Roadha Mihaaru
ލަންކާގައި ހަށި ވިއްކުވި މައްސަލައެއްގައި ދިވެއްސަކު!

ލަންކާގައި ކުޑަ ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި

05 ޖުލައި 2021

ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއް ބަލަމުން އަންނަ އިރު އެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއް ބަލަމުން އަންނަ އިރު އެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.

މިއީ އުމުރުން 15 އަހަރުގެ ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލައެކެވެ. ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަސް ދުވަސް ވެއްޖެ އެވެ.

މި މައްސަލާގައި އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ކުއްޖާ އިސްތިހާރުކޮށް ވިއްކުމަށް ވެބްސައިޓެއް ހަދައި ހިންގި މީހާ އާއި ހޮޓަލެއްގެ މެނޭޖަރުގެ އިތުރުން ދިވެއްސެކެވެ. މިހާތަނަށް އެކި ތުހުމަތަށް 32 މީހަކު މި މައްސަލާގައި ހައްޔަރުކޮށްފައި ވާއިރު ކުއްޖާގެ މަންމަ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ދިވެހި މީހާ އަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް އަދި ސާފެއް ނުވެ އެވެ. މި މީހާގެ ވަނަވަރެއް ވެސް ލަންކާ ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރިކުރާ މީހަކު ވެސް ހިމެނެ އެވެ.

"މި މައްސަލައިގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ބޭނުންކޮށްފައިވަނީ އޮންލައިން ވެބްސައިޓަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް،" މިދިޔަ މަހުގެ ހަތް ވަނަ ދުވަހު މި މައްސަލާގައި ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކުރުމަށް ފަހު ލަންކާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެ ކުއްޖާ ވަނީ އެކި މީހުންނާ ހަވާލުކޮށް ކުއްޖާގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފަ އެވެ.

ލަންކާގެ ނޫސްތަކުން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނީ މި ބޮޑު ކުށުގެ ތުހުމަތަށް އިތުރު 12 މީހަކު ހައްޔަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.