Roadha Mihaaru
10 މީހަކު ޕޮޒިޓިވްވެ، މަތިވެރި މޮނިޓަރިން އަށް

މަތިވެރިން 10 މީހަކު ޕޮޒިޓިވް، ސާމްޕަލް ދޭން ދެކޮޅު ހެދުން ބޮޑު

21 އެޕްރީލް 2021

ދިހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އއ. މަތިވެރި އަށް އަރައިފޭބުން މިއަދު މަނާކޮށްފައިވާއިރު ބައެއް މީހުން، ސާމްޕަލް ދޭން ދެކޮޅު ހަދައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދިހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އއ. މަތިވެރި އަށް އަރައިފޭބުން މިއަދު މަނާކޮށްފައިވާއިރު ބައެއް މީހުން، ސާމްޕަލް ދޭން ދެކޮޅު ހަދައިފި އެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ، ނ. ހޮޅުދު އަށް ދިޔަ މީހެކެވެ.

އެ މީހާއަކީ އިންޑިއާ އިން އައިސް ރަށުގައި ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ސާމްޕަލުން ނެގެޓިވްވެފައިވާ މީހެއް ކަމަށް އާތިފް ވިދާޅުވި އެވެ.

"ބައްޔަށް ނެގެޓިވްވީމަ ދެން އޭނާ ވެސް ނިކުންނާނެތާ ބޭރަށް. އޭގެ އެތައް ދުވަހެއް ފަހުން މިދިޔައީ އަނބިމީހާ ކައިރިއަށް ހޮޅުދު އަށް. އޭގެ ފަހުން ޕޮޒިޓިވްވެގެން އެޗްޕީއޭ އިން މިރަށް މޮނިޓަރިން އަށް ލީ،" އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ، މިހާތަނަށް ރަށުން 15 ސާމްޕަލެއް ނަގާފައިވާއިރު އޭގެ ތެރެއިން ދިހަ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާ އެކު ރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، 300 އެއްހާ ސާމްޕަލް ނެގުމަށް އޮތީ އަންގައިފަ އެވެ. އެހެންކަމުން، އެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ރަށުގެ ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހަދައި މައްސަލަތަކެއް އެބަ އުޅޭ ކަމަށް އާތިފް ވިދާޅުވި އެވެ. އެގޮތުން ސާމްޕަލް ދޭން ދެކޮޅު ހަދަނީ ޕޮޒިޓިވްވެދާނެތީ ބިރުން ކަމަށް ވެދާނެ ކަމަށް އާތިފް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވީ ސާމްޕަލް ދޭން ދެކޮޅު ހެދިޔަސް، ފުލުހުން މެދުވެރިކޮށްގެން ވެސް ސާމްޕަލް ނަގާނެ ކަމަށެވެ.

ރަށްރަށުގައި ވެސް މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތަސް، އާތިފް ވިދާޅުވީ މާލެއިން އެ ސަރަހައްދުގެ ރަށްތަކަށް ދަތުރުކުރާ ފެރީގައި އުޅޭ ބައެއް މީހުން މާސްކް ނާޅައި އުޅޭ ކަމަށެވެ. އެކަމުގައި ހުރި ނުރައްކާ ބޮޑުކަމުން އާތިފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާތިފް ވިދާޅުވި ގޮތުގައި ރަށަށް ބަލި ދިޔައީ ކިހިނެއްކަން ސާފެއް ނުވެ އެވެ. އެކަމަކު ރަށުގައި އަރިދަފުސް ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި ބައެއް މީހުންނަށް ރަހަ ނުލުން ފަދަ އަލާމާތް ވެސް ފެންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، ރެންޑަމް ސާމްޕަލް ނަގައިފައެއް ނުވެ އެވެ.