Roadha Mihaaru
އިންތިހާބުގައި ވޯޓު ލީ 67 ޕަސެންޓް މީހުން

އިންތިހާބުގައި ވޯޓު ލީ 67 ޕަސެންޓް މީހުން

11 އެޕްރީލް 2021

އިއްޔެ ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ 67 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ 67 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ ވަގުތީ ނަތީޖާ ދައްކާ ގޮތުން 67 ޕަސެންޓް މީހުން ވޯޓު ލާފައިވާ ކަމަށެވެ. މިއީ، އީސީން އަންދާޒާކުރި ހިސާބަށް ވުރެ ބޮޑު ތަފާތެކެވެ. މި އިންތިހާބުގައި މުޅި ރާއްޖޭގައި ވޯޓު ލައިފައި ވަނީ 182،995 މީހުންނެވެ.

އިންތިޚާބުގެ ކަންކަމުގައި އީސީ އަށް ލަފާ ދޭ ގައުމީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ، އިއްޔެގެ ހެނދުނު 10:45 އާ ހަމައަށް ވޯޓުލީ 17 ޕަސެންޓު މީހުންނަށް ވުމުން، މުޅި އިންތިހާބުގައި ވޯޓު ލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓް މީހުން ކަމަށެވެ.

އެކަމަކު ރާއްޖޭގެ އާއްމު ހާލަތަކީ ހެނދުނަށް ވުރެ ހަވީރު ވޯޓު ލާން ނުކުންނަ މީހުން ގިނަވުމެވެ. އެހެންވެ، އެ އަށްވުރެ ވެސް އިތުރަށް ވޯޓުލުމުގެ އޮތް ކަމަށް ޝަރީފް ވިދާޅުވި އެވެ.

މި އިންތިހާބުގައި 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި 2،234 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީގައި 1،580 މީހުންނެވެ. އެ ކެންޑިޑޭޓުންނަށް ވޯޓުލުމުގެ ޝަރުތު 273،128 މީހުންނަށް ލިބިފައި ވެ އެވެ.