Roadha Mihaaru
އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ

އިމެއް ނެތި ލިޔެވުނަސް ހުރަސްތައް ނައްތައެއް ނުލެވޭ

03 މެއި 2023

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހިންގެ ސުވާލަކަށް ވާނީ ދިވެހި ނޫސްވެރިންނަށް އެފަދަ މާހައުލެއް އެބައޮތް ހެއްޔެވެ؟ ހިފެހެއްޓުންތަކާއި އުނދަގޫތަކާއި ދުއްތުރާތައް ދިވެހި މީޑިއާ އަށް ކުރިމަތިވޭ ހެއްޔެވެ؟ އޭގެ ޖަވާބު ހޯދަން ކޮންމެ ނޫސްވެރިއަކު ވެސް ޖެހިލާނީ މީގެ ފަސް އަހަރު ކުރިއަށެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހިންގެ ސުވާލަކަށް ވާނީ ދިވެހި ނޫސްވެރިންނަށް އެފަދަ މާހައުލެއް އެބައޮތް ހެއްޔެވެ؟ ހިފެހެއްޓުންތަކާއި އުނދަގޫތަކާއި ދުއްތުރާތައް ދިވެހި މީޑިއާ އަށް ކުރިމަތިވޭ ހެއްޔެވެ؟ އޭގެ ޖަވާބު ހޯދަން ކޮންމެ ނޫސްވެރިއަކު ވެސް ޖެހިލާނީ މީގެ ފަސް އަހަރު ކުރިއަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތައް އެންމެ ފަހުން ތަޖުރިބާކުރީ އެ ދުވަސްވަރު ކަމަށް ވާތީ އެވެ. ދިވެހި ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަމާއި ގޮންޖެހުމާއި އުނދަގޫތަކަށް ބަލާ ނަމަ ފެންނަން އޮތް ހަގީގަތަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި މިއަދު ސުވާލެއް ނެތް ކަމެވެ.

"ނޫސްވެރިންގެ ގަލަމާއި ދޫ ބަންދު ކުރަން ގާނޫނު ފާސްކޮށް، ނޫސްވެރިން ހައްޔަރުކޮށް، ޕްރެސް ކޮންފަރެންސްތަކަށް ނުވެއްދުން އަޅުގަނޑުމެން މީގެ ފަސް ވަރަކަށް އަހަރު ކުރިން ތަޖުރިބާ ކޮށްފިން. އެކި ގުރޫޕްތައް މެދުވެރިކޮށް، ނޫސްވެރިންނަށް ހަމަލަދިނުން ފަދަ އެތައް ކަމެއް ފެނިފައި މި ހިސާބުގައި މިއަދު މިތިބީ،" އަދަދު އޮންލައިންގެ އެޑިޓަރު އަދި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް މީޑިއާ ކައުންސިލުން 2017 އިގައި ބޭއްވި ހަފްލާގައި ރާއްޖެ ޓީވީގެ އޭރުގެ ބައެއް ނޫސްވެރިންނާއި މިހާރުގެ ބައެއް ނޫސްވެރިން އިހްތިޖާޖު ކުރަނީ..--- ފޮޓޯ: މިހާރު

ނޫސްވެރިކަމުގެ އިނާމު ދިނުމަށް މީޑިއާ ކައުންސިލުން 2017 އިގައި ބޭއްވި ހަފްލާގައި ރާއްޖެ ޓީވީގެ އޭރުގެ ބައެއް ނޫސްވެރިންނާއި މިހާރުގެ ބައެއް ނޫސްވެރިން އިހްތިޖާޖު ކުރަނީ..--- ފޮޓޯ: މިހާރު

އޭނާ އެ ވިދާޅުވާ ފަދަ މާހައުލެއް މިހާރު ޔަގީނުން ވެސް ނެތެވެ. ވަކި މީޑިއާއަކަށް ވީމާ ރައީސް އޮފީހުގެ ދޮރު ބަންދެއް ނޫނެވެ. ވަކި ފިކުރެއްގެ މީޑިއާއެއް ކަމަށް ވުމުން ސުވާލު ކުރުން ހުއްޓުވައެއް ނުލަ އެވެ. ސަރުކާރަށް ކިތަންމެ ވަރަކަށް ފާޑުކިޔަސް އަނގަމަތީގައި ޓޭޕް އަޅައިގެން ތިބޭ ހިސާބަކަށް ނުދެ އެވެ. އެހެންވެ، ތަޖުރިބާ އަށް ބަލައިފި ނަމަ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ މިނިވަންކަން އޮތް ވަރު ރަނގަޅު ކަމަށް ތަޖުރިބާކާރު ނޫސްވެރިން ބުނެ އެވެ.

