Roadha Mihaaru
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭކަށް ނުވިސްނާ

މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަދޭކަށް ނުވިސްނަން: ފިޝަރީޒް މިނިސްޓްރީ

20 އެޕްރީލް 2021

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާދަޔާ ހިލާފަށް މިޔަރު އުޅޭކަން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ދިރާސާތަކުން ފާހަގަ ނުކުރެވޭ ކަމަށާއި އެއްވެސް ހާލެއްގައި މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަދޭން ނުވިސްނާ ކަމަށް ފިޝަރީސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާދަޔާ ހިލާފަށް މިޔަރު އުޅޭކަން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުގެ ދިރާސާތަކުން ފާހަގަ ނުކުރެވޭ ކަމަށާއި އެއްވެސް ހާލެއްގައި މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަދޭން ނުވިސްނާ ކަމަށް ފިޝަރީސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މިނިސްޓަރު ޒަހާ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.

މިކަން ސާފުކޮށްދިނުމަށް ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިކަމުގެ ގަވައިދަށް ބަދަލު ގެންނަން ނިންމާފައިވަނީ ލޯ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ލޯންގް ލައިނަށް ހުއްދަ ދިނުމަށް ކަމަށެވެ. އެކަމުގައި އެއްވެސް ވަރަކަށް މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ނުވިސްނާ ކަމަށް ބަޔާނުގައި ވެ އެވެ.

މަސްވެރިންނަށް އުނދަގޫވާ ވަރަށް ފަހަަކަށް އައިސް މިޔަރު އުޅޭ ކަމަށް ބުނެ ގިނަ ބަޔަކުު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މިކަމުގައި މޯލްޑިވްސް މެރިން ރިސާޗު ސެންޓަރުން ހާއްސަ ދިރާސާއެއް ވަނީ ކޮށްފަ އެވެ. މި ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރި ހިސާބުން މިވީ 10 އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް އިތުރުވެފައިިވާކަން އެނގޭކަށް ނެތެވެ.

ދިރާސާއާ ހަވާލާދީ ފިޝަރީޒް މިނިސްޓްރީން ބުނީ، މިޔަރު ހަމަލާ ދޭވަރު ކޮންމެވެސް ވަރަކަށް އިތުރުވެފައި ވަނީ އެ ތަކެއްޗަށް ކާން ދިނުން އެކި އެކި ސަރަހައްދުގައި އިތުރުވެފައިވާތީ ކަމަށެވެ. މިފަދަ އެއްވެސް ކަމަކީ އެ މިނިސްޓްރީން ހުއްދަދޭ ކަންކަން ނޫން ކަމަށް ބުންޏެވެ.

މިޔަރާ އެކު ފޮޓޯ ނަގާއި ސްނޯކުލް ކުރަން ގޮސް އެ އަށް ކާން ދިނުމުގެ ހަރަކާތްތައް ހިންގުމަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ސަމާލުކަން ލިބިފައިވާ ކަންކަމެވެ. މިގޮތަށް ޓޫރިސްޓުން ގޮސް އުޅުމުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މިފަދަ ކަންކަން ކުރުމަށް ގެސްޓް ހައުސްތަކާއި ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނަށް އަންގައިފަ އެވެ.

ފިޝަރީސް މިނިސްޓްރީން ބުނިގޮތުގައި، މިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަދޭނެ ކަމަށް ފެތުރޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫނެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރިއަރުވަން ކަމަށާއި އެގޮތަށް ބަލާ އިރު މިޔަރުގެ މަސްވެރިކަމުގެ ސަބަބުން މުޅި ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް ނޭދެވޭ ބަދަލުތަކެއް އައިސްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އިން 2010 ވަނަ އަހަރާ ހަމައަށް މިޔަރުގެ މަސްވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކޮށްފައިވެ އެވެ. އެގޮތުން 200 އަށް ވުރެ ގިނަ މިޔަރުގެ މަސްވެރިކަން ކުރާ ފަރާތްތައް އޭރު އުޅުނެވެ. އަދި މިޔަރުގެ މަސްވެރިކަން މަނާ ކުރުމަށް ފަހު އެ ފަރާތްތަކަށް ސަރުކާރުން އޭރު ބަދަލު ވެސް ދިނެވެ. ރާއްޖެއަކީ މިޔަރުގެ މަސްވެރިކަން އިންޑިޔާގެ ކަނޑުގެ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ މަނާކުރި ގައުމެވެ.