Roadha Mihaaru
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

އާއިލާގައި 100 އަށް ވުރެ ގިނަ ކުދިން ހިމެނޭ، އުމުރުން 116 އަހަރުގެ ފޯކައިދޫ މީހާ މަރުވެއްޖެ

18 މެއި 2018

އާއިލާގައި 100 އަށް ވުރެ ގިނަ ކުދިން ތިބޭ، ށ. ފޯކައިދުއަށް އުފަން އުމުރުން 116 އަހަރުގެ އަލީ އާދަމް (ޑިސްކޯ އަލިބެ) މަރުވެއްޖެ އެވެ. އަލިބެ އަކީ ބެލެވޭ ގޮތުގައި މިއީ ރާއްޖޭގައި މި ވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އާއިލާގައި 100 އަށް ވުރެ ގިނަ ކުދިން ތިބޭ، ށ. ފޯކައިދުއަށް އުފަން އުމުރުން 116 އަހަރުގެ އަލީ އާދަމް (ޑިސްކޯ އަލިބެ) މަރުވެއްޖެ އެވެ. އަލިބެ އަކީ ބެލެވޭ ގޮތުގައި މިއީ ރާއްޖޭގައި މި ވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާ އެވެ.

ފޯކައިދޫ ކައުންސިލްގައި އަލިބެގެ އުމުރާ ގުޅޭގޮތުން ސާފު ލިޔެކިޔުމެއް ނެތްއިރު، މިދިޔަ އަހަރު އަލިބެ "މިހާރު"އަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި އޭނާއަށް 115 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.

އަލިބެ: އޭނާގެ އެންމެ ކުރީގެ ހަނދާނަކީ ޝަމްސުއްދީންގެ ވެރިކަން-- ފޮޓޯ: ތަލްއަތު މުހައްމަދު

އަލިބެ: އޭނާގެ އެންމެ ކުރީގެ ހަނދާނަކީ ޝަމްސުއްދީންގެ ވެރިކަން-- ފޮޓޯ: ތަލްއަތު މުހައްމަދު

އަލިބެ މަރުވީ މިދިޔަ ބުދަ ދުވަހު ހެނދުނު އޭނާގެ ދަރިއެއްގެ ގޭގައި އޮއްވަ އެވެ. އުމުރުގެ ފަހުކޮޅަށް އެޅި އިރު ވެސް ހިނގާބިނގާވެ، ވަރަށް ސިއްހަތު ރަނގަޅުކޮށް ހުރި އަލިބެ، މަރުވީ ވެސް ބަލިވެ އުޅެފައެއް ނޫނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި "މިހާރު"އަށް ދިން އިންޓަވިއުއެއްގައި އަލިބެ ބުނިގޮތުގައި އޭނާ އެންމެ ފުރަތަމަ ކައިވެންޏެއް ކުރީ އުމުރުން ވިއްސަކަށް އަހަރުގަ އެވެ. އެ ކައިވެންޏަށް ޖުމްލަ އަށް ކުދިން ލިބުނެވެ. އޭގެ ފަހުން އިތުރު ދެ ކައިވެންޏެއް ކުރި ނަމަވެސް ދަރިއެއް ނުލިބެ އެވެ. އެންމެ ފަހުން އިން މީހާ މަރުވިތާ ވެސް މިހާރު ބައި ގަރުނު ވެދާނެ ކަމަށް އޭނާ ބުނެފައި ވެ އެވެ.

ދޮށީ ދެ ކުދިން ޅަފަހަތުގައި މަރުވި ނަމަވެސް ދުނިޔޭގައި ތިބި ހަ ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު ސިއްތީގެ އުމުރުން މިހާރު 80 އަހަރު ވަނީ ވެފަ އެވެ. ހަ ދަރީންގެ ފަރާތުން، އަލިބެ އަށް ކާފަ، މުނިކާފަ އަދި ހޫރުކާފަ ކިޔާ ކުދިން ވެސް ވަނީ ލިބިފި އެވެ. އެ ހުރިހާ ކުދިން އެއްކޮށްލައިގެން 100 އަށް ވުރެ ގިނަ ދަރިން އަލިބެގެ އާއިލާގައި އެބަ ތިއްބެވެ.

މަރުވުމުގެ ދުވަސްކޮޅެއް ކުރިން ވެސް އަލިބެ އަމިއްލަ އަށް ހޮޓާތަކަށް ގޮސް ސައިބޮއި ހެދި އެވެ. އަދި އުމުރުން ދުވަސް ވީ މީހުންނަށް ސަރުކާރުން ދޭ ފައިސާ ވެސް މިހާތަނަށް ބަލައިދިޔައީ އޭނާ އެކަންޏެވެ. އެއީ އޭނާ ބޭނުން ވެގެން ކުރި ކަންތައްތައް ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އަލިބެގެ އެންމެ ދޮށީދަރިފުޅު ސިއްތި. އޭނާގެ އުމުރުން ވެސް 80 ވަރަކަށް އަހަރު ވެދާނެ-- ފޮޓޯ: ތަލްއަތު މުހައްމަދު

އަލިބެގެ އެންމެ ދޮށީދަރިފުޅު ސިއްތި. އޭނާގެ އުމުރުން ވެސް 80 ވަރަކަށް އަހަރު ވެދާނެ-- ފޮޓޯ: ތަލްއަތު މުހައްމަދު

އަލިބެގެ އެންމެ ކުރީގެ ހަނދާނަކަށް އޭނާ "މިހާރު"އަށް ކިޔައިދިނީ މީގެ 100 އަހަރު ކުރިން ރާއްޖޭގެ ރަސްކަން ކުރެއްވި ޝަމްސުއްދީން 3ގެ ވެރިކަމާއި އޭރު މާލެ އޮތް ގޮތާއި އޭނާ މާލޭގައި ދުވަސްތައް ހޭދަކުރި ގޮތުގެ ވާހަކަ އެވެ. އަލިބެ ބުނާގޮތުން އޭނާ ކުޑައިރު ރަށްފުށުގައި މީހުން އާއްމުކޮށް މުހާތަބުކޮށް އުޅުނީ ވެސް ރައިވަރުންނެވެ.