Roadha Mihaaru
މޯދީގެ އިސްތިއުފާއަށް ގޮވާތީ ފޭސްބުކުން ފިޔަވަޅެއް

މޯދީގެ އިސްތިއުފާއަށް ގޮވާތީ ފޭސްބުކުން ފިޔަވަޅު އަޅައިފި

30 އެޕްރީލް 2021

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މި ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން ދުރާލައި ތައްޔާރުވެފައި ނެތް ކަމަށް ބުނެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްތިއުފާ އަށް ފޭސްބުކްގައި ގޮވަން ފެށުމުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ މި ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން ދުރާލައި ތައްޔާރުވެފައި ނެތް ކަމަށް ބުނެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްތިއުފާ އަށް ފޭސްބުކްގައި ގޮވަން ފެށުމުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައިފި އެވެ.

ރިޒައިންމޯދީ ހޭޝްޓެގްގައި މި ކެމްޕޭން ފަށާފައި ވަނިކޮށް އެ ހޭޝްޓެގް ފޭސްބުކުން ބްލޮކްކުރި މައްސަލަ ވެސް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެކަމުގެ ތެރޭގައި 12،000 އެއްހާ ޕޯސްޓް ނުފެންނަ ގޮތަށް ހެދި އެވެ. މިކަމާ ގުޅިގެން ފަހުން ފޭސްބުކްގެ ޕޮލިސީ ކޮމިއުނިކޭޝަން މެނޭޖަރު އެންޑީ ސްޓޯން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޭޝްޓެގް ބްލޮކްކުރެވުނީ އޮޅުމަކުން ކަމަށާއި ކުރިއެކޭ އެއްގޮތަށް ހޭޝްޓެގް އިޔާދަކޮށް ދީފައިވާ ކަމަށެވެ.

ގިނަ ބަޔަކު ތުހުމަތުކުރީ ޓްވިޓާ އަށް އެންގި ގޮތަށް، އިންޑިއާގެ ކޮވިޑްގެ ހާލަތު ދުނިޔެ އަށް ފޮރުވަން ފޭސްބުކަށް ވެސް އިންޑިއާގެ ސަރުކާރުން އަންގައިގެން އެގޮތަށް ހެދީ ކަމަށެވެ. ނަމަވެސް ފޭސްބުކުން ބުނީ އެފަދަ އެއްވެސް އެންގުމެއް ސަރުކާރުން ނާންގާ ކަމަށެވެ.

ފޭސްބުކް ހޭޝްޓެގް ބްލޮކްކުރި މައްސަލާގައި އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ވެސް ބުނީ އެފަދަ ކަމެއްކުރަން ފޭސްބުކަށް ސަރުކާރުން އަންގާފައި ނުވާނެ ކަމަށެވެ.

ކޮވިޑްގެ ދެވަނަ ރާޅާ އެކު އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، ސޯޝަލް މީޑިއާގައި ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުން އިންޑިއާގެ ސަރުކާރުން އެދިގެން ކޮވިޑާ ގުޅުން ހުރި އިންޑިއާގެ ބައެއް ޓްވީޓްތައް ނުފެންނަ ގޮތަށް ހަދާފައިވެ އެވެ. އަދި އެއީ އެފަދަ ޓްވީޓްތަކުގެ ސަބަބުން އާންމުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފެދިދާނެތީ އަޅަން ޖެހުނު ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގައި މިހާރު ކޮންމެ ދުވަހަކު ކޮވިޑް ބަލީގައި އެތައް ބަޔަކު މަރުވަމުންދާ އިރު، އޮކްސިޖަންގެ ދަތިކަމާއި ކޮވިޑަށް ޓެސްޓްކުރެވޭނެ ހަރުދަނާ އިންތިޒާމެއް ނެތުމާއި އެކަށީގެންވާ ވަރަށް ވެކްސިން ނުޖެހުމާއި ވެކްސިން ނެތް މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެފައިވެ އެވެ.