Roadha Mihaaru
އަބްދުލްމަޖީދާ އެކު ނިމިގެން އެ ދިޔައީ ތާރީހުގެ ބާބެއް

އަބްދުލްމަޖީދު މާހިރު އަވަހާރަވުން: ދިވެހި ތާރީހުގެ ބާބެއްގެ ނިމުން

04 އޮކްޓޯބަރ 2024

ވެލާނާގޭ އަބްދުލްމަޖީދު މާހިރު އަވަހާރަވުމަކީ، ދިވެހިރާއްޖޭގެ ތާރީހުގެ މުހިއްމު ބާބެއް ނިމިގެން ދިއުން ކަމަށް، ދިވެހި ތާރީހު ދިރާސާކުރައްވާ ޒުވާން މުއައްރިޚު އަހުމަދު އަލާ ދީދީ ވިދާޅުވީ ސަބަބެއް ނެތިއެއް ނޫނެވެ. އަބްދުލްމަޖީދު މާހިރަކީ މިދިޔަ ގަރުނުގެ ފުރަތަމަ ފަންސަވީހުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ހުރިހާ ކަމެއް ލޮލުން ދެކެވަޑައިގެންނެވި ބޭފުޅެކެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވެލާނާގޭ އަބްދުލްމަޖީދު މާހިރު އަވަހާރަވުމަކީ، ދިވެހިރާއްޖޭގެ ތާރީހުގެ މުހިއްމު ބާބެއް ނިމިގެން ދިއުން ކަމަށް، ދިވެހި ތާރީހު ދިރާސާކުރައްވާ ޒުވާން މުއައްރިޚު އަހުމަދު އަލާ ދީދީ ވިދާޅުވީ ސަބަބެއް ނެތިއެއް ނޫނެވެ. އަބްދުލްމަޖީދު މާހިރަކީ މިދިޔަ ގަރުނުގެ ފުރަތަމަ ފަންސަވީހުން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި ހިނގައިދިޔަ ބޮޑެތި ހުރިހާ ކަމެއް ލޮލުން ދެކެވަޑައިގެންނެވި ބޭފުޅެކެވެ.

ސުލްތާން މުހައްމަދު ޝަމްސުއްދީން ރަސްކަމުން އަޒުލު ކުރެވުމުން ފެށިގެން، ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ދުރުކުރުވުމާ ދެމެދު ހިނގައިދިޔަ ހުރިހާ ސިޔާސީ ގަޑުބަޑުތަކެވެ. މުހައްމަދު އަމީނުގެ ދައުރުގައި ރައްޔިތުންގެ މުތަގައްދިމް ޕާޓީ އުފެދުނު ހިސާބުން ފެށިގެން، މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އުފެދުމާ ދެމެދު ހިނގައިދިޔަ ހުރިހާ ތަރައްގީގެ މަޝްރޫއުތަކެވެ.

އެފަދަ ބައެއް ބޭބޭފުޅުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެކަމަކު އުމުރުން 96 އަހަރުގައި އިއްޔެ ހަވީރު އަވަހާރަވި އަބްދުލްމަޖީދު މާހިރުގެ ތަފާތަކީ، އޭނާ އަކީ، މަރުދުވަހާ ހަމައަށް ވެސް، އެ ވާހަކަތައް މިއަދުގެ ޖީލަށް ފޮރުވުމެއް ނެތި ވިދާޅުވެދެއްވަމުން ގެންދެވި ބޭފުޅަކަށް ވުމެވެ. އޭނާ އަކީ ރާއްޖޭގައި މިވަގުތު ތިއްބެވި ތާރީހުގެ ދިރާސާވެރިންނާއި ލިޔުންތެރިންގެ ގާތް މިތުރެކެވެ. ކޮންމެ ވަގުތަކު ގުޅާލިޔަސް، އުފަލާ އެކު މަރުހަބާ ދެންނެވި ބޭފުޅެކެވެ.

