Roadha Mihaaru
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ސުޕްރީމްކޯޓުން ބާތިލްކޮށްފި

ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފި

30 މާޗް 2021

ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓްގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން މޫސާގެ ކެންޑިޑެސީ ބަލައިގެންފައި ވަނިކޮށް ހުކުމާ އެއްގޮތަށް، ސާބިތު ހަރަދު ނުދައްކާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ އަމިއްލައަށް ބާތިލްކުރި އެވެ. އެގޮތަށް ނިންމުމުން އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބަކާ ނުލައި ހޮވިފައި ވަނިކޮށް ސުޕްރީމް ކޯޓުން ކުރިން ވަނީ ކޮމިޝަންގެ އެ ނިންމުން ބާތިލްކޮޮށްފަ އެވެ. އަދި ކެންޑިޑެސީ ބަލައިގަތުމަށް ފަހު ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށް އެ ކޯޓުން ހުކުމްކުރި އެވެ.

އެހެންވެ، ހަސަން މޫސާގެ ކެންޑިޑެސީ ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހަސަންގެ ކެންޑިޑެސީ ފޯމް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،000ރ. އަށް ވުރެ ގިނަ ރުފިޔާ ނުދައްކާފައި ހުރި ކަމަށެވެ. އަދި އެ ފައިސާ އޭނާ ދައްކާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާ ސާބިތު ދަރަނީގެ ތެރޭގައި ސާބިތު ހަރަދު ނުހިމެނޭ ކަމަށް ހަސަންގެ ފަރާތުން ބުންޏަސް، ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގައި ސާބިތު ހަރަދު ނުދެއްކުމަކީ ސާބިތު ދަރަނި ނުދެއްކުން ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ނަން ތަފާތު ވިޔަސް، ކޯޓުގެ ހުކުމަކުން ދައްކަންޖެހޭ ފައިސާއެއް ނުދެއްކުމަކީ ސާބިތު ދަރަނި ނުދެއްކުން ކަމަށް ބަލަންޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމުގައިވަނީ ހަސަން މޫސާގެ ކެންޑިޑެސީ ފޯމް ހުށަހެޅިއިރު އޭނާއަކީ ކައުންސިލް އިންތިހާބުގެ ގާނޫނުގައި ބުނާ ކައުންސިލް މެމްބަރު ކަމުގެ ޝަރުތު ހަމަނުވާ މީހަކަށް ވާތީ އޭނާގެ ކެންޑިޑެސީ ބާތިލް ކުރީ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު، އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އިންތިހާބަކާ ނުލައި ހޮވުނީ އެވެ.