Roadha Mihaaru
އެލިޒަބަތުގެ ކައިވެނީގެ އުފާ: މީހަކަށް ކިރުސައެއް

އެލިޒަބަތުގެ ކައިވެނީގެ އުފަލުގައި ކޮންމެ މީހަކަށް ކިރުސައި ތައްޓެއް

09 ސެޕްޓެމްބަރ 2022

އުމުރުފުޅުން 96 އަހަރުގައި އިއްޔެ އަވަހާރަވި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތާ ބެހޭ ގޮތުން ދިވެހިންގެ އެންމެ ހާއްސަ ހަނދާނަކީ މީގެ ބައި ގަރުނު ކުރިން އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. އެކަމަކު އެލިޒަބަތު ރާނީއަކަށް ވުމުގެ ކުރިން އެކަމަނާގެ ބައްޕާފުޅު ޖޯޖްގެ ރަސްކަމުގައި ވެސް ރާއްޖޭގައި ވަނީ އެލިޒަބަތުގެ ކައިވެނީގެ އުފާ ވެސް ފާޅުކޮށްފަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އުމުރުފުޅުން 96 އަހަރުގައި އިއްޔެ އަވަހާރަވި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތާ ބެހޭ ގޮތުން ދިވެހިންގެ އެންމެ ހާއްސަ ހަނދާނަކީ މީގެ ބައި ގަރުނު ކުރިން އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. އެކަމަކު އެލިޒަބަތު ރާނީއަކަށް ވުމުގެ ކުރިން އެކަމަނާގެ ބައްޕާފުޅު ޖޯޖްގެ ރަސްކަމުގައި ވެސް ރާއްޖޭގައި ވަނީ އެލިޒަބަތުގެ ކައިވެނީގެ އުފާ ވެސް ފާޅުކޮށްފަ އެވެ.

ދިވެހިރާއްޖެ އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި ޑިސެމްބަރު 16، 1887 އިން ޖުލައި 26، 1965 އާ ހަމައަށް އޮތް އިރު އިނގިރޭސި ޝާހީ އާއިލާގެ އުފަލާއި ހިތާމަތައް ހާއްސަ ގޮތެއްގައި ފާހަގަކޮށްފައިވެ އެވެ.

އެއީ އެލިޒަބަތު އިނގިރޭސި ތަޚުތަށް އިސްކުރެއްވުމުގެ 21 އަހަރު ކުރި އެވެ. މީގެ 74 އަހަރު ކުރިން ހޮނިހިރު ދުވަހެއްގެ ރޭގަނޑެވެ. ނާދީގައި އެ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައި ކަމުވޮށިގެންވާ ބޭފުޅުން އެއްވެ ތިއްބެވީ އިނގިރޭސި ވިލާތުގެ އޭރުގެ ޕްރިންސަސް އެލިޒަބަތުގެ ކައިވެނިފުޅުގެ އުފާ ފާޅުކުރުމަށެވެ.

ދައުލަތުގެ ހިންގާ މަޖިލީހުން ކަނޑައަޅައިގެން އިންތިޒާމްކުރި މި ޖަލްސާ އޮތީ ނޮވެމްބަރު 22، 1947 ވީ އާދީއްތަ ވިލޭރޭގަ އެވެ. އެއީ އިއްޔެ އަވަހަރާވި ރާނީ އެލިޒަބަތު އުމުރުފުޅުން 21 އަހަރުގައި ކައިވެނި ބައްލަވައިގަނެ މުޅި އުމުރުފުޅު އެ ބޭފުޅަކާ އެކު ހޭދަކުރެއްވި ޕްރިންސް ފިލިޕާ ކައިވެނި ބައްލަވައިގެންތާ ދެ ދުވަސް ފަހުންނެވެ.

ރާނީ އެލިޒަބަތާއި ފިލިޕްގެ ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯއެއް

ރާނީ އެލިޒަބަތާއި ފިލިޕްގެ ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯއެއް

އެލިޒަބަތު ރާނީއަކަށް ވެ ވަޑައިގަތީ ފެބްރުއަރީ 6، 1952 ގައި އުމުރުފުޅުން 56 އަހަރުގައި ބައްޕާފުޅު ޖޯޖް އަވަހާރަވުމުންނެވެ. އޭރު އެލިޒަބަތުގެ އުމުރުފުޅުން 25 އަހަރެވެ.

