Roadha Mihaaru
އެންމެ ގޯސްވިއިރު މި ތިބީ ހުރިހާ ކަމެއް ދޫކޮށްލައިގެން

ޑޮކްޓަރުން ގަދަ ރުޅީގައި: އެންމެ ގޯސްވިއިރު މި ތިބީ ހުރިހާ ކަމެއް ދޫކޮށްލައިގެން

29 އެޕްރީލް 2021

އެއް ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ނަމަ ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރި މަސައްކަތުގައި ރާއްޖެއަށް މިހާރު ވެފައި މި އޮތް ގޮތަކީ އެހެން ގައުމުތަކާ މުޅިން ތަފާތު ގޮތެކެވެ. ރާއްޖޭގައި ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް މައްޗަށް ދާން ފެށިއިރު، ލޮކްޑައުނަކަށް ނުދެވި، ހުރިހާ ކަމެއް މި ވަނީ ދޫކޮށްލައިފަ އެވެ. ހަރުކަށިކޮށްފައި ހުރި ކަންކަން ހުރީ ހަމައެކަނި ނަމެއްގަ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެއް ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ނަމަ ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރި މަސައްކަތުގައި ރާއްޖެއަށް މިހާރު ވެފައި މި އޮތް ގޮތަކީ އެހެން ގައުމުތަކާ މުޅިން ތަފާތު ގޮތެކެވެ. ރާއްޖޭގައި ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް މައްޗަށް ދާން ފެށިއިރު، ލޮކްޑައުނަކަށް ނުދެވި، ހުރިހާ ކަމެއް މި ވަނީ ދޫކޮށްލައިފަ އެވެ. ހަރުކަށިކޮށްފައި ހުރި ކަންކަން ހުރީ ހަމައެކަނި ނަމެއްގަ އެވެ.

"އަހަރެމެން ރާއްޖޭގައި މި ހެދި ގޮތަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑު ލޮކްޑައުންއެއްގައި ތިބީ. ކޭސްތައް އާދައިގެ ވަރެއްގައި ފެނުނުއިރު ވެސް ތިބީ ލޮކްޑައުންގައި. އެކަމަކު، ބަލި ޖެހޭ މީހުންގެ އަަދަދު ރެކޯޑް އަދަދަކަށް ދާއިރު މި ތިބެން ޖެހުނީ ލޮކްޑައުންއަކަށް ނުގޮސް ދެ އަތް އުރާލައިގެން. މިއީ އެހެން ގައުމުތަކުގައި ކަންކަން ކުރަން ޖެހުނު ގޮތެއް ނޫން،" ކޮވިޑުން މީހުން ސަލާމަތް ކުރުމުގައި އިސް ދައުރެއް އަދާކުރައްވާ އެ ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހުރިހާ ގައުމުތަކުގައި ވެސް އަމަލުކުރި ގޮތަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލިޖެހޭ މީހުންގެ އަދަދު މައްޗަށް ދިއުމުން ލޮކްޑައުންއަކަށް ގޮސް ކިރިޔާ ދަށްވެލާއިރަށް ލޮކްޑައުން އުވައިލުމެވެ.

"އެއީ ކޮވިޑް ކޮންޓްރޯލްކުރުމުގައި އަމަލުކުރާ ގޮތް. އެހާ ދިގު މުއްދަތެއްގެ ލޮކްޑައުންއެއްގައި ރާއްޖޭގައި ތިބުމުން މިވީ ގޮތަކީ އާންމުންގެ އިތުބާރު ވެސް ފިިޔަވަޅުތަކަށް ގެއްލުނީ. އިތުބާރު ކުޑަވީ. އިކޮނޮމިކް ޕްރެޝަރާއި ސިޔާސީ ޕްރެޝަރު މާ ބޮޑުވީ. މިހާރު މިތިބީ މިއީ ވަރަށް އުނދަގޫ ހާލަތެއްގައި،" ކުރިން ވާހަކަ ދެއްކެވި ޑޮކްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިއްޔެ 464 އަށް އެރީ ނޭނގި ތިއްބައެއް ނޫނެވެ. މިދިޔަ ހަފުތާއެއްގެ ހިސާބުތަކަށް ބަލައިފި ނަމަ ދުވަހެއް ދުވަހަކަށް ހާލަތު ގޯސްވާކަން ތަފާސްހިސާބުތަކުން އައީ ދައްކަމުންނެވެ. މާލޭގައި ކޮވިޑް ހާލަތު ގޯސްވެ، 207 އަށް އަދަދު އެރިއިރު ވެސް އެޗްޕީއޭ އާއި އެޗްއީއޯސީގެ ވެރިން ތިބީ ފެންނަ މަންޒަރުތަކަށް ބަލާއިރު ދޫކޮށްލައިގެންނެވެ.

