Roadha Mihaaru
ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ބަލައިގަންނަން އަމުރުކޮށްފި

ޕީޕީއެމް މީހެއްގެ ކެންޑިޑެސީ އީސީން ބާތިލްކުރީ ގާނޫނާ ޚިލާފަށް: ސުޕްރީމް ކޯޓު

23 ފެބުރުއަރީ 2021

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބާތިލްކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ އެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމުން އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާ ނުލައި ހޮވުނު ކަމަށް އޮތީ އިއުލާންކޮށްފަ އެވެ.

އެ މައްސަލަ ހަސަން މޫސާގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށެވެ. އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އެ ކޮމިޝަނަށް ފަހުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ. އަދި ހަސަންގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމަން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައި ނުވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި، ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަންގެ ކެންޑިޑެސީ ބާތިލްކޮށް، އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އެންގީ ގާނޫނާ ޚިލާފަށް އެންގުން ބާތިލްކުރާ ކަމަށެވެ. އަދި އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓުން ނުނިންމާހާ ހިނދަކު، ކެންޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނި ނުކުރަން އިލެކްޝަންސް ކޮމިޝަނަށް އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.