އިހުގެ ގިނަ ދިވެހީން ފަދައިން ސަމާސާ، ލާނެތް މިޒާޖުގައި ހުންނަވައި، ދެ މާނަ ލައްވައި، ވިދާޅުވެދެއްވީ ހަމައެކަނި ތާރީހީ ވާހަކަތަކެއް ނޫނެވެ. ސިޔާސީ ވާހަކަތަކާއި ފަލްސަފީ ހިޔާލުތަކާއި ހަކީމީ ބޭސްވެރިކަމުގެ އިލްމާއި ދަނޑުވެރިކަމުގެ އުކުޅުތައް ވެސް މެ އެވެ. ސޯޝަލް މީޑިއާގައި ވެސް އެހާމެ ހަރަކާތްތެރި އެވެ. ފޭސްބުކުގައި އޮންނަ ދިވެހި ތާރީހުގެ ހާއްސަ ގްރޫޕް 'ވޮނަދަނަ ރާއްޖެ' ގައި ތާރީހީ ވާހަކަތައް ހިއްސާ ކުރައްވަ އެވެ. ބައެއް ފޮޓޯތަކުގެ ތަފްސީލު ވެސް ލިޔުއްވަ އެވެ.

"އެ މަނިކުފާނަކީ މައުލޫމާތުގެ ހަޒާނާއެކެވެ،" އަބްދުލްމަޖީދު މާހިރުގެ ގާތް އެކުވެރިޔާ އަދި އާއިލީ ބޭފުޅެއް ކަމުގައި ވެސް ވާ މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވި އެވެ.

"އެ މަނިފުފާނު އަވަހާރަވުމާއެކު، ސިއްކަޖެހި ނިމިގެން އެ ދިޔައީ ދިވެހި ތާރީހުގެ 20 ވަނަ ގަނުރުން ފެށިގެން މިއަދާ ހަމައަށް މި ހިނގި ޒަމާނުގެ އުސްކުންނެކެވެ."

އަބްދުލްމަޖީދު މާހިރުގެ ބައްޕަ ވެލާނާގޭ މުހައްމަދު ދީދީ (ކ) އާއި ކާފަ ހަސަން ވެލާނާ މަނިކުފާނު.

އަބްދުލްމަޖީދު މާހިރުގެ ބައްޕަ ވެލާނާގޭ މުހައްމަދު ދީދީ (ކ) އާއި ކާފަ ހަސަން ވެލާނާ މަނިކުފާނު.

އަބްދުލްމަޖީދު މާހިރުގެ ކާފަ މަލިންގޭ ހަސަން ދީދީ ނުވަތަ މަޝްހޫރު ހަސަން ވެލާނާ މަނިކުފާނާއި ބައްޕަ ވެލާނާގޭ މުހައްމަދު ދީދީ (ވެލާނާގޭ މުހައްމަދު މާހިރު ދީދީ/ ގޯދީ ރާޖާ) އަކީ އެ ޒަމާނުގެ ވަރުގަދަ ސިޔާސީ ފަހުލަވާނުންނެވެ. ސިޔާސީ ކުށަކާ ގުޅިގެން ކާފަ ހައްދުންމަތީ ފޮނަދު އަށް އަރުވާލުމާ ގުޅިގެން، ބައްޕަ އެކަމުގެ ހިތްހަމަނުޖެހުމުގައި 1909 ވަނަ އަހަރު ރާއްޖެ އަށް ޕިޗޯރީން ގެނެސް ވެރިކަން ބަދަލުކުރަން މަސައްކަތް ކުރި އެވެ. އެ މައްސަލާގައި ބައްޕަ ފުވައްމުލަކަށް އަރުވައިލީ އެވެ. ކޮޅުމަޑުލު ދިޔަމިގިލީ ދަރިކޮޅުން އެންމެ ފަހަށް ރަސްކަންކުރެއްވި އައްސުލްތާނު މުހައްމަދު ގިޔާސުއްދީން (ޝަހީދުކުޅަ ބަންޑާރައިން) ގެ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ފުނާޑު ގަނޑުވަރު އައިޝާ ދީދީއާ ބައްޕަ ކައިވެނިކުރެއްވީ އެ ރަށުގައި ހުންނެވި އިރެވެ. އަބްދުލްމަޖީދު މާހިރު އުފަންވެ، ތުއްތުއިރުގެ ދުވަސްތައް ހޭދަކުރެއްވީ އެ ރަށުގަ އެވެ.

ބައްޕަގެ އަރިހަށް ފުވައްމުލަކަށް ޒިޔާރަތްކުރެއްވި، އަބްދުލްމަޖީދު މާހިރުގެ އެއްބަފާ ބޭބެ ވެލާނާގޭ އަހުމަދު ދީދީ ވެސް އެ ރަށުން ކައިވެންޏެއް ކުރެއްވި އެވެ. އެ ކައިވެންޏަށް ބޭބެ އަށް ބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ އަބްދުލްމަޖީދު މާހިރަށް ވުރެ ދެ އަހަރު ދޮށީ އެކަމަކު އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ އިބްރާހީމް ނާސިރެވެ. ފަހުން ރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރެއްވި މި ގައުމުގެ މިނިވަންކަމުގެ ބަތަލެވެ.