ބަޔަކު ސައިކަލްގައި ބްރިޖު ހުރަސްކުރަނީ: މިހާރު މާލޭގައި ވެސް ކޮވިޑަށް ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރޭތޯ ނުބަލާ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބަޔަކު ސައިކަލްގައި ބްރިޖު ހުރަސްކުރަނީ: މިހާރު މާލޭގައި ވެސް ކޮވިޑަށް ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އަމަލުކުރޭތޯ ނުބަލާ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 464 އަށް އަރައި އެއީ ރާއްޖޭގެ ރެކޯޑަކަށް ވީއިރު، ރަށްރަށުގެ ހާލަތު ހެސްކިޔާފައި ދަނީ ގޯސްވަމުންނެވެ. އެއް ރަށަކުން 100 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، ފިޔަވަޅުތައް އެޅުން ސުމަކަށް އޮތީ ވެފަ އެވެ. ރަށްރަށުން އިވެނީ މީހުން ކޮވިޑަށް ޓެސްޓު ނުކުރާ ވާހަކަ އާއި މާސްކު ނާޅާ ވާހަކަ އެވެ. މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތަސް ފިޔަވަޅެއް ނާޅަ އެވެ. ހޭލުންތެރި ކުރުމަށް ކުރިން ހިންގި ވަރުގަދަ ކެމްޕެއިންތައް ނުފެނެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިއްޔެ މައްޗަށް ދިޔަ ނަމަވެސް ކަންބޮޑުވުމެއް ނުފެނޭ.

ހާލަތުގެ ގޮތުން، ނަން ޖަހައިގެން އެއްވެސް ޑޮކްޓަރަކު މީޑިއާގައި ވާހަކަ ދައްކަވާކަށް ބޭނުމެއް ނޫނެވެ. އެކަމަކު، "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް ޑޮކްޓަރުންގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑެވެ. މީހުންގެ ފުރާނަ ސަލާމަތްކުރަން 24 ގަޑިއިރު މިދިޔަ އަހަރެއްހާ ދުވަހުގެ އެންމެ ބުރަކޮށް މަސައްކަތްކުރެއްވި އެ ޑޮކްޓަރުންގެ ވާހަަކަ އިން ބޮޑަށް ދޭހަވަނީ ފިއްތުންތައް ބޮޑުވެ، ދެން ހަދާނެ ގޮތް ހުސްވެފައިވާ ކަމެވެ. ކޮންމެ ޑޮކްޓަރަކު ވެސް ވިދާޅުވަނީ "މާ ބޮޑަށް ފަސޭހަކޮށްވުނީ" ކަމަށެވެ.

އަހަރެމެން ރާއްޖޭގައި މި ހެދި ގޮތަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑު ލޮކްޑައުންއެއްގައި ތިބީ. ކޭސްތައް އާދައިގެ ވަރެއްގައި ފެނުނުއިރު ވެސް ތިބީ ލޮކްޑައުންގައި. އެކަމަކު، ބަލި ޖެހޭ މީހުންގެ އަަދަދު ރެކޯޑް އަދަދަކަށް ދާއިރު މި ތިބެން ޖެހުނީ ލޮކްޑައުންއަކަށް ނުގޮސް ދެއަތް އުރާލައިގެން: ޑޮކްޓަރެއް