"މިހާރު ބޭނުން އެއްޗެއް އެބަ ލިޔެވޭ. ސަރުކާރޭ ކިޔައިގެން ކޮންމެ ފަދަ ވާހަކައެއް ވެސް އެބަ ލިޔޭ. ހަމަ އިދިކޮޅަށް ރައްދުވާ ގޮތަށް ވެސް ހަމަ ބޭނުން ވާހަކައެއް ލިޔެވޭ. ލިޔުމުގައި ހައްދެއް ނެތް. އެ ލިޔުންތައް ހުއްޓުވާކަށް ބަޔަކު ނާދޭ. ހިތްހަމަނުޖެހޭ ނަމަ ބަޔާނެއް ނެރުނީމާ އެ ކަން ނިމުނީ. އެހާ ވެސް ބޮޑަށް ހުޅުވިފައި މި އޮތީ،" ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ "ދައުރު" އޮންލައިންގެ އެޑިޓަރު މޫސާ ލަތީފު، މިހާރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތާ ގުޅޭ ގޮތުން ވިދާޅުވި އެވެ.

ކުރީގެ "ހަވީރު" އާއި "މިހާރު"ގެ އެޑިޓަރުކަން ވެސް ކުރެއްވި މޫސަ ވިދާޅުވިގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ނެތިގެންނޭ ކިޔައި، އެއްވެސް އެއްޗެއް ނުލިޔެ ދެ އަތް އުރާލައިގެން ތިބުމުގެ ދޮރު މިހާރު ބަންދެވެ.

"ދައުރު" އޮންލައިންގެ އެޑިޓަރު މޫސާ ލަތީފް: އެ މީހަކު ބޭނުން ކޮންމެ އެއްޗެއް ލިޔުމުގެ މިނިވަންކަން ހައްދެއް ނެތި ހުޅުވިފައިވާ ކަމަށް ގަބޫލު ކުރައްވާ.---ފޮޓޯ: މިހާރު

"ދައުރު" އޮންލައިންގެ އެޑިޓަރު މޫސާ ލަތީފް: އެ މީހަކު ބޭނުން ކޮންމެ އެއްޗެއް ލިޔުމުގެ މިނިވަންކަން ހައްދެއް ނެތި ހުޅުވިފައިވާ ކަމަށް ގަބޫލު ކުރައްވާ.---ފޮޓޯ: މިހާރު

"ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދޭނެ ގޮތް މިހާރު އޮތީ ފަހިވެފައި. މައުލޫމާތު ނުދީ ހިފެހެއްޓުން އެބައޮތް. ބައެއް ފަހަރު އެ އޮފީހަކުން ބޭނުން ވެގެން ނޫނީ އެ ކަމާ ހަވާލުވެ ހުރި މީހަކު ބޭނުންވީމާ މައުލޫމާތު ނުދީ ހިފަހައްޓާ ތަން އެބަފެނޭ. އެކަމަކު، އަޅުގަނޑުގެ ޕޮއިންޓަކީ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދުމުގެ ނިޒާމެއް މިހާރު ގާއިމް ވެފައި އެބައޮތޭ،" މޫސަ ވިދާޅުވި އެވެ.

މޫސަ އެ ވިދާޅުވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ވަރެވެ. މީހެއްގެ އަބުރެއް، އެހެން ކަމަކަށް ބަލާނެ ކަމެއް ނެތެވެ. ހަމަ ކޮންމެ ވާހަކައެއް ވެސް ލިޔަންވީ އެވެ. އެހާ ބޮޑަށް ހުޅުުވިއްޖެ އެވެ.

ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ގާނޫނެއް އަދި އެހެން ގާނޫނަކުން ވިޔަސް އަދި ނުފުދެ އެވެ. މައްސަލަތައް އެބަހުއްޓެވެ. ކޮންމެ ފަދަ ވާހަކައެއް ލިޔުނަސް ސަރުކާރަށް އެންމެ ރަނގަޅު ކަމަށް ވިޔަސް މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތް އަދި އެއްކޮށް ނުކެނޑެ އެވެ. ބައެއް އޮފީސްތަކުން ވަރަށް އާދައިގެ މައުލޫމާތު ނުދީ ހިފެހެއްޓުމުން ބައެއް ނޫސްވެރިން ވަންނަން ޖެހެނީ ޝަރުއީ ކޯޓުގެ ތެރެއަށެވެ.

"މިސާލަކަށް ބަލަމާ މާލޭގެ މަގު ހެދުމުގެ އެއްބަސްވުމުގެ ވާހަކަ. ސަރުކާރުގެ ދެ އޮފީހެއްގެ ދެމެދުގައި ހިނގި މުއާމަލާތެއް އެއީ. އެ އެއްބަސްވުން ނުލިބިގެން މި ޖެހެނީ ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ހިނގަން. އެކަމަކު، އެއީ ސިއްރު ކުރަންޖެހޭ ވަރުގެ އެއްބަސްވުމެއް ކަމަށް އަޅުގަނޑު ނުދެކެން. އެތައް ބަޔަކާ ގުޅިފައިވާ އެއްބަސްވުމެއް އެއީ. އެ ހިފަހައްޓައިގެން ކިހާ ދުވަހެއްތޯ ސަރުކާރުން އެ ހޭދަކުރަނީ،" ދައުރު އޮންލައިންގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑްގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި އެވެ.

މިދިޔަ އަހަރު އެމްއެމްސީން ބޭއްވި ނޫސްވެރިކަމުގެ އިނާމު ހަފުލާގައި ހިރިގާ ޒާހިރު (ކ): މައުލޫމާތު ނުދިނުމުގެ މައްސަލަތައް ފަދަ ކަންކަމާ ހެދި ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދާ މައްސަލާގައި ކަންބޮޑުވެވަޑައިގެންނެވި.---ފޮޓޯ: މިހާރު

މިދިޔަ އަހަރު އެމްއެމްސީން ބޭއްވި ނޫސްވެރިކަމުގެ އިނާމު ހަފުލާގައި ހިރިގާ ޒާހިރު (ކ): މައުލޫމާތު ނުދިނުމުގެ މައްސަލަތައް ފަދަ ކަންކަމާ ހެދި ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދާ މައްސަލާގައި ކަންބޮޑުވެވަޑައިގެންނެވި.---ފޮޓޯ: މިހާރު

އޭނާ ދެން ނެންގެވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ސިއްރު ކުރާ މައްސަލަ އެވެ.

މިހާރު ބޭނުން އެއްޗެއް އެބަ ލިޔެވޭ. ސަރުކާރޭ ކިޔައިގެން ކޮންމެ ފަދަ ވާހަކައެއް ވެސް އެބަ ލިޔޭ. ހަމަ އިދިކޮޅަށް ރައްދުވާ ގޮތަށް ވެސް ހަމަ ބޭނުން ވާހަކައެއް ލިޔެވޭ. ލިޔުމުގައި ހައްދެއް ނެތް. އެ ލިޔުންތައް ހުއްޓުވާކަށް ބަޔަކު ނާދޭ،"--- މޫސަ

ހިރިގާ ވިދާޅުވީ، ވަކި ހިސާބަކަށް ކަންކަން ދިއުމުން ގައުމީ މަސްލަހަތަށް އިސްކަން ދޭން ޖެހޭނެ ކަމަށާއި އެ ސިޓީފުޅުގެ މައްސަލަ ގައުމީ ބޮޑު ކަމަކަށް ވުމުން އެ ހާމަނުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ގައުމީ މަސްލަހަތަށް ބެލުމެއް ނެތި ސަރުކާރުން ކަންކަން ސިއްރު ކުރުމުގެ ނަތީޖާއަކީ ސަރުކާރު ވަރަށް ބޮޑަށް ފަހަތުފަޔަށް ބުރަވެ، ޑިމޮކްރަސީއާ ބީރައްޓެހި ބައެއް ކަމުގެ ލޭބަލް ޖެހުން ކަަމަށް އޭނާ ވިދާޅުވި އެވެ.

