Roadha Mihaaru
މަތިވެރިން މިއަދު އެކަނިވެސް 67 ޕޮޒިޓިވް ކޭސް

މަތިވެރިން މިއަދު އެކަނި ވެސް 67 މީހަކު ކޮވިޑަށް ޕޮޒިޓިވް

23 އެޕްރީލް 2021

އއ. މަތިވެރިން އިތުރު 67 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެެެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އއ. މަތިވެރިން އިތުރު 67 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެެެއްޖެ އެވެ.

މަތިވެރިން ނ. ހޮޅުދޫއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މަތިވެރިއަށް އަރައިފޭބުން މަނާކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ މީހާއާ ކޮންޓެކްޓުވި މީހުންނާއި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 11 މީހަކު އެ ދުވަހު ޕޮޒިޓިވްވި އެވެ.

އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވި ގޮތުގައި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެރަށުން ވަނީ 240 ސާމްޕަލެއް ނަގައިފަ އެވެ. އޭގެ ތެރެއިން 79 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.

އާތިފް ވިދާޅުވީ އެ ސާމްޕަލްތަކުގެ ތެރެއިން މިއަދު ނަތީޖާ ލިބުނުއިރު 67 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާ އެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 82 އަށް އަރައިފަ އެވެ.

އެ ރަށުން ބައެއް މީހުން ސާމްޕަލް ދޭން މީގެ ކުރިން ދެކޮޅު ހެދި ނަމަވެސް މިހާރު ސާމްޕަލް ދޭން މީހުން ދެކޮޅު ނަހަދައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަށަށް ބަލި ދިޔައީ ކިހިނެއްކަން ސާފެއް ނުވެ އެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި އަރިދަފުސް ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި ބައެއް މީހުންނަށް ރަހަ ނުލުން ފަދަ އަލާމާތް ވެސް ފެންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ކުރިން އާތިފް ވިދާޅުވެފައިވެ އެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، ރެންޑަމް ސާމްޕަލް ނަގައިފައެއް ނުވެ އެވެ.

ރަށްރަށުގެ ކޮވިޑްގެ ހާލަތު ގޯސް ވަމުން އަންނައިރު މިހާރު ވެސް ވިހި ރަށަކަށް އޮތީ އަރައިފޭބުން މަނާކޮށްފަ އެވެ.