ގިނަ ޑޮކްޓަރުންގެ ވިސްނުމުގައި މިހާ ބޮޑަށް ގޯސްވި އެއް ކަމަކީ މި މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. އެ އިންތިހާބުގެ ކެމްޕެއިނަށާއި ވޯޓުލާން ދިއުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިން ރިވިއުކޮށް، އޮތީ ދޫދީފަ އެވެ. ވޯޓުލާން އެއް ރަށުން އަނެއް ރަށަށް ދާން ބޭނުންވި މީހުންނަށް ވެސް އޮތީ ކަރަންޓީނުގެ ލުއި ދީފަ އެވެ. އެހެންވެ، އެތައް ބަޔަކު ވޯޓުލާން ފުރަފުރައިގެން ދިޔައީ އެވެ. ސަލާމަތަށް، ރައްކާތެރިކަމަކަށް ނުބެލި އެވެ. އެޗްޕީއޭގެ އިސްވެރިންނާއި ޓެގް ޓީމު ތިބީ ކޮންމެ ސަބަބަކާ ހެދި ނަމަވެސް ދޫކޮށްލައިގެންނެވެ.

"އެއް ސަބަބަކީ ހަމަ އެ އިންތިހާބު. ފަރުދީ ޒިންމާ އަދާކުރާނެ ކަމަށް ބަލާފައި އިންތިހާބަށް ކަންކަން ދޫކޮށްލީ މާ ބޮޑަށް. ބޮޑެތި އެއްވުންތައް ބޭއްވީ. ފަރުދީ ޒިންމާ އަށް ހުރިހާ ކަމެއް ދޫކޮށްލުމަކީ އެއްވެސް ގައުމެއްގައި ކުރާނެ ކަމެއް ނޫން. ސަބަބަކީ ފަރުދީ ޒިންމާ ނުނެގޭނެ އެހާ ވަރަކަށް. އެހާ ބޮޑަށް ކަންކަން ދޫކޮށްލުން ރަނގަޅެއް ނޫން އަދި،" އެހެން ޑޮކްޓަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިގްތިސޯދީ، ސިޔާސީ ފިއްތުންތައް ކަމާބެހޭ އިދާރާތަކަށް އައުމަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އޮތް ކަންތައް ކަމަށެވެ. އެކަމުން އެއްވެސް ގައުމެއް އިސްތިސްނާއެއް ނުވެ އެވެ. އެކަމަކު، ކޮވިޑަކީ އަދިވެސް ގޮތް ނޭނގޭ ބައްޔެއްކަމުން ފިޔަވަޅުތަކަށް ދޫ ދިނުމުގައި ސަމާލުވާން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. ހާއްސަކޮށް ރާއްޖޭގައި ކޮވިޑް ވެކްސިން ފަށާފައިވާއިރު، ބަލީގެ އަލާމާތްތައް ފެންނަލެއް މަދުވުން ފަދަ ކަންކަން ދިމާވާނެ އެވެ.

"ވެކްސިން ޖަހަން ފެށީމާ އާ ސްޓްރެއިންއެއް އަންނާނެ ކޮންމެ ގައުމެއްގައި ވެސް. އެއީ މަރުވަމުންދާ ވައިރަސް ދާނީ މޮޑިފައިވަމުން. ކުރީގެ ސްޓްރެއިން އަށް ވުރެ ވަރުގަދަ ސްޓްރެއިންއެއް ވެކްސިނަށް ފަހު އަންނާނެ. އެހެންވީމާ ވަރަށް ވިސްނައިގެން ކަންކަން ކުރަން ޖެހޭނީ،" އެހެން ޑޮކްޓަރަކު ވިދާޅުވި އެވެ.

އަހަރެމެންގެ ބައެއް މީހުންގެ ވިސްނުމަކީ ވެކްސިން ޖެހުމުން ކަންކަން ހައްލުވީ އެވެ. ދެނެއް ކޮވިޑެއް ނުޖެހޭނެ އެވެ. ނަމަވެސް މިއީ ބަލީގެ ގޮތުން ނިންމައިގެން ވާނެ ގޮތެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. އާބާދީގެ 60 ޕަސެންޓަށް އަދި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ވެސް ނުޖެހެ އެވެ. އެހެންވެ، ކަންކަން މިހާ ފަސޭހަކޮށްލާ ހިސާބަކަށް ނުދާ ކަން ޑޮކްޓަރުންގެ ވާހަތަކުން އެނގެ އެވެ.