"މައުލޫމާތު ލިބުމުގައި ހުރި ހުރަސްތައް ވަރަށް ގިނަ. މައުލޫމާތު ނުދިނުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ކަމަކަށް ވިޔަސް އެކަން އަދިވެސް އެބަފެނޭ. ވަކި ބަޔަކު ބޭނުންވީމާ މައުލޫމާތު ނުދީ ހިފަހައްޓައިގެން އެ ތިބެނީ. ގާނޫނުގައި ބުނާ 14 ދުވަސް ދަންމާލަދަންމާލާ ސަރުކާރުގެ ބައެއް އޮފީސްތަކުން ތިބޭ ތަން އެބަ ފެނޭ،" ހިރިގާ ވިދާޅުވި އެވެ.

"އެ ކަހަލަ ކަންކަމާ ހެދި ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިދަނީ ފަހަތަށް."

ސަރުކާރުގެ އިދާރާތަކުން މައުލޫމާތުތައް ހޯދުމަށް އެންމެ ގިނައިން އެދޭ އެއް މީޑިއާ އޮގަނައިޒޭޝަނަކީ "ދިޔަރެސް" އޮންލައިން ކަމަށް ވާއިރު އެކިއެކި ކުންފުނިތަކާއި ރައީސް އޮފީހުން ވެސް މައުލޫމާތު ނުދީ ހިފަހައްޓާފައިވާ ކަމަށް ކޯ ފައުންޑަރު އަހުމަދު އަޒާން ވިދާޅުވި އެވެ.

"ޕޮލިޓިކަލް އެޕޮއިންޓީސްގެ މައުލޫމާތު ވެސް ނުދިން. އިންފޮމޭޝަން ކޮމިޝަނަރު އެންގީމާ ވެސް ނުދިން،" އަޒާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން މައުލޫމާތު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅިޔަސް މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އެދުނަސް މައުލޫމާތު ދިނުމުގައި ވަރަށް ލަސްކުރާ ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެން މި ހަފުތާގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވެސް އަޒާން އެ މައްސަލަ ނެންގެވި އެވެ.

މީޑިއާގެ މިނިވަންކަން އިމެން ނެތި މިއަދު އޮތަސް މައުލޫމާތު ހޯދުމުގެ ދަތިތަކުން އަދި އަރައި ނުގަނެވުނަސް، ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ވިދާޅުވީ، ކުރިއާ ބަލާއިރު ރަނގަޅު ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް: ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ދިނުން ކުރިއަށް ވުރެ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ.---ފޮޓޯ: މިހާރު

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް: ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ދިނުން ކުރިއަށް ވުރެ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ.---ފޮޓޯ: މިހާރު

"މައުލޫމާތު ދިނުމާ ވަރަށް ދުރު ސަގާފަތެއް އޭރު އޮތީ. އޭރު މައުލޫމާތު ނުދޭ މައްސަލަތައް ވަރަށް ގިނަ ވާނެ. އެކަމަކު، ފުރަތަމަ ފަށައިގަތް ދުވަސްވަރާ ބަލާ ނަމަ މިހާރު މާ ބޮޑު ތަން ވެސް ރަނގަޅު. މައުލޫމާތު ހޯދަން އެދޭ މީހުން ވެސް ގިނަ. ނޫސްވެރިން ވެސް އެކަމަށް އެދޭ އެދުން ގިނަވެއްޖެ،" ފިޔާޒް ވިދާޅުވި އެވެ.

"އެކަމަކު އަދިވެސް އެ ގާނޫނަށް ހޭލުންތެރި ނުވޭ. އަހުލުވެރިއެއް ނުވޭ. ގާނޫނުގައި ބުނާ 14 ދުވަސް ހަމަވީމާ ވެސް އެބަ ތިބޭ 14 ދުވަސް އިތުރު ކޮށްލަކޮށްލާ."