އަބްދުލްމަޖީދު މާހިރު މާލެ ވަޑައިގަތީ 1932 ވަނަ އަހަރު ރާއްޖޭގައި އަލަށް ގާނޫނުއަސާސީއެއް އެކުލަވާލުމާ ގުޅިގެން އޭރުގެ ރަދުން ޝަމްސުއްދީން ދެއްވި އަފުއާމެއްގައި ބައްޕަ މިނިވަންވެވަޑައިގަތުމުން، ބައްޕަގެ އަރިހުގަ އެވެ. އޭރު މާލޭގައި ދިޔައީ ސިޔާސީ ރާޅެއް އުފެދެމުންނެވެ. ހަސަން ފަރީދު އިސްވެ ހުންނަވައި، ރަދުން ޝަމްސުއްދީން ރަސްކަމުން އަޒުލުކުރުމުގެ ރޭއްވެވުމެވެ. އެކަން ނިމިގެން ދިޔައީ، ޝަމްސުއްދީނާއި ދަރިކަލުން ވަލީއަހުދު ހަސަން އިއްޒުއްދީން ފުވައްމުލަކަށް އަރުވާލައި، ހަސަން ނޫރައްދީން ރަސްކަމަށް އިސްކޮށްގެންނެވެ. ނަމަވެސް ހަގީގީ ބާރު އޮތީ ހަސަން ފަރީދުގެ އަތުގަ އެވެ. އެކަމަކު އޭގެ އަހަރުތަކެއް ފަހުން އޭނާ އިނގިރޭސި މަނަވަރެއްްގައި ސިލޯނަށް ދަތުރުކުރައްވަނިކޮށް، ގެއްލުނީ އެވެ. ދެން ސިޔާސީ މައިދާނުގައި ފެށުނީ، އަބްދުލްމަޖީދު މާހިރުގެ އޭރުގެ ކުރިމަގުގެ ބަފައިބެ މުހައްމަދު އަމީން ދީދީގެ ބާރެވެ.

އަބްދުލްމަޖީދު މާހިރު (ކަނާތް ފަރާތުގައި ކުޑަކޮށް) އާއި އޭނާގެ ބައްޕަ (ކަނާތް ފަރާތުގައި ގޮނޑީގައި( އާއިލީ ބޭފުޅުންނާ އެކު.

އަބްދުލްމަޖީދު މާހިރު (ކަނާތް ފަރާތުގައި ކުޑަކޮށް) އާއި އޭނާގެ ބައްޕަ (ކަނާތް ފަރާތުގައި ގޮނޑީގައި( އާއިލީ ބޭފުޅުންނާ އެކު.

އަމީނުގެ ބޮޑުވަޒީރުކަމުގައި އަބްދުލްމަޖީދު މާހިރު ސަރުކާރަށް ހިދުމަތްކުރައްވަން ފެށްޓެވި އެވެ. އެ ދުވަސްވަރު އޭނާ ވަޒީފާއަދާކުރައްވަން ޖެހިވަޑައިގަތީ އޭރު އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ އައްޑު އަތޮޅު ގަމުގައި ހުންނަ ދިވެހި ސަރުކާރުގެ ލޭޒަން އޮފީހުގަ އެވެ. އެއީ، ދިވެހި ސަރުކާރާއި އައްޑު އަތޮޅު ގުޅުވައިދޭ އޮފީސްކަމުން، އޭރު މަޑުމަޑުން އުފެދެން ފަށާފައި އޮތް އައްޑޫ މައްސަލައިގެ އުދާސްތަކުގެ ހޫނު އޭނާ އަށް ވަނީ ކުރެވިފަ އެވެ.