އެއް ސަބަބަކީ ހަމަ އެ އިންތިހާބު. ފަރުދީ ޒިންމާ އަދާކުރާނެ ކަމަށް ބަލާފައި އިންތިހާބަށް ކަންކަން ދޫކޮށްލީ މާ ބޮޑަށް. ބޮޑެތި އެއްވުންތައް ބޭއްވީ. ފަރުދީ ޒިންމާ އަށް ހުރިހާ ކަމެއް ދޫކޮށްލުމަކީ އެއްވެސް ގައުމެއްގައި ކުރާނެ ކަމެއް ނޫން.

"ވެކްސިންގެ އަސަރު ހުރީމާ ކަމަށް ވެދާނެ އެޑްމިޓް ކުރާ ވަރު މަދީ. އެކަމަކު، ވެކްސިން ޖެހުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިފެހެއްޓި ނަމަ ރަނަގަޅު. އެކަމަކު، ވެކްސިންގެ ޑޯޒް އަދި ފުރިހަމަ ނުވަނީސް މިވަނީ ފިޔަވަޅުތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލެވިފައި. އެއީ ވަރަށް ބޮޑު މައްސަލައެއް،" ޑޮކްޓަރަކު ވިދާޅުވި އެވެ.

އިތުބާރު ގެެއްލިފައި، އަލުން އެ ހޯދުން ވެސް އުނދަގޫ

"މިހާރު" އާ ވާހަކަ ދެއްކެވި އެއް ޑޮކްޓަރަކު ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކުން ބައެއް މީހުންނާ މެދު އަމަލުކުރި ގޮތުން ރައްޔިތުންގެ އިތުބާރު މާ ބޮޑަށް ގެއްލިއްޖެ ކަމަށެވެ. އެއް ކަމަކީ ކޮވިޑްގެ ހާލަތު ވަރަށް ގޯސް ގައުމުތަކުން ރާއްޖެ އަށް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު އައުމުން މާ ބޮޑަށް ދޫކޮށްލުމެވެ.

"އެ މީހުން އުޅޭނެ ގޮތަކަށް އުޅެންވީ. އެކަމަކު، އެ ގައުމުތަކުން އަންނަ ދިވެހިންނަށް މި ޖެހެނީ 14 ދުވަހަށް ކަރަންޓީނުގައި ތިބެން. މި ވައިރަސްއަކީ މިއުޓޭޓް ވާ އެއްޗެއް. ބަދަލުވާ އެއްޗެއް. އެކަމަކު، ހައި ރިސްކު ގައުމުތަކުން މީހުން އަންނަން ވެސް ދޫކޮށްލީ މާ ބޮޑަށް. ޔޫކޭ، އިންޑިއާ އިން ވެސް އަންނަންވީ. އަޅުގަނޑަށް ފެނުނު މަންޒަރަކީ ހައި ރިސްކް ގައުމުތަކުން މީހުން އައުން މާ ބޮޑަށް ދޫކޮށްލެވި، ރަށްރަށަށް ބަލި ސްޕްރެޑްވުން އަވަސްވީ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި ރެކޯޑް އަދަދަކަށް މިހާރު ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާ އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން ކޮންޓްރޯލް ކުރީ ވެސް މީޑިއާ އާއި އާންމުންގެ އެތައް ބައެެއްގެ ފިއްތުންތަކާ އެކު އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ވާހަކަތަކުން އެނގެނީ އެ ފިޔަވަޅު ވެސް އެޗްޕީއޭ އިން އެޅީ އިދިކޮޅު ސިޔާސީ ފިއްތުންތަކާ ހެދި ކަމަށެވެ. އެންމެ ހާލަތު ގޯސް އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައިސް ތިބެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އެކަމަކު، އޭގެ ކުރިން ފިޔަވަޅު އަޅައި ރައްކާތެރިވާން ޖެހޭނެ ކަމެއް މިނިސްޓަރުގެ ވިސްނުމުގައި ނެތީ ކަމަށް ވެދާނެ އެވެ. އެހެން ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު މާ ކުރިން އަޅައި، "ދޮރުތައް ބަންދުކުރިއިރު" ދިވެހިން ތިބީ ފަހަތުގަ އެވެ.