ހަތަރު ފަސް ކުންފުންޏެއްގެ ކޮންޓްރޯލްގެ ތެރޭގައި މީޑިއާތައް އޮވެގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ދައުލަތުގެ ފައިސާތައް ދޫކުރަން ޖެހޭނީ ޓްރާންސްޕޭރެންޓްކޮށް. ހަމަހަމަ އުސޫލަކުން އެ ކަން ކުރަން ޖެހޭނީ،"--- ހިރިގާ

ފިޔާޒް ވިދާޅުވިގޮތުގައި ގާނޫނުގައި ބުނާ މިންގަނޑަށް ފެތޭ ނަމަ ސަރުކާރުން ކޮންމެ މައުލޫމާތެއް ވެސް ހާމަކުރަން ޖެހޭނެ އެވެ. އެ އޮފީހަކުން އަމިއްލަ އިސްނެގުމަށް ވެސް އެ މައުލޫމާތުތައް ދޭން ޖެހޭނެ އެވެ.

"ޖެއްސުމަކަށް އެ މައުލޫމާތެއް ނުދީ ތިބުމުގެ ސަގާފަތާ އެބަޖެހޭ ދުރުވާން،" ފިޔާޒް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މިއަދު ބޭނުން އެއްޗެއް ލިޔުމުގެ މިނިވަންކަން އޮތަސް މާލީ މިނިވަންކަން ނެތުމުގެ އުނދަގޫތަކަށް ހައްލެއް ނެތެވެ. މައުލޫމާތު ނުދީ ހިފެހެއްޓިޔަސް އެ މާލީ މިނިވަންކަމުގެ މައްސަލައިގެ ސަބަބުން ތިބެނީ ތަޅު އެޅިފަ އެވެ.

މޮޅެތި ނޫސްވެރިންނަށް އިނާމު ދިނުމަށް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ހަފުލާގައި އެ ކައުންސިލްގެ އޭރުގެ ރައީސް ޝަފާއު ވާހަކަ ދައްކަވަނީ: ރާއްޖޭގެ ނޫސްވެރިކަމުގައި މިހާރު ނެތީ މީޑިއާތަކަށް ލިބެންޖެހޭ މާލީ މިނިވަންކަން ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

މޮޅެތި ނޫސްވެރިންނަށް އިނާމު ދިނުމަށް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ބޭއްވި ހަފުލާގައި އެ ކައުންސިލްގެ އޭރުގެ ރައީސް ޝަފާއު ވާހަކަ ދައްކަވަނީ: ރާއްޖޭގެ ނޫސްވެރިކަމުގައި މިހާރު ނެތީ މީޑިއާތަކަށް ލިބެންޖެހޭ މާލީ މިނިވަންކަން ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ރައީސް މުހައްމަދު ޝަފާއު ވިދާޅުވީ، މާލީ މިނިވަންކަން ނެތުމުގެ ނަތީޖާއަކީ ބައެއް މީޑިއާތައް "ސްޕޮންސަރުންގެ ދަށުގައި" ތިބެން ޖެހުން ކަމަށެވެ. ސްޕޮންސަރުންގެ ހައިބަތަށްޓަކައި، އެ ސްޕޮންސަރުގެ ނުގަވައިދު އެއްވެސް ވާހަކައެއް ލިޔެވެން ނެތެވެ.

"ދައުލަތުގެ ބަޖެޓުން ވެސް ވަކި ޕަސެންޓެއް މި ދެނީ ސިޔާސީ ޕާޓީތަކަށް. އެކަމަކު، ދައުލަތުގެ ހަތަރުވަނަ ބާރަކީ މީޑިއާ ކަމަށް ވާއިރު، ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް މީޑިއާތަކަށް ހާއްސަ ކުރަންވީ. އެމްއެމްސީ އާއި ބްރޯޑްކޮމް ވާހަކަ ދައްކައިގެން އެ ފައިސާ މީޑިއާތަކަށް ހަމަހަމަކޮށް ބެހޭނެ ނިޒާމެއް ހެދި ދާނެ. ރަނގަޅު އުސޫލެއް ހަދައިގެން ކުރިއަށް ދެވޭނެ،" އެމްއެމްސީގައި ހުންނެވި ދުވަސްވަރު މީޑިއާގެ މިނިވަންކަމަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ ވިދާޅުވި އެވެ.

ހިރިގާގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މީޑިއާގެ މާލީ މިނިވަންކަމުގެ މައްސަލައެވެ.

