05 ފެބުރުއަރީ 2019
ރާއްޖެ އަށް އެ އިލްމެއްގެ އަލިކަން އެހާ ބޮޑަށް ފާޅުވެފައި ނުވާ، އެކަމަކު އެ އިލްމަކަށް ނުހަނު ބޭނުން ޖެހިފައިވާ، އަދަބީ ފާޑުކިޔުމުގެ އިލްމާ ބެހޭގޮތުން، މަރްހޫމް މުހައްމަދު ވަހީދު (ނަދުވީ) ލިޔުއްވާފައިވާ، އަދި އެ ރޮނގުން ރާއްޖޭގައި ނެރޭ ފުރަތަމަ ފޮތް "އަދަބީ ފާޑުކިޔުން" މިރޭ އިފްތިތާހު ކުރަން ނިންމައިފި އެވެ.
ރާއްޖެ އަށް އެ އިލްމެއްގެ އަލިކަން އެހާ ބޮޑަށް ފާޅުވެފައި ނުވާ، އެކަމަކު އެ އިލްމަކަށް ނުހަނު ބޭނުން ޖެހިފައިވާ، އަދަބީ ފާޑުކިޔުމުގެ އިލްމާ ބެހޭގޮތުން، މަރްހޫމް މުހައްމަދު ވަހީދު (ނަދުވީ) ލިޔުއްވާފައިވާ، އަދި އެ ރޮނގުން ރާއްޖޭގައި ނެރޭ ފުރަތަމަ ފޮތް "އަދަބީ ފާޑުކިޔުން" މިރޭ އިފްތިތާހު ކުރަން ނިންމައިފި އެވެ.
މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު އަވަހާރަވި ނަދުވީގެ ހަނދާނުގައި ދިވެހި ބަހުގެ އެކެޑަމީން މިރޭ ބާއްވާ ތައުބީނުގެ ޖަލްސާގަ އެވެ. މިއީ، އަދަބިއްޔާތަށް ފާޑުކިޔުމާ ގުޅޭގޮތުން ފަތްތޫރަ މަޖައްލާ އަށް ނަދުވީ ލިޔުއްވާފައިވާ މަޒުމޫންތައް، އެ އެކެޑަމީން އެކުލަވާލައްވާފައިވާ އެކުލަވައިލުމެކެވެ. ނަދުވީ ބޭނުންވީ، އިތުރަށް ފުރިހަމަ ކުރައްވައި ފޮތެއްގެ ސިފަ ޖެއްސެވުމަށެވެ.
"އެކަމަކު އެ ފުރުސަތު ލިބިވަޑައިނުގެން އަވަހާރަވީ. އެހެންވެ އަޅުގަނޑުމެން ބޭނުންވީ މުދައްރިސްގެ މި އަގުހުރި މަސައްކަތް ފޮތެއްގެ ގޮތުގައި ނެރެން،" އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވި އެވެ.
މި މައުލޫ އަށް ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ނަދުވީ، ފަތްތޫރުގައި މަޒުމޫންތައް ލިޔުއްވީ ވެސް އަޝްރަފް ވިދާޅުވި ގޮތުގައި، މި އިލްމާއި މި ފަންނުގެ ލިޔުންތައް ފެންނަން ދިވެހި އަދަބިއްޔާތު ބޭނުންވެ އެކަމަށް ލަސް ވެސް ވެފައިވާ ކަމަށް ދެކެވަޑައިގެންނެވެ.
ނަދުވީ ފިލާވަޅެއް ނަންގަވައިދެއްވަނީ.
އަދަބީ ފާޑުކިޔުމަކީ ތައައްސަބެއް ނެތި، މިނިވަންކަމާ އެކު، އިލްމީ ގޮތުން އަދަބީ އުފެއްދުންތަކަށް ފާޑުކިޔުމުގެ އިލްމެކެވެ. އެއީ އަދަބީ އުފެއްދުމެއް އަގު ކުރުމެވެ. އެއީ ލިޔުންތެރިޔާ އާއި އެ އުފެއްދުމުގެ އުސްލޫބުތަކާއި ރީތިކަމުގެ ފޭރާމާއި އެތެރެފުށުމުގެ ފޭރާމާއި ބޭރުފުށުގެ ފޭރާން ބަލައި، އެ އުފެއްދުމަކަށް އަދަބީ ހުކުމެއް އިއްވުން ކަމަށް އަޝްރަފް ވިދާޅުވި އެވެ.
"އަދަބީ ފާޑުކިޔުމުގެ ސަބަބުން އަދަބިއްޔާތު ދިރިގެން އައުމަށް ފުރުސަތު ފަހިވޭ،" އޭނާ ވިދާޅުވި އެވެ.