"ލޮޖިކަލީ މީހުން މިހާރަކު ގަބޫލެއް ނުކުރޭ ހަމަހަމަކޮށް ކަމަށް ފިޔަވަޅު އަޅަމުން މިދަނީ. ސަބަބަކީ އެކަން ފެންނަން ހުރީމާ،" ކޮވިޑާ ގުޅޭ ކަންކަމުގައި އުޅުއްވާ ރާއްޖޭގެ ސީނިއާ ޑޮކްޓަރަކު ވިދާޅުވި އެވެ.

ބްރިޖު ސަރަހައްދުގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ: ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ މީހުން މިހާރު ފުލުހުންނަކަށް ވެސް ނުފެނޭ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖު ސަރަހައްދުގެ ޓްރެފިކް ފުލުހަކު ބަލަހައްޓަނީ: ކޮވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ މީހުން މިހާރު ފުލުހުންނަކަށް ވެސް ނުފެނޭ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރު ކަންކަން ހުރި ހިސާބުން ލޮކްޑައުންއަކަށް ދިއުމަކީ ވުމަށް ވުރެ ދުރު ކަމެކެވެ. އެންމެ ބޮޑު ކަމަކީ އާންމުންގެ އިތުބާރެވެ.

"އިގްތިސޯދު ވެސް ގޯހީ ކަމަށް އަޅުގަނޑަށް ފެންނަނީ. އެ ހުރިހާ ކަމެއް މިވަނީ މިކްސްވެފައި މިހާރު. ކަންކަން ކުރެވުނު ގޮތުން ކަމަށް ވެދާނެ މިހެން މިވީ،" އެ ޑޮކްޓަރު ވިދާޅުވި އެވެ.

އެޗްޕީއޭ، އެޗްއީއޯސީގެ ހަރަކާތްތެރިކަމެއް ނެތް

މިއީ މިއަދު އެންމެން ވެސް ދައްކާ ވާހަކަ އެވެ. ކޮވިޑްގެ ކަންތައްތަކުގައި މީގެ ކުރިން އެޗްޕީއޭ އާާއި އެޗްއީއޯސީން އުޅުނު ވަރާ ގާތަށް ވެސް ރާއްޖޭގައި އެ ބަލި ޖެހޭ މީހުންގެ އަދަދު ރެކޯޑް ވަރަށް މައްޗަށް ދިއުމުން ވެސް އެ ދެ އިދާރާއަކުން ނޫޅޭކަމެވެ. ބަލި ޖެހިފައިވާ މީހުންގެ އަދަދު 4،000 އަށް ވުރެ މަތީގައި އުޅޭއިރު، ކުރިއާ ބަލާއިރު، އެޗްޕީއޭ އާއި އެޗްއީއޯސީން ފެންނަނީ ތަފާތު މަންޒަރެކެވެ. މިދިޔަ ތިން ދުވަހުގެ އަދަދުތަކަށް ބަލައި، ކުރީގައި ނަމަ އެޗްޕީއޭގެ އިސްވެރިންގެ މީޑިއާ ބްރީފިންތަކާއި އިންޓަވިއުތައް ގިނަވާނެ އެވެ.

