12 މެއި 2016
ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް، އެ ކަންކަން ކަމާއި ބެހޭ އިދާރާތައް މެދުވެރިކޮށް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރުމަށް އެމްޑީޕީން ނުކުމެއްޖެ އެވެ.
އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހެލްތު ކޮމިޓީގެ މުގައްރިރު ޑރ.އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވީ ސިއްހީ ދާއިރާގެ މައްސަލަތައް ފާހަގަ ކުރުމުގެ ގޮތުން، އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުކޮށް މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި ހުރި ހޮސްޕިޓަލްތަކުގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހޮސްޕިޓަލްތަކުގެ ވެރިންނާ ބައްދަލުކޮށް އެ ތަންތަނުގެ ހާލަތު ބަލައި ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ޑީޑީ ވިދާޅުވި އެވެ.
މާލެ ދާއިރާގެ ރިޕޯޓު ދެ ހަފުތާ ތެރޭގައި ނިންމައި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ. އެއަށް ފަހު، އެކި ސަރަހައްދުތަކުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ހާލަތު ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ސިއްހީ ދާއިރާގެ] ދަތިތަކާއި މައްސަލަތައް ހެލްތު މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކޮށް، ކޮމިޓީގެ ފަރާތުން މަސައްކަތް ކުރިއަށް ގެންދާނަން،" ޑީޑީ ވިދާޅުވި އެވެ.
މީގެ އިތުރުން 140 މިލިއަން ޑޮލަރު ހަރަދުކޮށްގެން 25 ބުރީގެ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމުމާ ގުޅިގެން އެމްޑީޕީން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. ޑީޑީ ވިދާޅުވި ގޮތުގައި ބިޑް ކުރުމެއް ނެތި ހޮސްޕިޓަލެއް އެޅުމަށް ވުރެ އައިޖީއެމްއެޗުން ލިބެން ހުރި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން މުހިންމެވެ.
ސަރުކާރު ޒިންމާދާރު ކުރުވުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މައުލޫމާތު ހޯދުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ޑީޑީ ވިދާޅުވީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ބައެއް ހޮސްޕިޓަލްތަކުގެ މައްސަލަތައް ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ޑޮކްޓަރުން ނެތުމާއި އެކަށީގެންވާ ފަރުވާ ނުދެވުމުގެ މައްސަލަތައް އޭނާ ފާހަގަކުރެއްވި އެވެ.މި ދުވަސްވަރަކީ ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވެމުންދާ މީހުންގެ އަދަދު ގިނަ ދުވަސްވަރަކަށް ވާތީ ސަރުކާރުން އެކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. ޑެންގޫ ހުން ޖެހިގެން މި އަހަރުގެ މިހާތަނަށް ދެ ކުއްޖަކު ވަނީ މަރުވެފަ އެވެ.
މުއްދަތު ހަމަވެފައިވާ އައިވީ ދީގެން މުޒާހަރާކުރަނީ
ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫ ހަދަން ހަވާލުކޮށްފި
ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދަށަށް: މެމްބަރުން
އަޖައިބެއް، ރާއްޖޭގައި އިހުމާލު މަރެއް ނެތް؟
ހެލްތު މިނިސްޓްރީ ދިފާއުވުން ވެސް ނަޝީދަށް ގޯސް
އިތުރު ވެންޓިލޭޓަރު ހޯދާ ގޮތާ ބެހޭގޮތުން ސުވާލުކުރަނީ
ވިސްނުމަކީ ކުޅުދުއްފުށީގައި އާ ހޮސްޕިޓަލެއް އެޅުން
އަތޮޅުތަކަށް 480 ޑޮކްޓަރުން ހޯދަނީ
ރާއްޖޭގައި ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމުކުރަނީ
"ބަލި މިހާލަތަށް ދިޔައީ ފަރުވާ ކުޑަކޮށް އޮޅުވާލުމުން"