ނަސީބު ދިމާކުރި ގޮތުން މި ފޮތް ނެރެނީ ރާއްޖޭގައި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުން އަންނަނި ކޮށެވެ. އެހެންވެ، މިއީ މުދައްރިސުންނާއި ދަރިވަރުންނަށް ވަރަށް މުހިއްމު ފޮތަކަށް ވާނެ ކަމަށް އަޝްރަފް ދެކެވަޑައިގަންނަވަ އެވެ.
"އަދަބިއްޔާތުގެ މޮޅު ދެރަ ވަކިކުރަން ދަރިވަރުންނާއި މުދައްރިސުންނަށް މި އަށް ވުރެ އަގުހުރި ފޮތެއް ލިބޭނެ ކަމަށް ނުދެކެން،" އަޝްރަފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހަމައެކަނި ހިތާމަ އަކީ ފޮތް ނެރެވޭއިރު ނަދުވީ ނެތުން."
ނަދުވީ (ކ) އާއި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ހުކުރު މިސްކިތުގެ މަހާނަގަލެއް ބައްލަވާލައްވަނީ: އަވަހާރަވިއިރު އޭނާ ހުންނެވީ އެ އެކެޑަމީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި.
މި ފޮތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި އަދަބަށް ފާޑުކިޔުމުގެ ފަންނީ ގޮތްތައް ދުނިޔޭގެ އަދަބުގެ ނިސްބަތުން ބަލާފައިވާ ބެލުމާއި އަދަބީ އުދެއްފުންތަކުގެ ތެރެއިން ޅެމާއި ކުރު ވާހަކަ އަދި ދިގު ވާހަކައިގެ ބައްޓަމާއި ސިފަ ބަޔާންކޮށްދީ އަދި އޭގެ ފަންނީ ސިފަތަކާއި ކަލާސިކީ ސިފަތަކާއި ފަހުގެ ވިސްނުންތައް ވެސް ހިމެނެ އެވެ.
"ދިވެހި އަދަބިއްޔާތަށް ހާއްސަ ވެގެން ފާޑުކިޔުމުގެ އިލްމީ މައުލޫމާތު މި ފޮތުގައި ވަނީ. މިއީ ރާއްޖޭގައި މިހާތަނަށް ނެތް އިލްމެއް،" ދިވެހި ބަހާއި އަދަބިއްޔާތު ކިޔަވައިދެއްވާ ފަރެސް މުހައްމަދު އާމިރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް އަދަބީ ފާޑުކިޔުމުގެ މަސައްކަތަކަށް އޮތީ، އައްޑޫ ބަނޑޭރި ހަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރާ ބެހޭގޮތުން އައްޝައިހް މުހައްމަދު ޖަމާލުއްދީން (ނައިބުތުއްތު) ލިޔުއްވާފައިވާ ނޯޓު ތަކެކެވެ. އެފަދަ އިތުރު މަސައްކަތްތަކެއް ނެތްކަން ފާހަގަކުރައްވައި ކުޅަދާނަ އަދީބު ޝެއިޚް މުހައްމަދު ޖަމީލް ދީދީ ލިޔުއްވާފައި ވަނީ، ދިވެހި އަދަބުގެ އެންމެ ދެރަ ފަންނަކީ ފާޑުކިޔުމުގެ ފަންނު ކަމަށާއި އެ ފަންނު ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
"އެހެންވެ ނައިބުތުއްތުގެ އެ މަސައްކަތް އަގު ވަޒަން ކުރައްވި ޖަމީލް ދީދީ ލިޔުއްވީ ބަހުގެ ތަށި އަމީނަށް ދެއްވާ ފަދައިން ފާޑުކިޔުމުގެ ތަށި ނައިބުތުއްތު އަށް އަރުވަމާތޯއޭ،" އާމިރު ވިދާޅުވި އެވެ. "(މިރޭ ނެރެވޭ ފޮތް ފިޔަވައި) މި ރޮނގުން ނެތް އިތުރު އިލްމީ މައުލޫމާތުތަކެއް މި ފެންވަރުގައި ލިޔެފައި."
ދިވެހި އަދަބުގެ ތާރީހު ނުދެކޭ ފަދަ މަސައްކަތެއް ނަދުވީ ކުރެއްވުމުން، އޭނާގެ އިލްމުވެރިކަމުގެ އެނގޭ މީހަކު ހައިރާނެއް ނުވާނެ އެވެ. ޕާކިސްތާނުގެ ޖާމިއްޔާ ސަލަފިއްޔާ، މިސްރުގެ އަޒްހަރު އަދި އިންޑިއާގެ އަލީގަޅު ޔުނިވާސިޓީން ކިޔަވާ ވިދާޅުވި ނަދުވީ ވަނީ ގާނޫނު، ޕޮލިޓިކަލް ސައިންސުން ފުރަތަމަ ޑިގްރީއެއް އަދި އަދި އަރަބިކް ލިޓްރޭޗާ އިން މާސްޓާސް ޑިގްރީއެއް ނަންގަވައިފަ އެވެ. އަރަބި، ފަރަންސޭސި، އުރުދޫ، ގުޖުރާތީ އަދި އިނގިރޭސި ބަސް ފެން ފަދަ އެވެ.
