Roadha Mihaaru
ގަލޮޅު ސްކޫލުގެ މައްސަލަ މަޖިލީހަށް އެޖެންޑާއެއް ނުކުރި

ކޮމިޓީން ވެސް ބަލާތީ ގަލޮޅު ސްކޫލުގެ މައްސަލަ މަޖިލީހަށް އެޖެންޑާއެއް ނުކުރި

01 ނޮވެމްބަރ 2021

ގަލޮޅު ސްކޫލުގެ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އަންނާތީ، އެ ހާދިސާއާ ގުޅުވައިގެން އިދިކޮޅު މެމްބަރަކު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަން އުޅުއްވާ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން މިއަދު ނިންމައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ގަލޮޅު ސްކޫލުގެ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް ބަލަމުން އަންނާތީ، އެ ހާދިސާއާ ގުޅުވައިގެން އިދިކޮޅު މެމްބަރަކު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަން އުޅުއްވާ މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވާ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި ސުކޫލުތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް އިއްޔެ މައްސަލައެއް ހުށަހެޅުއްވި އެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ޝިޔާމް އެ މައްސަލަ ހުށަހެޅުއްވިއިރު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރަން ފަށާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ އެއީ އެ ވަގުތަކު ކޮމިޓީއެއްގައި ބަލައި ދިރާސާ ކުރަމުންދާ މައްސަލައަކަށް ނުވާ ނަމަ ކަމަށް އީވާ ވިދާޅުވި އެވެ.

"އެހެންވީމާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މައްސަލަ ހުށަހެޅުއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެހެން ނަމަވެސް އެ މައްސަލައަކީ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލައަކަށް ވާތީ ތަޅުމަށް ނުގެނެވޭނެ ވާހަކަ ދަންނަވަން،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ހުށަހެޅުއްވި މައްސަލައާ އެކުގައި، އެ މައްސަލައިގެ އަސާސް ހިމެނޭ ގޮތަށް ގަލޮޅު ސްކޫލުގެ ކުއްޖާ އަށް ކުރި ކަމަށް ބުނާ ޖިންސީ ގޯނާގެެ މައްސަލަ ބަލަމުންދާނެ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އަންގާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

އެ ކުއްޖާ އަށް ޖިންސީ އަނިޔާ ވެފައި ވަނީ، ގަލޮޅު ސްކޫލުގެ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން ފާހާނާ އަށް ފޮނުވި ފަހުން ކަމަށް އެ ކުއްޖާގެ ބެލެނިވެރިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުއްޖާ ފާހާނާ އަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ސްކޫލާ ހަވާލާދީ އާއިލާ އިން ބުނެ އެވެ.

އެ މައްސައިގައި ގަލޮޅު ސްކޫލުގެ މަސައްކަތު ހުރިހާ އެންމެން [ދައްތަމެން] އިއްޔެ އިން ފެށިގެން ވަޒީފާ އިން އެކަހެރިކޮށް، ޓީޗަރުންގެ ބެލުމުގެ ދަށުން ކުދިން ފާހާނާ އަށް ދާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލައިގައި އެންމެ ފުރަތަމަ ވެސް ސުކޫލުން އަމަލު ކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

ކުދިން ސުކޫލުގައި ހޭދަކުރާ ވަގުތަކީ އެ ކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިންމާ ސުކޫލުތަކުން ފުރިހަމަ އަށް ނަގަންޖެހޭ ވަގުތުތަކެއް ކަމުގައިވީ ނަަމަވެސް ދަރިވަރު ފާހާނާ އަށް ގެންދަން ހަވާލުކުރެވުނީ ކޮން މުވައްޒަފަކާ ކަން ވެސް ނޭނގުމަކީ ޝިޔާމްގެ ކަންބޮޑުވުމެކެވެ. އެކަން ހިނގައި ދިޔަ ގޮތް ބެލޭނެ ކެމެރާއެއް ނެތުމުގެ އިތުރުން، އެ މައްސަލައިގައި މެޑިކަލް ރިޕޯޓު ހެއްދުނީ ވަރަށް ލަހުން ކަން ވެސް އޭނާގެ މައްސަލައިގައި ފާހަގަކުރެއްވި އެވެ

ހަމަ އެހެންމެ އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ނިންމަންޖެހޭ ނިންމުންތައް ލަސް ކަމަށް ޝިޔާމް ވިދާޅުވި އެވެ.