Roadha Mihaaru
ރާއްޖެއަށް ހަށިވިއްކާ މީހުން ފޮނުވާ ނެޓުވޯކެއް ހޯދައިފި

ރާއްޖޭގައި ހަށިވިއްކަން މީހުން ފޮނުވާ ލަންކާގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

17 ނޮވެމްބަރ 2016

ރާއްޖޭގައި ހަށިވިއްކުމަށް ސްރީ ލަންކާއިން އަންހެނުން ފޮނުވާ ބޮޑު ނެޓުވޯކެއް، އެ ގައުމުގެ ފޮރިން އެމްޕްލޯއިމަންޓް ބިއުރޯ (އެސްއެލްއެފްއީބީ) އިން އަތުލައިގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ހަށިވިއްކުމަށް ސްރީ ލަންކާއިން އަންހެނުން ފޮނުވާ ބޮޑު ނެޓުވޯކެއް، އެ ގައުމުގެ ފޮރިން އެމްޕްލޯއިމަންޓް ބިއުރޯ (އެސްއެލްއެފްއީބީ) އިން އަތުލައިގެންފި އެވެ.

ސްރީ ލަންކާގެ ޑެއިލީ މިރާ އިން އިއްޔެ ބުނީ ރާއްޖޭގައި ހަށިވިއްކުމުގެ މަސައްކަތް ކުރުމަށް މި ނެޓްވޯކުން މިހާތަނަށް 100 އަށް ވުރެ ގިނަ އަންހެނުން ރާއްޖެ ފޮނުވާފައިވާ ކަމަށެވެ. ނޫހުގައި ބުނެފައިވާ ގޮތުން އެ މީހުން މަސައްކަތް ކުރަނީ ރާއްޖޭގެ "ވީއައިޕީ" މީހުންނަށެވެ.

އެސްއެލްއެފްއީބީއާ ހަވާލާދީ ޑެއިލީ މިރާއިން ބުނީ މި ނެޓްވޯކުގައި ބައިވެރިވާ މީހުން ހޯދުމަށް ކޮލަމްބޯގެ ބޭރުގައި އޮންނަ ވައްތަރަމުއްލާގައި ހިންގި އޮޕަރޭޝަނެއްގައި ލަންކާގެ 37 އަހަރާއި 55 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މި ނެޓުވޯކުގައި ރާއްޖެއިން ބައިވެރިވާ މީހުން ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްއެލްއެފްއީބީން ބުނެފައިވެ އެވެ.

ޑެއިލީ މިރާއިން ބުނީ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މި ވިޔަފާރި، އެސްއެލްއެފްއީބީގެ ސަމާލު ކަމަށް ގެނައީ މި ނެޓުވޯކުގެ ދަށުން ރާއްޖެ ދިޔަ 35 އަހަރުގެ އަންހެނަކު، ސަލާމަތްވެގެން އެނބުރި ލަންކާ އަށް ދިއުމުން ކަމަށެވެ. އަދި ހަށިވިއްކުމަށް ރާއްޖެ ފޮނުވަން ތައްޔާރުވަމުން އަންނަ އެހެން އަންހެނަކު ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު އެސްއެލްއެފްއީބީން ސަލާމަތް ކޮށްފަ އެވެ.

ހައްޔަރުކުރި މީހުން ތަހުގީގުގައި ބުނެފައިވަނީ ހަށިވިއްކައިގެން ކޮންމެ އަންހެނަކު ވެސް މަހަކު 180،000 ރުފީސް (18،700 ރުފިޔާ) ހޯދާ ކަމަށެވެ.

"(ހަށިވިއްކާނެ) އަންހެނުން އެ މީހުން ހޯދަނީ ފޮޓޯއަށް ބަލައިގެން. އަދި ވިޔަފާރި ހިނގާ ގޮތް ކޮންމެވެސް ވަރަކަށް އެ މީހުންނަށް ކިޔައިދޭ. ގިނަ އަންހެނުންނަށް މި ވިޔަފާރީގެ މައުލޫމާތު އެނގުނަސް، ބައެއް މީހުން، ސެލޫންއެއްގައި މަސައްކަތް ކުރަން ކަމަށް ބުނެ އޮޅުވާލައިގެން ވެސް ރާއްޖެ ފޮނުވާ،" ޑެއިލީ މިރާ ނޫހަށް، އެސްއެލްއެފްއީބީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ އެ ނޫހުން މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށް ޑެއިލީ މިރާއިން ބުނެފައިވެ އެވެ.