Roadha Mihaaru
ސްކޫލުގައި ކުއްޖަކަށް "ޖިންސީގޯނާކުރި"މީހާ ދޫކޮށްލައިފި

ސްކޫލުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި

02 ނޮވެމްބަރ 2021

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކޮށްފައި ވަނީ އުމުރުން 63 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ގަލޮޅު ސްކޫލުގައި މަސައްކަތް ކުރާ ސަޕޯޓް ސްޓާފެކެވެ.

ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ނުގެންގޮސް ފުލުހުން މިއަދު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ދޫކޮށްލީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ލަފާ ދިނުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުން ފަހުން މީޑިއާގައި ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ހުށަހެޅުންތަކާއި ލިބިފައިވާ މައުލޫމާތުތަކާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް ބެލިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެ މީހާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް މި ވަގުތު އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ކުޑަކުއްޖާއަށް އަނިޔާ ދިން މައްސަލައިގައި މީހަކު ހައްޔަރުކުރި އިރު ގަލޮޅު ސްކޫލުގެ މަސައްކަތު ހުރިހާ އަންހެނުން ތިބީ ސަސްޕެންޑް ކޮށްފަ އެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުންގެ ބަޔާން ނެގި އެވެ. އޭގެ ތެރޭގައި ސްކޫލުގެ އިސްވެރިން ވެސް ހިމެނެ އެވެ.

މި މައްސަލަ ފެންމަތިވުމުން ގަލޮޅު ސްކޫލުން ފުރަތަމަ ބުނީ އެ ކުއްޖާ ފާހާނާ އަށް ގެންދަން ހަވާލުކުރެވުނީ ކާކާ ކަމެއް އާންޓީ ހަނދާނެއް ނެތް ކަމަށެވެ. ކުއްޖާ ހަވާލުކުރެވުނީ ކާކާ ކަން ނޭނގޭ ކަމަށް ސްކޫލުން ބުނާތީ ސީސީޓީވީ ކެމެރާ ހޯދަން ބެލެނިވެރިން ހުށަހެޅިއިރު އެތަނުގައި ކެމެރާއެއް ނެތް ކަމަށް އާއިލާ އިން ބުނެ އެވެ. ނަމަވެސް "މިހާރު" އިން ބެލިއިރު އެ ސްކޫލުގައި ކެމެރާތައް ހަރުކޮށްފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. އަދި އެ ކެމެރާތައް އަންނަނީ ބޭނުން ވެސް ކުރަމުންނެވެ.

އާއިލާގެ ކަންބޮޑުވުމަކީ ކުއްޖާއަށް އަނިޔާ ލިބުން މާބޮޑު ކަމަކަށް ނުހަދައި، މުއައްސަސާތައް ބަދުނާމުވެދާނެ ކަމުގެ ބިރަށް އެކަން ނުހިނގާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ފޮރުވަން މުއައްސަސާތަކުން މަސައްކަތް ކުރުމެވެ.

އާއިލާ އިން "މިހާރު"އަށް ބުނެފައިވާ ގޮތުގައި މި ކަހަލަ ތުހުމަތެއް ކުރެވުމުން އަނިޔާ ލިބުނު ކުއްޖާ އާއި އެހެން ކުދިންނަށްޓަކައި ވެސް ވީގޮތް ބެލުމަކީ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން ވެސް ކުރަން ޖެހޭ ކަމެކެވެ.