އަބްދުލްމަޖީދު މާހިރު ގަމުގައި ހުންނަވަނިކޮށް، އަނެއްކާ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ފުރޮޅުމެއް އައެވެ. ރަސްކަން އުވާލައި، ޖުމްހޫރިއްޔާއެއް ގެނެސް، ރައީސްކަމުގައި ހުންނެވި އަމީނުގެ ވެރިކަން އިންގިލާބުކޮށްލީ އެވެ. އެކަމުގެ އަޑީގައި ހުންނެވީ ނާއިބު ރައީސް އަދި އަބްދުލްމަޖީދު މާހިރުގެ އެއްބަފާ ބޭބެ އިބްރާހީމް މުހައްމަދު ދީދީ އެވެ. އިންގިލާބަށް ފަހު އިބްރާހީމް ދީދީ އިސްކުރެވުނީ މާލީ ވަޒީރުކަމާއި، އަމަންއާއްމުގެ ވެރިޔާ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭރު ހުންނެވި އެންމެ ނުފޫޒު ގަދަ ބޭފުޅާކަމުގައިވި އެއްބަފާ ބޭބެއާ އަބްދުލްމަޖީދު މާހިރާ އޮތީ ގާތް ގުޅުމެކެވެ. މާޖެހިގޭގައި ބޭބެ ބާއްވަވާ ބައްދަލުވުންތަކުން ޖާގަ ލިބިވަޑައިގަންނަވަ އެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމަކީ، އިބްރާހީމް މުހައްމަދު ދީދީ ބޭހަކަށް ސިލޯނަށް ވަޑައިގަންނަވަން ވެގެން، ނާސިރާ މަގާމުތައް ހަވާލުކުރައްވައި އިރުޝާދު ދެއްވި ބައްދަލުކުރެއްވުމެވެ.

އިބްރާހިމް މުހައްމަދު ދީދީ ސިލޯނބަށް ވަޑައިގެންނެވުމުން، އޭނާ އަށް ބޮޑުބޭބެ ވިދާޅުވާ ނާސިރު ސިޔާސީ ބާރުވެރިކަން ހޯއްދަވަން ރޭއްވެވި ރޭއްވެވުންތައް އެންމެ ގާތުން ފެނިވަޑައިގެންނެވި އެއް ބޭފުޅަކީ ވެސް އަބްދުލްމަޖީދު މާހިރެވެ. ގައުމުގެ ވެރިކަމަށް ވަޑައިގަތުމަށް އޮތް ފުރަތަމަ ހުރަހަކީ އިބްރާހީމް މުހައްމަދު ދީދީ ކަން ދެކެވަޑައިގެން ނާސިރު ކުރެއްވި ކަމަކީ، އޭނާ އަށް އެނބުރި ރާއްޖެ ނާދެވޭ ގޮތަށް ސިޔާސީ ކުޅިބައި އަތުރާލެއްވީ އެވެ. ސިލޯނުގައި އޭރު ހުންނެވި ދިވެހި ރެޕްރެޒެންޓޭޓިވް މުހައްމަދު ޒަކީ އާއި އިބްރާހީމް މުހައްމަދު ދީދީ ޖެހުނު ކުންޏެއްގެ ފައިދާ ނަންގަވައި، ނާސިރު އެކަން ކުރެއްވީ "މާ ދުރާލާ ރާއްވަވައިގެން" ކަމަށް އަބްދުލްމަޖީދު މާހިރު ވިދާޅުވެފައިވެ އެވެ.

އަބްދުލްމަޖީދު މާހިރުގެ ކުރީގެ ފޮޓޯއެއް.

އަބްދުލްމަޖީދު މާހިރުގެ ކުރީގެ ފޮޓޯއެއް.

ނާސިރު ދެން ހަތުރުވެރިކަން އިސްކުރެއްވި އޭރުގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ ވެސް އަބްދުލްމަޖީދު މާހިރުގެ ގާތް ބޭފުޅެކެވެ. އެހެންވެ، ކިލެގެފާނު ރާއްޖޭގައި ވެސް ނެތީސް، ވޯރާ ވިޔަފާރިވެރިން ރާއްޖޭން ފައްސާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިގެން، އެކިލެގެފާނާ ދެކޮޅަށް ސިޔާސީ ކުޅިވަރު ނާސިރު ފެށްޓެވުމުން އެ ވާހަކަ އެންމެ ފުރަތަމަ ހިއްސާކުރެއްވި އެކަކަކީ ވެސް އަބްދުލްމަޖީދު މާހިރެވެ. ނާސިރުގެ ފަރާތުން ކުރިމަތިވަމުން ދިޔަ ސިޔާސީ އުނދަގޫތަކަށް ކެތްނުކުރެވި އެކަން ވަޒީރުންނާ ހިއްސާކުރައްވަން އެއްގަމުގޭގައި ބޭއްވި ނުރަސްމީ ބައްދަލުވުމަށް ވެސް އަބްދުލްމަޖީދު މާހިރަށް ކިލެގެފާނު ދައުވަތު ދެއްވި އެވެ.