ރާއްޖޭގައި "އެކި ކަންކަން ހިނގާ ގޮތް" ލިޔެ ރައްކާކޮށްފައިވާ ފޮތްތަކުގައި މި ޖަލްސާ ސިފަކޮށްދެމުން ބުނެފައިވަނީ މިއީ "ޝުބްހީ ރަސްމީ ޖަލްސާ" އެއް ކަމަށެވެ. ދައުރުން ބޭރު، ޖަލްސާއެކެވެ. ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ނާދީގެ މެންބަރުންނާއި ނާދީގައި ހިމެނިވަޑައިގަނުގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރަށްރަށުން ވަޑައިގެން ތިއްބެވި ބައެއް "ހަރު މީހުންނާއި" މާލޭގައި ތިއްބެވި ބައެއް "ބޭފުޅުންނާއި ބޭކަނބަލުން" ކަމަށް ލިޔެފައިވެ އެވެ.

މި ޖަލްސާގެ ސައިފޮދު ތައްޔާރުކުރުމަށް ހަވާލުކޮށްފައި އޮތީ ދައުލަތުގެ ހިންގާ މަޖިލީހުން ހާއްސަ ކޮމިޓީއަކަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

● މުހައްމަދު އިސްމާއިލް ދީދީ

● އަހްމަދު ކާމިލް ދީދީ

● އާދަމް ނަސީރު މަނިކު

● އިބްރާހިމް ޝިހާބް

● މުހައްމަދު ޖަމީލް

މި ކޮމިޓީއަށް އެހީވާން ކެރަފާ މުހައްމަދު ކަލޭފާނާއި މައިޒާން މުހައްމަދު މަނިކަން ވަނީ އަންގަވައިފަ އެވެ.

ރާނީ އެލިޒަބަތު ރާއްޖޭގައި: އެލިޒަބަތު ރާއްޖެ ވަޑައިގަތީ މާޗް 13، 1972 ގައި

ރާނީ އެލިޒަބަތު ރާއްޖޭގައި: އެލިޒަބަތު ރާއްޖެ ވަޑައިގަތީ މާޗް 13، 1972 ގައި

މިއީ އުފާ ފާޅުކުރުމުގެ ޖަލްސާއަކަށް ވާތީ، ހަމަޖައްސާފައި އޮތީ "ސައިފޮދުގެ ޖަލްސާއެއް" ކަމަށެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދެވީ ވެސް ސައިފޮދު ހިއްޕަވަމުންނެވެ. މި ސައިފޮދު ފެށީ ރޭގަނޑު 9:00 ގައި ހުރިހާ ބޭފުޅުން ގޮނޑިކޮޅުތަކުގައި ހަމަޖެހިވަޑައިގަތުމާ އެކު ޖެއްސެވި ރަނގަބީލަކާ އެކުގަ އެވެ.

ޖަލްސާގެ ތަފްސީލް ދެމުން، ސައިފޮދަށް ހުރި ކާބޯތަކެތި ވެސް ލިސްޓުކޮށްފައިވެ އެވެ.

● ކޮންމެ މީހަކަށް ކިރު ސައިތައްޓެއް

● ކޮންމެ މީހަކަށް މަސްފަތަފޮޅިއެއް

● ކޮންމެ މީހަކަށް ކޭކުކޮޅެއް

● ކޮންމެ މީހަކަށް ވަޓަލައްޕަން ތައްޓެއް

● ކޮންމެ މީހަކަށް ދަޅެއްގެ ހަތަރު ބައިކުޅަ އެއް ބައި އަލަނާސި

● ކޮންމެ މީހަކަށް ކްރީމްކްރޭކަރު 2 ބިސްކޯދު

މި ތަކެތި ތައްޔާރުކުރީ 100 މީހުންނަށް ވާވަރަށް ހިލިހިލާގޭ މޫސާ ދީދީގެ ހަވާލުގަ އެވެ.

