28 ޑިސެމްބަރ 2018
ދިވެހިރާއްޖޭގެ ފަހުގެ ހަޔާތް ދުށް އެންމެ ވަރުގަދަ އެއް ތާރީޚީ އިލްމުވެރިޔާ މ. މޫންޑްރޮޕްސް، މުހައްމަދު ވަހީދު (ނަދުވީ) މިއަދު އަވަހާރަވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ފަހުގެ ހަޔާތް ދުށް އެންމެ ވަރުގަދަ އެއް ތާރީޚީ އިލްމުވެރިޔާ މ. މޫންޑްރޮޕްސް، މުހައްމަދު ވަހީދު (ނަދުވީ) މިއަދު އަވަހާރަވެއްޖެ އެވެ.
އޭނާ އަވަހާރަވީ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން އެނދުމަތިކޮށް ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނެވެ.
ދިވެހި ބަހުގެ އެކެޑެމީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި އެ އެކަޑަމީގެ ތާރީޚު ދިރާސާކުރުމުގެ ބައިގައި އިސްކޮށް އުޅުއްވި ނަދުވީ ވަނީ ދިވެހި ބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އިސް އެހީތެރިޔާގެ މަގާމާއި މުޝީރުގެ އެހީތެރިޔާކަން ކުރައްވައި، އެ މަރުކަޒާއި އެކަޑަމީ އަށް ޖުމްލަކޮށް ވިއްސަކަށް އަހަރު ހިދުމަތްކުރައްވައިފަ އެވެ.
އުމުރުފުޅުން 62 އަހަރުގެ ނަދުވީ އަކީ ރާއްޖޭގެ ފުރަތަމަ ރައީސް އަދި ދިވެހި ބަހުގެ އަދީބު މުހައްމަދު އަމީން ކިޔަވާވިދާޅުވި އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީން އަރަބިކް ލިޓްރޭޗާ އިން މާސްޓާސް އޮފް އާޓްސް ހާސިލްކުރައްވައިފާ ބޭފުޅެކެވެ. މިސްރުން ވެސް ތައުލީމު ހާސިލްކުރެއްވި ނަދްވީ ވަނީ މެލޭޝިއާގެ މަޔާޔާ ޔުނިވާސިޓީގައި ތާރީހީ އިލްމުން ރިސާޗް މެތޮޑޮޖީގެ ފާހެއް ވެސް ނަންގައިފަ އެވެ.
މަޖީދިއްޔާ ސްކޫލާއި މާލޭގެ ބައެއް އެހެން ވެސް ސްކޫލްތަކުގައި އޭނާ ވަނީ އަރަބި ބަހާއި އިސްލާމް މާއްދާ ކިޔަވައިދެއްވައިފަ އެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ވެސް ވަނީ ލެޗްކާ ދެއްވަ އެވެ. ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ވެސް ކިޔަވައިދެއްވި އެވެ.
ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ނަދުވީ އަވަހާރަވުމަކީ ލިބުނު ދާއިމީ ފަޅުކަމެއް ކަމަށާއި މިއީ ތާރީޚާއި ބަހާއި އަދަބުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައެއް ކަމަށެވެ.
ނަދްވީ (ކ) އާއި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ހުކުރު މިސްކިތުގެ މަހާނަގަލެއް ބައްލަވާލައްވަނީ.
ދިވެހި ބަހާއި ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހު ވިދާޅުވި ގޮތުގައި ނަދުވީ އަވަހާރަވުމާ އެކު ގެއްލިގެން އެދިޔައީ ރާއްޖޭގައި އެންމެ ފަހަށް ހުންނެވި އެންމެ ވަރުގަދަ އެއް ތާރީޚީ އިލްމުވެރިޔާ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚަށް ލިބިގެން ދިޔަ ދެރައެއް ކަމަށެވެ.
"ދުނިޔޭގެ އެކި ގައުމުތަކަށް ވަޑައިގެން ރާއްޖެއާ ބެހޭ ދިރާސާތައްކުރެއްވި. އެ ދިރާސާތަކުގެ މައްޗަށް އެތައް ލިޔުމެއް ލިޔުއްވާފައި. އަދި ނުލިޔުއްވި ވެސް އެތައް ދިރާސާތަކެއް އެބަހުރި،" ނާޖިހު ވިދާޅުވި އެވެ. "ނަދުވީ އަކީ ދިވެހިރާއްޖޭގެ ތާރީޚުގެ ދާއިރާގެ ވަރަށް އަގުހުރި ބޭފުޅެއް."