"އެ ދުވަހު ވިދާޅުވީ ތިމަންނާ އަކީ ދުވަސްވެފައި ހުރި މުސްކުޅިއެކޭ، ރައްޔިތުން ހަވާލުކުރީމައޭ ތިމަންނޭ މި މަގާމުގައި މި ހުންނެވީ. އަދި ވަޒީރުންނަށް ދެންނެވި ސަރުކާރުގެ ވެރިކަމެއް ނުހިންގޭނެއޭ ތިބޭފުޅުންގެ އެހީއާ ނުލާ،" އަބްދުލްމަޖީދު މާހިރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އަބްދުލްމަޖީދު ހިމެނިވަޑައިގަންނަވާހެން ކިލެގެފާނަށް އަރިސް ބޭފުޅުން ލަފާ ދެއްވީ، އެމަނިކުފާނަކީ ސިޔާސަތާއި ހާރިޖިއްޔާގެ ތަޖުރިބާ ހުރި ބޭފުޅަކަށް ވުމުން ބޮޑުވަޒީރުކަމުގައި ދެމި ހުންނެވުމަށެވެ. ނާސިރަކީ، ޒުވާން ހަރަކާތްތެރި ހިންގުންތެރިއަކަށްވާތީ ދާހިލީ ވަޒީރުކަން ދެއްވުމަށް ހުށަހެޅި އެވެ.

"އޭގެ ފަހުން އަޅުގަނޑު ގާތު ކިލެގެފާނު ވިދާޅުވީ ޖެއްސުން ނުކޮށް (ނާސިރު) ތިމަންނާ ގާތު (ވަޒީރުކަން ބޭނުންކަން) ވިދާޅުވި ނަމަ ތިމަންނާ ދީފިމެއްނޫންހޭ؟،" އަބްދުލްމަޖީދު ވިދާޅުވި އެވެ.

އަބްދުލްމަޖީދު މާހިރު ޒުވާން ދުވަސްވަރު ޕާކިސްތާނުގައި.

އަބްދުލްމަޖީދު މާހިރު ޒުވާން ދުވަސްވަރު ޕާކިސްތާނުގައި.

އެފަދަ އެތެރެކޮއިލުގެ ވާހަކަތައް އޭގެ ހޫނުކަންމަތީގައި އެންމެ ފުރަތަމަ އިވިވަޑައިގަންނަވާ ހިސާބުގައި އަބްދުލްމަޖީދު މާހިރު ހުންނެވުންވީ، ފަހުން އޭނާ ވެސް ސިޔާސީ ރާޑަރަށް އަރަން މެދުވެރިވި ސަބަބަކަށެވެ.

ނާސިރުގެ ބޮޑުވަޒީރުކަމުގައި އަބްދުލްމަޖީދު މާހިރު ޖަލަށް ވެސް ލި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެމްބަރުކަން ކުރެއްވުން ފިޔަވައި، އަބްދުލްމަޖީދު މާހިރު ސިޔާސީ މާ ގިނަ މަގާމުތަކެއް ފުރުއްވައިފައެއް ނުވެ އެވެ. އުޅުއްވީ ތަރައްގީ އާއި އާއްމު މަސައްކަތްތަކާ ބެހޭ ބައިތަކުގަ އެވެ. މާލޭ މުނިސިޕަލް ކައުންސިލުގެ ރައީސްކަން ވެސް ކުރެއްވި އަބްދުލްމަޖީދު މާހިރުގެ އެންމެ ބޮޑު އެއް ހިދުމަތަކީ މާލޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުވި ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ ހިންގެވުމެވެ. އޭނާ ވަނީ މާލޭގައި އެ މަސައްކަތް ފެށުމަށްޓަކައި ތަޖުރިބާ ހޯއްދެއްވުމަށް ޑަބްލިއުއެޗްއޯގެ ފެލޯޝިޕްތަކުގައި އިންޑިއާ އާއި މެލޭޝިއާ އާއި ތައިލެންޑަށް ދަތުރުކުރައްވައިފަ އެވެ.