"ހަތަރު ފަސް ކުންފުންޏެއްގެ ކޮންޓްރޯލްގެ ތެރޭގައި މީޑިއާތައް އޮވެގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ދައުލަތުގެ ފައިސާތައް ދޫކުރަން ޖެހޭނީ ޓްރާންސްޕޭރެންޓްކޮށް. ހަމަހަމަ އުސޫލަކުން އެ ކަން ކުރަން ޖެހޭނީ. މީޑިއާތައް ރޭންކް ކޮށްފައި ވެސް އެ ކަން ކުރެވިދާނެ،" ރާއްޖޭގެ ނޫސްވެރިކަމުގައި އެންމެ ގިނަ ދުވަސްވީ އެއް ނޫސްވެރިޔާ ވިދާޅުވި އެވެ.

"އެހެން ނޫނީ ވާނެ ގޮތަކީ ދޮގު، ތެދަށް ވެ، އަނދިރި ދައުލަތް އުފެދި ސޯޝަލް މީޑިއާގައި ދައްކާ ކޮންމެ ވާހަކައަކީ ތެދަށް ވާ ތަން އަންނާނީ. މީޑިއާތަކުގެ އިތުބާރު އެ ހިސާބުން ގެއްލިގެން ދާނެ."

ނޫސްވެރިކަމުގެ ދިފާއުގައި އިހުތިޖާޖު ކުރަނީ.

ނޫސްވެރިކަމުގެ ދިފާއުގައި އިހުތިޖާޖު ކުރަނީ.

އިމެއް ނެތި މިއަދު ރާއްޖޭގައި ނޫސްވެރިކަން ހުޅުވުނުއިރު ދެން އަލަށް ފަށައިގެން އުޅޭ ކަމަކީ ނޫސްވެރިން ލިޔާ ލިޔުންތަކަށް އެހެން ނޫސްވެރިން ރައްދު ދީ، ނޫސްވެރިންގެ ބޮލުގައި ދޮގު އިލްޒާމުތައް އެޅުވުމުވެ. ސިލްސިލާކޮށް އެ ކަން އެބަކުރެ އެވެ. ކޮންމެ މީޑިއާއަކީ ވަކި ސިޔާސަތުތަކެއް ގަބޫލުކުރާ ތަނަކަށް ވިޔަސް އަނެއް މީޑިއާ އިން އެކަން ގަބޫލު ނުކޮށް، ގަސްދުގައި އިލްޒާމް އެޅުވުމުގެ އާ ބާބެއް ވަނީ ފަށައިފަ އެވެ.

"މިސާލަކަށް ޕީޕީއެމްގެ މީހުންގެ ވިސްނުމާ ތަފާތުކޮށް ލިޔާ ބައެއްގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ނޫސްވެރިން އެބަލިޔޭ. އެއީ މީގެ ކުރިން ދުވަހަކު ވެސް ފެނުނު ކަމެއް ނޫން. އެއީ ވަކި ބަޔަކު ކުރީމާ ރަނގަޅު ވާ ތަން ވެސް އެބަ ފެނޭ،" މޫސަ ވިދާޅުވި އެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ހެއްކާ ބެހޭ ބިލް ފާސްކުރުމާ ދެކޮޅަށް ބައެއް ނޫސްވެރިން މިދިޔަ އަހަރުގެ ޖޫން މަހު މަޖިލިހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ހެއްކާ ބެހޭ ބިލް ފާސްކުރުމާ ދެކޮޅަށް ބައެއް ނޫސްވެރިން މިދިޔަ އަހަރުގެ ޖޫން މަހު މަޖިލިހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ނެތަސް ވަރަށް ކުދިކުދި ކަންތައްތަކުގައި ސަރުކާރުން އިސްކަންދޭ ވަރާ މެދު އަދިވެސް ކަންބޮޑުވާން ޖެހެ އެވެ. މީޑިއާގެ މާލީ މިނިވަންކަމާއި މައުލޫމާތު ހިފެހެއްޓުމާއި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެދުމުގެ އިތުރުން ސިޔާސީ މީހުންގެ ފަރާތުން އަންނަ އިންޒާރުގެ ބިރު އެބައޮތެވެ. މީގެ ބައެއް މައްސަލަތައް އަދިވެސް ތާށިވެފައި ވަނީ ފުލުސް އޮފީހުގެ މޭޒުމަތީގަ އެވެ.