Roadha Mihaaru
ރޭޕް ކިޓް ބޭނުންކުރުން ލާޒިމުކުރަން ހިސާންގެ އިސްލާހެއް

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރަން ހިސާންގެ އިސްލާހެއް

02 ޖުލައި 2020

ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދަން ޝަރީއަތަށް ހުށަހަޅާ މައްސަލަތައް އެކަށީގެންވާ ހެކި ނެތިގެން ސާބިތުނުކުރެވި އިންސާފަށް ހުރަސްއެޅިފައިވާ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން، ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދަން ޝަރީއަތަށް ހުށަހަޅާ މައްސަލަތައް އެކަށީގެންވާ ހެކި ނެތިގެން ސާބިތުނުކުރެވި އިންސާފަށް ހުރަސްއެޅިފައިވާ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން، ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން މި އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި މިިދިޔަ ހަފުތާގައި ހިންގި ޖިންސީ ގޯނާގެ މައްސަލައިގައި ފުލުހުން އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމުގެ ކަންބޮޑުވުން އުފެދި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަނިޔާ ލިބުނު ކެންޔާގެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ކުރުން ލަސްވި މައްސަލައިގައި ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފައްދައި، ފާޑުކިއުން ވަނީ އަމާޒުކޮށްފަ އެވެ.

ހިސާން ވިދާޅުވީ ޖިންސީގޯނާގެ މައްސަލަތަކުގެ ޝިކާރައަކަށް ގިނަ ފަހަރު އަންހެނުންވެ މުޅި އުމުރަށް ނަފްސާނީ ގޮތުން އެކަމުގެ އަސަރު ތަހައްމަލްކުރަން ޖެހޭއިރު، އިންސާފު ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

މިފަދަ މައްސަލަތަކުގައި އޮންނަ ހަމައެކަނި އުއްމީދަކީ އިންސާފު ލިބުން ކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތިގެން މައްސަލަ ޝަރީއަތަށް ސާބިތުނުވެ، އަނިޔާ ލިބޭ މީހާ އަށް ގާނޫނީ ނިޒާމްގެ ތެރެއިން ގިނަ ފަހަރަށް ލިބެނީ އިތުރު ހިތްދަތި ކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ބިލް ހުށަހެޅީ އިންސާފު ހޯދައިދޭން ތިބި މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްކުރާ ކަން ކަށަވަރުކޮށް، ހޯދަން ޖެހޭ ހެކި ހޯދުން ލާޒިމްކުރުވުމަކީ އިންސާފަށް ކުރާ އުއްމީދަށް ދެވޭ ދިރުމަކަށް ވާތީ އެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ފޮރެންސިކް ހެދި ހޯދުމާއި ހެކި ރައްކާތެރިކުރުމުގައި ހާއްސަ އުސޫލްތަކެއް ގެންގުޅެގެން ނޫނީ މި ބާވަތުގެ މައްސަލަތައް ތަހުގީގުކޮށް، ސާބިތުވާވަރަށް ހެކި ނުހޯދޭނެ ކަން ޖިންސީ ކުށުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފާއިތުވި ހަ އަހަރުގެ ތަޖުރިބާ އިން އެނގެ އެވެ.

ބިލްގައި ހިމެނޭ މުހިއްމު ކަންކަން:

އިސްލާހު ހުށަހެޅުއްވީ ޖިންސީ ކުށުގެ ގާނޫނުގެ 50 ވަނަ މާއްދާގެ ފަހަތަށް ފަސް ވަނަ ބާބަށް މާއްދާއެއް އިތުރުކުރާށެވެ. އެ އިސްލާހުގައި، ޖިންސީ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި ތަހުލީލް ކުރަން ލާޒިމްކޮށްފަ އެވެ.

- ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތާއި ސާމްޕަލް ރައްކާތެރިކޮށް ބަހައްޓާނޭ ގޮތުގެ އުސޫލްތައް ބަޔާންކުރާ ގަވާއިދެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހަދައި އާއްމުކުރުން.

- ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ރޭޕް އެވިޑެންސް ކިޓް ލިބޭނެ ގޮތް ހެދުން.

- ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ހުރުން. އެކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަށަވަރުކުރުން.

- ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލެއް ފުލުހުން .އެކުލަވާލަން ޖެހޭ.

- ޖިންސީ ކުށެއްގެ މައްސަލައެއްގައި ހޮސްޕިޓަލަށް ފަރުވާއެއް ހޯދަން ހިނގައްޖެ ނަމަ ލަސްނުކޮށް ސާމްޕަލް ނަގަން ޖެހޭ. އަދި އެ މައްސަލައެއް ސޯޝަލް ސާވިސް ޑިޕާޓްމަންޓަށް އަންގަން ޖެހޭ. އެކަން ނުކޮށްފި ނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅަން ބިލުގައި ހިމަނާފައި އޮވޭ.

- ޖިންސީ ގޯނާގެ ކުށެއްގައި ތުހުމަތުކުރެވޭ މީހަކު ހޮސްޕިޓަލަށް ހިނގައްޖެ ނަމަ އެމީހަކާ މެދު އަމަލުކުރާނޭ އުސޫލެއް ސިއްހީ ހިދުމަތްދޭ ތަންތަނުން އެކުލަވާލަން ޖެހޭ.

- ފުލުހުންނަށް ހުށަހަޅާ ޖިންސީ ކުށުގެ މައްސަލަތަކުގައި ހިމެނޭ މީހުން ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރުން ލާޒިމުކުރަން ހުށަހަޅާފައިވޭ.

- ޖިންސީ ގޯނާގެ ކުށެއް ފުލުހުންނަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ޝިކާރައަކަށްވާ މީހާއާމެދު އަމަލުކުރާނެ ގޮތާއި ތަހުގީގުކުރުމުގައި ފުރިހަމަކުރަން ޖެހޭނެ އުސޫލެއް އެކުލަވާލަންޖެހޭ.

- ބިލުގައި ފުލުހުން އަމަލުކުރަން ކަނޑައަޅާފައިވާ އެއްވެސް އުސޫލަކާ ޚިލާފުވެއްޖެ ނަމަ އެކަން ފުލުހުން ޒިންމާދާރުކޮށް ޖަވާބުދާރީކުރުވާ މުއައްސަސާތަކަށް ހުށަހަޅައި ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި ތަހުގީގު ނިންމަންޖެހޭ.

ހިސާން ހުށަހެޅި ބިލުގައި ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ބައެއް އަކުރުތައް އުނިކުރަން ވެސް ހުށަހަޅުއްވާފައިވެ އެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހާއާ ދެކޮޅަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ފަދަ ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ހެކިތަކާއި ގުޅޭ މާއްދާތައް ހިމެނެ އެވެ.

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅިޔަސް ތަހުގީގުކޮށް ޝަރީއަތުން ކުށް ސާބިތުވަނީ ނިސްބަތުން މަދު މައްސަލަތަކެއްގައިކަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއިން އޮތީ ފެންނާށެވެ.