ރާއްޖޭގެ މަޝްހޫރު އަތުލިޔުންތެރިޔެއް ކަމަށްވާ އަލްއުސްތާޒް އަބްދުލްމުއީދު ހަސަން ސިފަކުރެއްވި ގޮތުގައި ތާރީހީ ކަންކަމުގައި ނަދުވީ ގެންއުޅުއްވާ އީޖާދީ ފިކުރުތައް ލާމަސީލު ކަމަށާއި އޭނާ އަކީ އެހެން މީސްމީހުން ނުވިސްނާ ގޮތަކަށް ވަރަށް އަމިއްލަފުޅު ހާއްސަ ވިސްނުމެއް ގެންގުޅުއްވައި ހެޔޮ ނަތީޖާ ނެރުއްވި ބޭފުޅެއް ކަމަށެވެ.
ނަދުވީ ވަނީ ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅެއްގެ ވާހަކަ ލިޔުއްވައި، އައްސުލްތާން އަހުމަދު ޝިހާބުއްދީން ހުކުރު މިސްކިތުގައި ބެހެއްޓެވި ފިލާ އެއްވެސް މީހަކު ވިސްނާފައިނުވާ އާ ވިސްނުމަކުން ތަހުލީލުކުރައްވައިފަ އެވެ.
"ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅު ކަމަށް އެ ފިލާފައި ލިޔެވިފައިވަނީ އަބުލްބަރާކަތު ޔޫސުފުލް ބަރުބަރީކަން ނަދުވީ ބަޔާންކުރައްވާފައި ވަނީ އޭނާ އެކަށައެޅުއްވި މުޅިން އާ ނަޒަރިއްޔާތަކުން. އެއީ އަރަބި ލިޔުމުގެ ބާވަތްތަކުގެ ތެރެއިން ޘުލުޘު ލިޔުން ތަރައްގީވެފައިވާ ގޮތުގެ ވިސްނުން މުއްސަނދިކޮށްދިން ޖަވާހިރެއް. އަކުރުތަކުގެ ފަލަ ބައިތަކުގެ ތެރޭގައި، ފަންނާނުން ނުކުތާތައް ވަންހަނާކުރާކަން ސާބިތުކޮށްދިނީ ނަދުވީގެ އެ ނަޒަރިއްޔާތުން،" މުއީދު ވިދާޅުވި އެވެ.
ނަދުވީ ވަނީ ރާއްޖެ އިސްލާމްކުރެވުނު ގޮތާ ބެހޭގޮތުން ވެސް ލުއި ފޮތެއް ލިޔުއްވައިފަ އެވެ. އަދި ތާރީޚީ ވަރަށް ގިނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާކުރެއްވި އެވެ. އޭނާ އަކީ އަރަބި، ފަރަންސޭސި، އުރުދޫ، ގުޖުރާތީ އަދި އިނގިރޭސި ބަސް ދެނެވަޑައިގަންނަވާ، ލިޓްރޭޗާ އިލްމުން ވެސް މަތީ ފަންތީގައި ހުންނެވި ބޭފުޅެކެވެ.
ނަދުވީ އަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އޭގެ ތެރެއިން މައިފުށުން، މަޝްހޫރު ދީނީ އިލްމުވެރިޔާ މ. ރީހުއްސަބާ، އިބްރާހިމް ހަސަން އަށް ކާފަވިދާޅުވާ އަލާ ދީދީ އަކީ ވެސް ރާއްޖޭގެ ތާރީޚު ދިރާސާކުރައްވަމުން އަންނަ ބޭފުޅެކެވެ. އިސްލާމީ ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަގާމް ފުރުއްވަމުން އަންނަ އަލާ އަކީ ދިވެހި ތާރީޚުގެ އިތުރުން ނަސަބު ދިރާސާކުރެއްވުމުގައި ވެސް މަސައްކަތްކުރައްވަމުން އަންނަ ޒުވާނެކެވެ. ދެން ހުންނެވީ ދަރިކަނބަލެކެވެ. އެއީ ސ. މީދޫ އަށް އުފަން ރަންދާ މުހައްމަދު ވަހީދެވެ.
ނަދުވީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ނަދުވީގެ "އަދަބީ ފާޑުކިޔުން" މިރޭ ނެރެނީ
އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވެއްޖެ
އަބްދުލްމަޖީދާ އެކު ނިމިގެން އެ ދިޔައީ ތާރީހުގެ ބާބެއް
ބައްޕަ– އަޅުގަނޑުގެ އުސްތާޛު، އަޅުގަނޑުގެ ގަހާތަރި!
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް
ދިވެހި ބަސް މަރުވާތީ ސައިކުރާ ނައީމް ލިޔެދެއްވި ބޭސް!
ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި ނަމޫނާ ތަގުރީރެއް
ހަބީބާ ހުސައިން ހަބީބު އަވަހާރަވެއްޖެ
އެލިޒަބަތުގެ ކައިވެނީގެ އުފާ: މީހަކަށް ކިރުސައެއް