Roadha Mihaaru
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި މަނާކޮށްފި

ކޮވިޑްގެ "އިންޑިއަން ވޭރިއަންޓް" އޭ ބުނާ ކޮންޓެންޓް ނަގަން އިންޑިއާގައި ޓެކް ކުންފުނިތަކަށް އަންގައިފި

24 މެއި 2021

ސޯޝަލް މީޑިއާގައި ކޮވިޑް-19 ގެ "އިންޑިއާ ވޭރިއަންޓް" އޭ ބުނާ ކޮންޓެންޓްތައް ނެގުމަށާއި އެފަދަ ކޮންޓެންޓްތަކަށް ފުރުސަތު ނުދިނުމަށް އިންޑިއާގެ ސަރުކާރުން ޓެކް ކުންފުނިތަކަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯޝަލް މީޑިއާގައި ކޮވިޑް-19 ގެ "އިންޑިއާ ވޭރިއަންޓް" އޭ ބުނާ ކޮންޓެންޓްތައް ނެގުމަށާއި އެފަދަ ކޮންޓެންޓްތަކަށް ފުރުސަތު ނުދިނުމަށް އިންޑިއާގެ ސަރުކާރުން ޓެކް ކުންފުނިތަކަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބީބީސީ އާއި ރޮއިޓާސް ފަދަ އެޖެންސީތަކުން ބުނެފައިވާ ގޮތުގައި ޓެކް ކުންފުނިތަށް އެކަން އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން މިނިސްޓްރީން ސިޓީއަކުން އެންގީ ހުކުރު ދުވަހު އެވެ. މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުންޏަސް ބައެއް ކުންފުނިތަކުން އެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައިވެ އެވެ.

އިންޑިއާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި "އިންޑިއަން ވޭރިއަންޓް" އޭ ކިޔާ ކޮވިޑްގެ ވައިރަހެއް ދުނިޔެއަކު ނެތެވެ. އަދި އިންޑިއާގެ ވޭރިއަންޓްގެ ގޮތުގައި ސިފަކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން B.1.617 ވޭރިއަންޓްގެ ގޮތުގައި ލިސްޓްކޮށްފައި އޮތް ވޭރިއަންޓެއް ކަމަށާއި އެއަށް "އިންޑިއަން ވޭރިއަންޓް" އޭ ކިޔުމަކީ ސައްހަ ނޫން މައުލޫމާތުތަކެއް އާންމުކުރުން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ކޮވިޑާ އެކު އުފަންވި އިތުރު ވޭރިއަންޓްގެ ގޮތުގައި މީގެ ކުރިން ދެކުނު އެފްރިކާ ވޭރިއަންޓާއި ޔޫކޭ ވޭރިއަންޓާއި ބްރެޒިލް ވޭރިއަންޓް ވެސް ފާހަގަކުރެވެ އެވެ. އަދި މި ވޭރިއަންޓް އެކިއެކި ގައުމުތަކުން ފެނިފައިވެ އެވެ.

އިންޑިއާގެ ކޮވިޑްގެ ހާލުތި މި އަހަރުގެ ފެބްއަރީ މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އެ ބަލި ކޮންޓްރޯލްކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ހާއްސަކޮށް އިންޑިއާގެ ހާލަތު ފޮރުވަން، ސަރުކާރުން އެކި ފަހަރު މަތިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެކި ކަހަލަ އެންގުންތައް އަންގާފައިވެ އެވެ.

އެެގޮތުން ޓްވިޓާ އާއި ފޭސްބުކަށް އެންގި އެންގުންތަކަކާ ގުޅިގެން ވެސް އެތައް ބައެއްގެ ނުރުހުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް އަމާޒުވެފައިވެ އެވެ. ހާއްސަކޮށް ޓެކް ކުންފުނިކަށް ނުފޫޒު ފޯރުވަން އުޅުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅުން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިންޑިއާ އަކީ މި ވަގުތު ދުނިޔޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެގޮތުން އެ ގައުމުން ބަލީގައި އެތައް ބަޔަކު ކޮންމެ ދުވަހަކު މަރުވަމުންދާ އިރު، ކޮވިޑަށް އެކަށީގެންވާ ގޮތަށް ޓެސްޓްނުކުރެވުމާއި ބަލި މީހުންނާ އެކު ހޮސްޕިޓަލްތައް ފުރުމައި މަރުވާ މީހުންގެ ހަށިތައް އަންދާ ތަންތަނުން ފުރިބާރުވުމައި އެކަމަށް ބޭނުންވާ ދަރަށް ޖެހުމައި އޮކްސިޖަންގެ ދަތިކަމައި އެމްބިއުލާންސްގެ ދަތިކަމައި އަދި ވެކްސިން އެކަށީގެންވާ ވަރަށް ނެތުމުގެ މައްސަލަތައް ހިމެނެ އެވެ.