ސައިފޮދުގައި، އެލިޒަބަތާއި ފިލްޕްގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ އަލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ޝައިޚް އަބްދުﷲ ފަހުމީ ދީދީ އާއި އަހްމަދު ކާމިލް ދީދީ އާއި މުހައްމަދު އިސްމާއިލް ދީދީ އާއި އިބްރާހިމް ޝިހާބެވެ. ޖަލްސާ ނިންމާލީ އައިމިނަތު ފާއިޒާ ހެއްދެވި ޅެމެއް، ކުޑަ މުހައްމަދު ފުޅުގެ އަޑުން އިއްވާލަމުންނެވެ.

ސައިފޮދުގެ ވަގުތުގައި އެތަނަށް ދިޔަ ހެންވޭރު މީހުންނާއި މާފަންނު މީހުން ޅެން ކިޔައި، އުފަލުގައި ބައިވެރިވި އެވެ. މި މީހުންނަކީ އަވަށު މީހުން ދިދަ ވިއްކުމަށް އެ ޖަލްސާއަށް ދިޔަ ބައެކެވެ.

ޗާލްސް އުފަންވުމުގެ އުފަލުގައި ދިދަ ނެގުން

ރާނީ އެލިޒަބަތުގެ ފުރަތަމަ ދަރިކަލުން އަދި އެކަމަނާ އަވަހާރަވުމުން އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންފައިވާ ޗާލްސް އަދި މިހާރުގެ ރަސްމީ ލަގަބުން ނަމަ "ރަސްގެފާނު ޗާލްސް 3" އުފަންވެވަޑައިގަތީ ނޮވެމްބަރު 14، 1948 ގަ އެވެ. އޭރު އެލިޒަބަތުގެ އުމުރުފުޅުން 22 އަހަރެވެ.

ރާނީ އެލިޒަބަތާއި ފިރިކަލުން ފިލިޕް އަލަތު ދަރިފުޅު ޗާލްސްއާ އެކު

ރާނީ އެލިޒަބަތާއި ފިރިކަލުން ފިލިޕް އަލަތު ދަރިފުޅު ޗާލްސްއާ އެކު

ރާއްޖޭގެ ތާރީހު ފޮތްތަކުގައި ލިޔެފައިވާ ގޮތުން ނަމަ އެލިޒަބަތަށް ފުރަތަމަ ދަރިކަލުން ލިބިވަޑައިގަތްކަން ރޭޑިއޯ އިން އިއުލާނުކޮށްފައި އޮތީ ރާނީއަށް ދަރިކަލުން ލިބިވަޑައިގެންތާ ތިން ދުވަސް ފަހުންނެވެ. އެއީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭގަނޑު އެވެ. ލިބިވަޑައިގަތީ ފިރިހެން ބޭފުޅެއް ކަމަށާއި މިކަމުގެ އުފަލުގައި މާލޭގެ ހާއްސަ ތަންތަނުގައި ދިދަ ނެގުމަށް ނިންމައި އެގޮތަށް އަމަލުކޮށްފައިވެ އެވެ.

ރާނީ އެލިޒަބަތާއި ދަރިކަލުން ޗާލްސް

ރާނީ އެލިޒަބަތާއި ދަރިކަލުން ޗާލްސް

ބޮޑު ކޯއްޓޭ، އާ ކޯއްޓޭ، ހަތަރު އަަވަށު މައިޒާން ދޮށުގައި، މުލީއާގެ، ކަސްޓަމްސްގެ ދެ ކޮޅުގައި، ސިފައިންގޭގައި އަދި އަތިރީގޭގައި ވެސް ދިދަ ނަގާފައި ހުރި ކަމަށް ލިޔެފައިވެ އެވެ. އަދި "ސަރުކާރުގެ ނައުޒޯރު ފަހަރުގައި" ވެސް ދިދަ ނަގައި ރާނީއަށް ދަރިކަލަކު ލިބިވަޑައިގެން ކަމުގެ ޚަބަރު ރައްޔިތުންނަށް ދިނުމަށް ހަތަރު އަވަށުގެ މައިޒާންގޭގައި އެކަން އަންގައި އިއުލާނު ބެހެއްޓި އެވެ.