Roadha Mihaaru
ހަށިިވިއްކުވި މައްސަލައިގައި ހައްޔަރުކުރީ އަޝްމަލީ

ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ލަންކާއިން ހައްޔަރުކުރީ އަޝްމަލީ

05 ޖުލައި 2021

ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެންކުއްޖަކު ލައްވައި އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި އެ ގައުމުން ހައްޔަރު ކޮށްފައި ވަނީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެންކުއްޖަކު ލައްވައި އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި އެ ގައުމުން ހައްޔަރު ކޮށްފައި ވަނީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ލަންކާ ފުލުހުން މިހާތަނަށް 32 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ލަންކާގެ ފުލުހުން ބުންޏެވެ.

ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި، ހައްޔަރު ކޮށްފައިވާ ދިވެއްސަކީ އުމުރުން 45 އަހަރުގެ މުހައްމަދު އަޝްމަލީ ކިޔާ މީހެކެވެ.

ލަންކާ ފުލުހުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެއީ ކުރީގެ ސްޓޭޓް މިނިސްޓަރު އަޝްމަލީކަން ކަށަވަރު ކުރެވެ އެވެ.

ލަންކާ ފުލުހުން "މިހާރު" އަށް މިއަދު ބުނީ އޭނާ ހައްޔަރުކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އެއީ އަކީ ހަށިވިއްކުމުގެ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުންޏެވެ.

"ދިވެހި މީހާ ހައްޔަރުކޮށްފައި ވަނީ އިންޓަނެޓް މެދުވެރިކޮށް އަންހެން ކުއްޖާ ގަތުމުގެ ތުހުމަތުގައި،" ރޮހާނާ ވިދާޅުވި އެވެ.

އެ މީހާ [އަޝްމަލީ] ކުއްޖާއާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭތޯ ސުވާލު ކުރުމުން އޮފިޝަލު ވިދާޅުވީ، މައްސަލައިގެ ތަހުގީގު އަދި ކުރިއަށް ގެންދާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އޭނާގެ މައްސަލަ ބަލަމުން ދަނީ ކުޑަކުއްޖެއްގެ ބޭނުން ޖިންސީ ގޮތުން ނަހަމަ ގޮތުގައި ހިފުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ލަންކާގެ ފުލުހުން ބުންޏެވެ.

ލަންކާގެ ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށެވެ. އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރިކުރާ މީހަކު ވެސް ހިމެނެ އެވެ. އެ ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.