ނަމަވެސް އަބްދުލްމަޖީދު މާހިރުގެ އެންމެ ބޮޑު ޝައުގުވެރިކަމެއް އަބަދުވެސް ދެއްވީ ހަކީމީ ބޭސްވެރިކަމަށެވެ. އިހުގެ ދިވެހި ބޭސްވެރިންގެ ފުށުންނާއި އަރަބި، އުރުދޫ ފޮތްތަކުން ޔޫނާނީ ބޭސްވެރިކަން ދަސްކުރައްވައި، އެކަމާ ގުޅޭ ފޮތްތައް ލިޔުއްވި އެވެ. އަމިއްލަ އަށް ބޭސްނުކުރެއްވި ނަމަވެސް، އެ އިލްމު ފެތުރުއްވުމަށް މަސައްކަތް ކުރެއްވި އެވެ. ބައެއް ފޮތްތައް ވެސް ލިޔުއްވި އެވެ. ގައްދޫގައި އެ ރަށު އަހުމަދު ސައީދަށް ދިވެހި ބޭހުގެ ކްލިނިކެއް ހުޅުވަން ވަރަށް ބޮޑަށް އެހީވި އެވެ.

އަބްދުލްމަޖީދު މާހިރުގެ ބޭފުޅުންގެ ތެރެއިން އަހައްމައިދީ (ކ) މުހައްމައިދީ (މ) އަދި އަމީން ފައިސަލް.

އަބްދުލްމަޖީދު މާހިރުގެ ބޭފުޅުންގެ ތެރެއިން އަހައްމައިދީ (ކ) މުހައްމައިދީ (މ) އަދި އަމީން ފައިސަލް.

އޭނާ ދެން އެންމެ ޝައުގުވެރިކަން ބެހެއްޓެވީ ނެތެމުން އަންނަ ދިވެހި ބައެއް އުފެއްދުންތައް އާލާކުރެއްވުމަށެވެ. އެގޮތުން ފޭލި ވިޔާ މީހުން މަދުވަމުންދާތީވެ، ރާއްޖޭން ބޭރުން ފޭލިވިޔާ މެޝިނެއް ހޯއްދަވައި އެ މަސައްކަތް ތަރައްގީ ކުރައްވަން ވެސް ރޭއްވެވި އެވެ. ވިޔަފާރީގެ ފައިދާއަކަށް ނޫނެވެ. ނަމަވެސް އެ މަސައްކަތް ދިރުވުމަށެވެ.

"އެމަނިކުފާނަކީ ރާއްޖޭގެ ސަގާފަތްތައް ދަމަހައްޓަވަން ވަރަށް ބޮޑަށް ބޭނުންފުޅުވި ބޭފުޅެއް،" އަލާ ވިދާޅުވި އެވެ.

ތިން ކައިވެންޏެއް ކުރެއްވި މާހިރަކީ، ރާއްޖެ އަށް އެކި ދާއިރާތަކުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދަރީންތަކެއް ވެސް ބިނާކުރެއްވި ބަފައެކެވެ. އެންމެ ފުރަތަމަ ކައިވެނިން ކޮލިގޭ ފާތިމަތު ނާސިރާއާ ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި މުހައްމަދު މާހިރު ދީދީ (ކޮލިގޭ މުހައްމައިދީ) އާއި އަހުމަދު މާހިރު ދީދީ (މޯލްޑިވްސް ޑީޑީ) އަކީ ޓޫރިޒަމްގެ ތަރައްގީގެ މުހިއްމު ދެ ބައިވެރިންނެވެ.

އުމުރުން 68 އަހަރުގައި 2022 ވަނަ އަހަރު ނިޔާވި މުހައްމައިދީ ވަނީ 1980ގެ އަހަރުތަކުގައި ޓޫރިޒަމް ވިޔަފާރި ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެއީ ސިލޯނުގެ ޓްރިނިޓީ ކޮލެޖުގައި ކިޔަވައި ވިދާޅުވިއިރު ވަރަށް މޮޅު ރަގްބީ ކުޅުންތެރިއެއް ވެސް މެ އެވެ. އެ ދުވަސްވަރު ކޮލެޖުގައި އޭނާ މަޝްހޫރުވީ 'މޯލްޑިވިއަން ރޮކެޓް'ގެ ގޮތުގަ އެވެ.

އަބްދުލްމަޖީދު މާހިރުގެ އޭނާގެ ދަރިކަނބަކުން ފަރަހަނާޒް ފައިސަލްއާ އެކު.

