Roadha Mihaaru
މާސްގައި ހެލިކޮޕްޓަރު ދުއްވައި ތާރީޚުގެ ތެރެއަށް

ފުރަތަމަ ފަހަރަށް އެހެން ޕްލެނެޓެއްގައި ހެލިކޮޕްޓަރު ދުއްވައިފި

19 އެޕްރީލް 2021

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން މާސް އަށް ފޮނުވި ޕާސަވިއަރެންސާ އެކު ގެންދިޔަ ހެލިކޮޕްޓަރު މިއަދު މާސްގައި އުދުއްސައި، އެހެން ޕްލެނެޓެއްގައި މިހާތަނަށް ކުރި ފުރަތަމަ ދަތުރުގެ ޝަރަފު ހޯދައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން މާސް އަށް ފޮނުވި ޕާސަވިއަރެންސާ އެކު ގެންދިޔަ ހެލިކޮޕްޓަރު މިއަދު މާސްގައި އުދުއްސައި، އެހެން ޕްލެނެޓެއްގައި މިހާތަނަށް ކުރި ފުރަތަމަ ދަތުރުގެ ޝަރަފު ހޯދައިފި އެވެ.

މާސްގައި ހެލިކޮޕްޓަރު އުދުއްސަން ޕްލޭންކުރި ދުވަހަށް ވުރެ ފަހުން މިއަދު އެކަން ކޮށް ކާމިޔާބުކުރީ އެ ހެލިކޮޕްޓަރުގެ މަސައްކަތް ބަރާބަރަށް ކުރޭތޯ ބެލުމަށް އެތައް ޓެސްޓެއްކޮށް އަދި އޭގެ ސޮފްޓްވެއާ އަޕްޑޭޓެއް ވެސް ކުރުމަށް ފަހުގަ އެވެ. މިދިޔަ ފެބްރުއަރީ 18 ގައި މާސް އަށް ޖެއްސި ޕާސަވިއަރެންސްގެ ކާމިޔާބީ ކަށަވަރުވެފައި ވިޔަސް ހެލިކޮޕްޓަރު ދުއްވޭނެކަން ކަށަވަރުކުރަން އެތައް ކަމެއް ކުރަން ޖެހުނެވެ.

ޕާސަވިއަރެންސްގެ އެތެރޭގައި ރައްކާކޮށްފައި އޮތް ހެލިކޮޕްޓަރު ނެރެ މާސްގެ އުނދަގޫ މާހައުލަށް ދޫކޮށްލިތާ ދުވަސްތަކެއް ފަހުން ކުރި މި ދަތުރު ކާމިޔާބުމާ އެކު މާސްގެ މިޝަން ކޮންޓްރޯލް ތެރޭގައި ވަނީ އުފާ ފާޅުކޮށްފަ އެވެ. ނާސާ އިން ދެއްކި ވީޑިއޯ އިން ފެންނަ ގޮތުގައި ކުޑަކުޑަ ހެލިކޮޕްޓަރު އޭގެ ފިޔަގަނޑު އަނބުރާލުމަށް ފަހު މައްޗަށް އަރައި އިރުކޮޅެއް ވަންދެން އޮތުމަށް ފަހު އެނބުރި މާސްގެ ބިމަށް ޖައްސަނީ ފަސޭހަކާ އެކުގަ އެވެ.

އިންޖެނުއިޓީގެ ނަމުން ނަން ދީފައިވާ ހެލިކޮޕްޓަރަށް ފުރަތަމަ ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް ސާޅީހަކަށް ސިކުންތުގެ ދަތުރެއް ކުރުމެވެ. ކިލޯއަކަށް ވުރެ ބަރު ހެލިކޮޕްޓަރު އޭގެ ހަތަރު ފޫޓް ދިގު ފިޔަގަނޑުތަކާ އެކު 10 ފޫޓް މައްޗަށް އަރަން ނިންމާފައިވާ ދަތުރު ވަނީ ކާމިޔާބުކޮށްފަ އެވެ. މި ވަގުތުކޮޅުގެ ތެރޭގައި އެއިން ކުރާނެ ކަމަކީ ފޮޓޯއެއް ނެގުމެވެ.

ދަތުރު ކާމިޔާބު ނަމަ ނާސާ އިން ނިންމާފައިވަނީ ކުރިއަށް އޮތް ހަފުތާތަކުގައި އަދި މަދުވެގެން ހަތަރު ފަހަރު ހެލިކޮޕްޓަރު އުދުއްސާށެވެ.

މާސް އާއި ދުނިޔެއާ ދެމެދު ރޭޑިއޯ ސިގްނަލް ދަތުރުކުރަން 15 މިނެޓާއި 27 ސިކުންތު ހޭދަވެ އެވެ. މިއީ 278.4 މިލިއަން ކިލޯމީޓަރުގެ ރާސްތާއެކެވެ.

ހެލިކޮޕްޓަރު ގެންދިޔަ ޕާސަވިއަރެންސުން އަންނަނީ މާސްގެ ބިން ތޮރުފައި ހިލަ ނަގައި އެކި ދިރާސާތަކަށް ސާމްޕަލް ނަގަމުންނެވެ. އަދި މާސްގެ ހިތްގައިމު އެތައް ފޮޓޯއަކާއި ވީޑިއޯއެއް ވަނީ ބިމަށް ފޮނުވައިފަ އެވެ.