގައި އަންހެނުން އިތުރު ކުރުމަށްޓަކައި އެ ރަށުގެ ވެރިޔާ، ތުރުކީ އަށް އުފަން އެސިން ގުރާލް އާގަތު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ޖެނެރަލް މެނޭޖަރު ޝިފާޒް ހަސަން ވެސް ފާހަގަކުރެއްވި އެވެ. ރިސޯޓުގެ ހުރިހާ ޑިޕާޓްމެންޓްތަކެއްގައި ވެސް އަންހެނުންނަށް ފުރުސަތުތައް އޮވެ އެވެ. މިއީ ރާއްޖޭގެ އެހެން ރިސޯޓުތަކުން ވެސް ނަމޫނާ ނަގަން ޖެހޭ ފަދަ މަސައްކަތެކެވެ.