Roadha Mihaaru
މަތިވެރި: ވެކްސިން ޖެހުމުގައި ނަމޫނާ ދައްކައިފި

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހައި، މަތިވެރިން ނަމޫނާ ދައްކައިފި

04 އޯގަސްޓް 2021

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހައި، އއ. މަތިވެރީގެ ރައްޔިތުން ނަމޫނާ ދައްކައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހައި، އއ. މަތިވެރީގެ ރައްޔިތުން ނަމޫނާ ދައްކައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަތިވެރީގައި 18 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ އިރު، ދެވަނަ ޑޯޒު ވަނީ 99 ޕަސަންޓް މީހުން ފުރިހަމަ ކޮށްފަ އެވެ. އެ ރަށުގެ މުޅި އާބާދީ އަށް ބަލާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ 74 ޕަސަންޓް މީހުންނެވެ. މުޅި އާބާދީގައި ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 72 ޕަސަންޓު މީހުންނެވެ.

މީގެ އިތުރުންވެސް ގިނަ ރަށްރަށުގެ އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 99 ޕަސަންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އޭގެތެރޭގައި ހއ. ތުރާކުނު، ހދ. ވައިކަރަދޫ، ށ. ކޮމަންޑޫ، ނ. ފޮއްދޫ، ނ. މަގޫދޫ އަދި ބ. ފެހެންދޫ ފަދަ ރަށްރަށް ހިމެނެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، ހޯމަ ދުވަހާއި ހަމައަށް 325،060 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައި ވަނީ 274،949 މީހުންނެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީ އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އަދި ވެކްސިން ފުރިހަމަ ކުރުމަށް ފަހު ނޫނީ ސެޕްޓެމްބަރު މަހުން ފެށިގެން ސްކޫލުތަކަށް ނުވަދެވޭ ގޮތަށް ކަނޑައަޅާފައިވާއިރު، ސަރުކާރު އިދާރާތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.