އަބްދުލްމަޖީދު މާހިރުގެ އޭނާގެ ދަރިކަނބަކުން ފަރަހަނާޒް ފައިސަލްއާ އެކު.

ޓޫރިޒަމްގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ އަހައްމައިދީ އަކީ ޔޫރަޕާއި ދުނިޔޭގެ ތަފާތު އެހެން ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރެއްވުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ޔުނިވާސަލް އެންޓަޕްރައިޒަސް އިން ރާއްޖޭން ބޭރުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފެށިއިރު އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް މޯލްޑިވްސް ޑީޑީގެ ނަމުން މަޝްހޫރުވި އަހައްމައިދީ އެވެ. އޭނާ އަކީ ރާއްޖޭގެ އިތުރުން ސީޝެލްސްގައި ވެސް ކާމިޔާބު ވިޔަފާރިއެކެވެ.

އަބްދުލްމަޖީދު މާހިރު އޭގެ ފަހުން ކައިވެނިކުރެއްވީ އަމީން ދީދީގެ ހަމައެކަނި ދަރިކަނބަލުން އަމީނާ މުހައްމަދު އަމީންއާ އެވެ. އެ ބަނޑުފުޅުން އިބްރާހީމް ފައިސަލާއި އަމީން ފައިސަލާ އެކު، ޑރ. ފަހަނާޒް ފައިސަލް ލިބިވަޑައިގަތެވެ. ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އަމީނަކީ ރާއްޖޭގެ ފަހުގެ ސިޔާސީ އިސްލާހީ ހަރަކާތުގެ އިސް ބައިވެރިއެއް ވެސް މެ އެވެ. ޑރ. ފަރަހަނާޒަކީ، ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ޕީއެޗްޑީ ހޯލްޑަރެވެ. އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ދެ ދައުރެއްގައި ކުރެއްވި ފަރަހަނާޒަކީ ރާއްޖޭގެ ކަނޑުމަހަށް އެ ގައުމުން ނަގާ ޑިއުޓީ ކަނޑާލުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށްދެއްވައި، އެ މަސައްކަތްކުރެއްވި ތަޖުރިބާކާރު ޑިޕްލޮމޭޓެކެވެ.

އަބްދުލްމަޖީދު މާހިރު އެންމެ ފަހަށް ކައިވެނިކުރެއްވީ ދިވެހި ބޭސްވެރިޔާ ހީރާ ޔޫސުފްފުޅުގެ ސައީދާއާ އެވެ. އެ ކައިވެންޏަށް ލިބިވަޑައިގަތީ މިދުހަތު މާހިރާއި ގުލްނާޒް މާހިރާއި ތޮލްއަތު މާހިރެވެ. އޭގެ ތެރެއިން ގުލްނާޒަކީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަ އޮފް ކަސްޓަމާ ސާވިސަސް އެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތެއްގައި އަބްދުލްމަޖީދު މާހިރު ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތެއްގައި އަބްދުލްމަޖީދު މާހިރު ބައިވެރިވެވަޑައިގަންނަވަނީ.

އަބްދުލްމަޖީދު މާހިރު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ތައުޒިޔާގައި ވެސް ވަނީ އޭނާ އަކީ ގައުމަށް ހިދުމަތްތެރި އިލްމީ ގާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއްކަން ފާހަގަކުރައްވައިފަ އެވެ. ހަމައެކަނި އެކަމެއް ވެސް ނޫނެވެ. ރައީސް ވިދާޅުވި ގޮތުގައި ގެއްލިގެން މިދިޔައީ ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ގަދަރުވެރި، ހިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަހުސިއްޔަތެކެވެ.

ކުރީގެ ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި އަބްދުލްމަޖީދު މާހިރަކީ ގައުމުގެ އެއް ތަނބެވެ. އޭނާ އަވަހާރަވުމާ އެކު، ދިވެހީންނާ ވަކިވެ އެދިޔައީ ރާއްޖޭގެ އެންމެ އަގުހުރި އެއް ހަޒާނާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް، އޭނާ ވަނީ ވަކިވުމުގެ ކުރިން އެ ހަޒާނާގެ އަގުހުރި މުތްތައް އަންނަން އޮތް ޖީލުތަކާ ހަމަޔަށް ފޯރާނެ ފަދަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެންމެ ފަހު ދުވަހާ ހަމަޔަށް ވެސް ދެމި ހުންނެވީ އެ މަސައްކަތުގަ އެވެ.