ނަދުވީ (ވ) އޭނާގެ އުސްތާޒަކާ އެކު.
އިލްމު ހޯއްދެއްވުމާއި ފެތުރުއްވުމާއި ތާރީހު ދިރާސާ ކުރެއްވުމުގައި މުޅި ހަޔާތް ހޭދަކުރެއްވި ނަދުވީގެ އިލްމީ މިފަދަ މަސައްކަތްތައް ވިލާތަކާ ނިވާވެފައި ހުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އޭގެ އަލިކަން ރާއްޖޭގެ އިލްމީ އުދަރެހުން ފެނިގެންދާނެ އެވެ. ބޭރުގައި "ލިޔެ ނިމިފައި – މުއައްލިފް މުހައްމަދު ވަހީދު ނަދުވީ" ޖައްސަވާފައިވާ 11 ފޮތެއް ގޭގައި އެބައޮތެވެ.
"އެއީ އެއްވެސް ޝައްކެއް ނެތި ބުނެވޭނެ އަދަދެއް. އިތުރު އެތައް ދިރާސީ މަސައްކަތްތަކާއި ލިޔުންތައް އެބަހުރި،" ނަދުވީގެ ދަރިފުޅު އަދި ތާރީޚު ދިރާސާ ކުރައްވާ އަލާ ދީދީ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ދިވެއްސަކު ލިޔުނު ތާރީޚީ ފުރަތަމަ ފޮތް [މީގެ 300 އަހަރު ކުރިން އަލް ގާޒީ ހަސަން ތާޖުއްދީން އަރަބި ބަހުން ލިޔުއްވި] "ތާރީހު ދީބާ ބަހަލް" ދިވެހި ބަހަށް ތަރުޖަމާ ކުރައްވައި މަރްހޫމް މުހައްމަދު އިބްރާހިމް ލުތުފީއާ ދެބޭފުޅުންގެ މަސައްކަތެއްގެ ގޮތުގައި އޮތް ފޮތެއް ހިމެނެ އެވެ. ފަނޑިޔާރުންނާ ބެހޭ ފޮތަކާއި ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅުންނާ ބެހޭ ފޮތެއްގެ އިތުރުން ދިވެހި އަދީބުންގެ ސިލްސިލާގެ ފަސް ވަނަ ފޮތް ވެސް އޮތީ ޗާޕުގެ ހޫނުކަމަށް އެދިއެދި އެވެ.
ދިވެހި ބަހުގެ ޑިގްރީ ކޯހުގެ އަދަބިއްޔާތުގެ މުގައްރަރު ލިޔުއްވައި ކިޔަވައި ވެސް ދެއްވި ނަދުވީ ވަނީ އިލްމީ މަސައްކަތްތަކުގެ އިތުރުން އަދަބީ އެތައް އުފެއްދުންތަކެއް ވެސް އުފައްދަވައިފަ އެވެ. އޭނާ ފަތްތޫރައިގައި ލިޔުއްވަފައިވާ މަޒްމޫންތަކާއި ތަރުޖަމާ ކުރައްވާފައިވާ ވާހަކަތައް އެއްކުރައްވައި ފޮތެއްގެ ގޮތުގައި ނެރުމުގެ މަސައްކަތްކުރައްވާނެ ކަމަށް އެކެޑެމީގެ ރައީސް އަޝްރަފް ވިދާޅުވި އެވެ.
"އަދަބީ މުތްތަކެއްގެ ފަދަ އެ ލިޔުންތައް އެއް ފޮތަކަށް ޖަމާކުރުމަށް މަސައްކަތް ކުރަމުން މި އަންނަނީ. އެފަދަ އެތައް އޮޑިއެއް ބަންނަވަން ފަށްޓަވާފައި ނުނިންމިފައި ހުރީ. އެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނަން،" އަޝްރަފް ވިދާޅުވި އެވެ.
ތާރީޚީ އިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް
ދިވެހި ބަސް މަރުވާތީ ސައިކުރާ ނައީމް ލިޔެދެއްވި ބޭސް!
ދިވެހި ބަހުގެ މުއްސަނދިކަން ދެއްކި ނަމޫނާ ތަގުރީރެއް
ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް
އިބްރާހިމް ހުސައިން މަނިކުގެ ކުރު ވާހަކަތައް ނެރެފި
"ހަލުއިދާ" އަށް ޖަމީލް ދީދީ ދެއްވި ބަހުގެ ރެސިޕީ
ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟
ތުއްތު ސާހިބު: ހަވީރީ ހެދުމާއި އަޅުގަނޑީ ބަކަރި!