Roadha Mihaaru
ނުރަނގަޅު އެތައް ކަމެއް ނޫސްވެރިން ހާމަކޮށްފި: ރައީސް

ނިޒާމުގައި ހުރި ނުރަނގަޅު އެތައް ކަމެއް ނޫސްވެރިން ހާމަކޮށްދީފި: ރައީސް

03 މެއި 2021

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް ނޫސްވެރިންގެ ހަބަރާއި ރިޕޯޓްތަކުން ހާމަކޮށްދީފައިވާ ކަމަށާއި މިހާރު މި އޮތީ އަހަރުތަކެއް ކުރިން ހީވެސް ނުކުރާ ވަރުގެ މިނިވަން ނޫސްވެރިކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް ނޫސްވެރިންގެ ހަބަރާއި ރިޕޯޓްތަކުން ހާމަކޮށްދީފައިވާ ކަމަށާއި މިހާރު މި އޮތީ އަހަރުތަކެއް ކުރިން ހީވެސް ނުކުރާ ވަރުގެ މިނިވަން ނޫސްވެރިކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވީ ނޫސްވެރިން ހާމަކޮށްދިން ކަންކަމުގެ ސަބަބުން އެކަންކަން އިސްލާހުކުރުމުގެ ފުރުސަތު ތަނަވަސްވެގެންދިޔަ ކަމަށެވެ. އަދި މިއީ ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވި ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރުކަން މިދިޔަ ތިން އަހަރުގެ ތެރޭގައި ސާބިތުވެއްޖެ އެވެ.

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ ފާއިތުވި ތިން އަހަރު ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. މި ވެރިކަން ފެށުނުއިރު 120 ވަނައިގައި އޮތުމަށް ފަހު، މިހާރު ރާއްޖެ ވަނީ 72 ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. މި ކުރިއެރުން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ މިދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމާއި ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުން ބާރުވެރިކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާއަކަށް ހަދަންޖެހޭ ކަމަށެވެ. ނޫސްވެރިކަމަކީ ވެސް ގައުމީ ހިދުމަތެއް ކަމަށް ދެކިގެން ގައުމު ބިނާކުރުމުގެ ރޫހުގައި ހުރިހާ ނޫސްވެރިން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު، މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ހުރުމަތްތެރިވުމަށާއި ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ޔަގީންނުވާ ވާހަކަތަކަށް ބަރޯސާނުވެ، ތަހުލީލީ ނޫސްވެރިކަމުގެ ޒަރީއާއިން ކޮންމެ ކަމެއްގެ ހަގީގަގަށް ވެސް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށް ރައީސް އެދިވަޑައިގަތެވެ.