މީގެ ކުރިން ނަމަ ކޮވިޑް ކޭސްތައް 100 އަށް އެރުމުން ވެސް އެޗްޕީއޭ އާއި ޓެގް ޓީމު އެލާޓްވެ، މީޑިއާ ބްރީފިން ބާއްވައި ކަންބޮޑުވުން ފާޅުކުރި އެވެ. ރައްޔިތުން ހޭލުންތެރި ކުރި އެވެ. ހަރުކަށި ފިޔަވަޅު އެޅި އެވެ. ލޮކްޑައުންއަކަށް ދާން ޖެހިއްޖެ ނަމަ ފަސްޖެހުމެއް ނެތި ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކުން އައީ އެކަން ކުރަމުންނެވެ. އިސްކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސްވިއިރު، މިހާރު ކޮބާ މި ޕްރެސް ކޮންފަރެސްތައް؟

ކޮވިޑްގެ ހާލަތު އެންމެ ގޯސްވިއިރު، މިހާރު ކޮބާ މި ޕްރެސް ކޮންފަރެސްތައް؟

އެކަމަކު، މިހާ ބޮޑަށް އަދަދުތައް މައްޗަށް އެރިއިރު، އެޗްޕީއޭ އާއި އެޗްއީއޯސީގެ ބޭފުޅުން މީޑިއާ ބްރީފިންއެއް ވެސް ނުބާއްވަ އެވެ. މިދިޔަ ތިން ދުވަހު އަދަދުތައް މައްޗަށް ދިޔައިރު، އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނާނެ އިދާރާއެއް ނެތެވެ. ކަންބޮޑުވެގެން އުޅޭ ތަނެއް ކުރިއާ ބަލާއިރު ނުފެނުނެވެ.

މާލޭގެ ކޭސްތައް މައްޗަށް ދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނާޅަ އެވެ. އެޗްޕީއޭ އާއި އެޗްއީއޯސީ އާއި ފުލުހުންގެ އެންމެ ގިނަ ބަޔަކު ތިބީ މާލޭގައި ކަމަށް ވިޔަސް ފިޔަވަޅުތައް ތަންފީޒު ކުރާ ތަނެއް ނުފެނެ އެވެ. އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ، ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުގެ ކުރިމަތީގައި ހިލާފުވާއިރު ވެސް ތިބެނީ ބަލަހައްޓައިގެންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓާތޯ ބަލަން އިންސްޓްރަކްޓަރުން އުޅޭ ވާހަކައެއް ނީވެ އެވެ.

މާލެ އިން އެންމެ ފަހުން އެކަނި ވެސް 200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި ވިޔަސް މިއަދުގެ ހަގީގަތަކީ ރައްކާތެރިކަމަށް ބެލުމެއް ނެތި އެ މީހަކު އުޅެނީ އުޅޭނެ ގޮތަކަށެވެ. މާސްކު ނާޅައި އެތައް ބަޔަކު މާލޭގެ މަގުމަތިން އެބަފެނެ އެވެ. އެއީ މީގެ ކުރިން ވަރަށް ބޮޑަށް މަނާކަމަކަށް ހަދައި ޖޫރިމަނާގެ އަދަބު ކަނޑައަޅަފައި އޮތަސް ފިޔަވަޅު އަޅާ ތަނެއް ނުފެނެ އެވެ.

މިދިޔަ އަހަރު މާލެ ފުލްލޮކްޑައުންގައި އޮތް ދުވަސްވަރު ފުލުހުން ވެހިކަލެއް ހުއްޓުވައި ޑްރައިވަރާ ސުވާލު ކުރަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ އަހަރު މާލެ ފުލްލޮކްޑައުންގައި އޮތް ދުވަސްވަރު ފުލުހުން ވެހިކަލެއް ހުއްޓުވައި ޑްރައިވަރާ ސުވާލު ކުރަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

މާސްކު ނާޅާ މީހުންނަށް އިންޒާރެއް ނެތެވެ. މާސްކު ނާޅާ މީހުންނަށް މީގެ ކުރިން ތަފާތު އިންޒާރުގެ މެސެޖުތައް ފުލުހުން އާންމުކުރިޔަސް ރެކޯޑަށް ފަހު ރެކޯޑަކަށް އަދަދު އަރަމުންދާއިރު ތިބީ ނިދައިފަ އެވެ. ނުފެންނަ ކަމަކަށް ހަދައިގެން ތިބީ އެވެ.

އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މާލެ ސަރަހައްދުގައި އެއް ތަނަކަށް އެއް ވަގުތެއްގައި އެއްވުން މަނާކޮށްފައި އޮތަސް މަނާވަނީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ އެއްވުމެވެ. އެހެން އެންމެން ހޭބޯނާރައި، ސޯޝަލް ޑިސްޓެންސިން އަށް ބެލުމެއް ނެތި މުޅި މާލޭގައި ދުވެ ނަގަނީ އެވެ. ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެން ވެސް އެފަދަ ހަރަކާތްތައް އެބަ ބާއްވަ އެވެ. ކެފޭ/ރެސްޓޯރަންޓުތަކުގެ ހާލަތު އަދި މާ ގޯހެވެ. ސެނިޓައިޒް ކުރުމަށް ބާރު އެޅުމެއް ނެތެވެ. ބައެއް ތަންތަނުގައި ސެނިޓައިޒް ކުރެވޭނެ ގޮތެއް ނުވެސް ނެތީ އެވެ. ރޯދަވީއްލުން ވެސް ރާވާފައި އޮންނަނީ ބައިބޯވާ ގޮތަށެވެ. އެ ތަންތަނުގައި ތިބެން ޖެހެނީ ފިތި ބާރުވެގެންނެވެ. އެކަން ހުއްޓުވާނެ ހިތްވަރެއް މިއަދަކު ނެތެވެ.

މީގެ ކުރިން ނަމަ ކޮވިޑް ކޭސްތައް 100 އަށް އެރުމުން ވެސް އެޗްޕީއޭ އާއި ޓެގް ޓީމު އެލާޓްވެ، މީޑިއާ ބްރީފިން ބާއްވައި ކަންބޮޑުވުން ފާޅުކުރި އެވެ. ރައްޔިތުން ހޭލުންތެރި ކުރި އެވެ. ހަރުކަށި ފިޔަވަޅު އެޅި އެވެ. ލޮކްޑައުންއަކަށް ދާން ޖެހިއްޖެ ނަމަ ފަސްޖެހުމެއް ނެތި ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އިސް ފަރާތްތަކުން އައީ އެކަން ކުރަމުންނެވެ. އިސްކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމެވެ.

ކުރިމަތިވި ބޮޑެތި ފިއްތުންތަކާއެކު، ކެފޭ/ރެސްޓޯރަންޓުތައް ހުޅުވައި ލައްޕާ ގަޑި އާންމު ހާލަތެކޭ އެއް ދުވަސްވަރެއްގެ އުސޫލަށް ބަދަލުކޮށްލީ އެވެ. ނަތީޖާއަކީ ގަވައިދެއް ތަންފީޒެއް ނުކުރެ އެވެ. ސޯޝަލް ޑިސްޓެންސިން އާއި އެއްފަހަރާ އެ ތަނަކުން ހިދުމަތް ދިނުމުގެ ހުއްދަ މީހުންގެ އަދަދު އޮންނަނީ އެ ތަނެއްގެ ބޭރު ދޮރުގައި ތަތްކޮށްފައި ހުންނަ ސްޓިކާގައި އެކަންޏެވެ. އަމަލުން ސުމެކެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތަށް، އަހަރެމެން މިއުޅެނީ މުޅިން އާދަޔާ ހިލާފު ގޮތަކަށެވެ. ކަންކަން އެންމެ ގޯސްވެ، ރަށްރަށަށް ބަލި އާދަޔާ ހިލާފަށް ފެތުރި، އަދަދު ރެކޯޑަށް އެރިއިރު ތިބެން މި ޖެހުނީ ފިޔަވަޅުތައް ވަރުގަދަ ނުކޮށް، ބަލަހައްޓައިގެންނެވެ. ކުރިން ހަރަކާތްތެރި އެޗްޕީއޭ އާއި އެޗްއީއޯސީ ވެސް އޮތީ ގަދަ "ނިދީގަ" އެވެ. އެންމެ ބައިބޯ މި މާލޭގައި ކޮވިޑް ކޭސްތައް ނުހުއްޓި ސްޕްރެޑް ކުރިއަށް ދާއިރު ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް އެކަށީގެންވާ ވަރާ ގާތަށް ވެސް މިހާރަކު ނެތެވެ.