Roadha Mihaaru
"ޑޮންޑޮން"ގެ ބާނީ ލޯޖެހި އަހުމަދުމަނިކު އަވަހާރަވެއްޖެ

"ޑޮންޑޮން"ގެ ބާނީ، ލޯޖެހި އަހުމަދުމަނިކު އަވަހާރަވެއްޖެ

20 އެޕްރީލް 2021

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) އުމުރުން 80 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) އުމުރުން 80 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

އާއިލާ އިން ބުނި ގޮތުގައި އަހްމަދު މަނިކު އަވަހާރަވީ އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު އިރުއޮއްސުނު ވަގުތު އެވެ.

މީގެ ބައި ގަރުނެއްހާ ދުވަސް ކުރިން ރާއްޖޭގައި މަޝްހޫރުކަން ހޯދި ފިނިބުއިމެއް ކަމަށްވާ "ޑޮން ޑޮން" ބަންދުކޮށް ވިއްކުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވައި އޭގެ ފަހުން ވިޔަފާރީގައި ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަންޒަންކޮށް އަހްމަދު މަނިކަށް 2009 ވަނަ އަހަރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ސަރުކާރުން ދެއްވައިފަ އެވެ.

އަހްމަދު މަނިކު އޭނާގެ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް 1982 ވަނަ އަހަރު ފައްޓަވައި އަމިއްލަ ފޯމިއުލާއަކަށް "ތްރީ ޗޮއިސް" ގެ ނަމުގައި މި ފިނި ބުއިން ބާޒާރަށް ނެރެ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯއްދެވި އެވެ.

"ތްރީ ޗޮއިސް"ގެ ނަމުގައި ފިނިބުއިންތައް ތައްޔާރުކުރައްވައި އެ މަސައްކަތް އޯގަސްޓް 14، 1989 އިން ފެށިގެން ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެން ކުރެއްވި އެވެ. އަދި 1997 ވަނަ އަހަރު ސަރުކާރުން އޭނާ އަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވި އެވެ. އަދި އޭގެ ފަހުން ވެސް މި މަސައްކަތް ވަރަށް ބޮޑަށް ފުޅާކުރެއްވި އެވެ.

ވިޔަފާރީގެ ދާއިރާގެ އިތުރުން އޭނާ އަކީ ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.