Roadha Mihaaru

ޑެންގީ އާއި ބޭރަށް ހިންގުން އިތުރުވެއްޖެ

ޑެންގީ ހުމާއި ބޭރަށް ހިންގުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޑެންގީ އާއި ބޭރަށް ހިންގުން އިތުރުވެއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

12 އޯގަސްޓް 2025

ޑެންގީ ހުމާއި ބޭރަށް ހިންގުން މި ދުވަސްވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޖޫން މަހުގެ ތެރޭގައި ޑެންގީ ހުމުގެ 168 ކޭހެއް ރިޕޯޓުކުރި އެވެ. އަދި ޖުލައި މަހުގެ ތެރޭގައި ޑެންގީ ޖެހިގެން ރިޕޯޓުކުރި އަދަދު ހުރީ 188ގަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު މަދު އަދެދެކެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ޖޫން މަހުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 3،946 ކޭސް ރިޕޯޓުކުރިއިރު ޖުލައި މަހު 5،528 ކޭސް ރިޕޯޓްކުރި އެވެ.

އެޗްޕީއޭ އިން ބުނީ އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 33،156 ކޭސް ރިޕޯޓުކުރި ކަމަށެވެ. ޖުލައި މަހު 30،705 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ.

އެ އެޖެންސީން ބުނީ މިދިޔަ މަހު ޑެންގީ ހުން އެންމެ ގިނައީ އއ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ކ. އަތޮޅުގައި ކަމަށެވެ. އަދި ވައިރަލް ހުން އެންމެ ގިނައީ އއ. އަތޮޅާއި ކ. އަތޮޅާއި ލ. އަތޮޅުގަ އެވެ. ބޭރަށް ހިންގުމުގެ ބަލި އެންމެ ގިނައީ މާލެ އާއި ފ. އަތޮޅުގަ އެވެ.