Roadha Mihaaru
އިންތިޚާބާގުޅޭ ހަ މައްސަލައެއް ހައި ކޯޓުން ބަލައިގެންފި

ކައުންސިލް އިންތިޚާބާ ގުޅޭ ހަ މައްސަލައެއް ހައި ކޯޓުން ބަލައިގެންފި

09 މެއި 2021

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ހަ މައްސަލައެއް ހައި ކޯޓުން ބަލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ހަ މައްސަލައެއް ހައި ކޯޓުން ބަލައިގެންފި އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ވަނީ ރާއްޖޭގައި ބާއްވައިފަ އެވެ. އެ އިންތިޚާބާ ބެހޭގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހައި ކޯޓަށް ހުށަހެޅުމުގެ މުއްދަތު ރޭ ވަނީ ހަމަވެފަ އެވެ.

ހައި ކޯޓުން ބުނީ އިންތިޚާބާ ބެހޭ ޝަކުވާގެ މައްސަލަ ހުށަހެޅުމުގެ މުއްދަތު ރޭ ހަމަވިއިރު، 15 މައްސަލައެއް އެ ކޯޓަށް ހުށަހެޅި ކަމަށެވެ. އޭގެ ތެރެއިން ހަ މައްސަލައެއް ބަލައިގެންފައިވާ ކަމަށާއި އަދި ބަލައިނުގަތުމަށް ނިންމި ބައެއް މައްސަލަތައް މުރާޖާ ކުރަން އެ ކޯޓަށް އަނެއްކާވެސް ހުށަހަޅާފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ. ނަމަވެސް އެއީ ކޮން ދާއިރާތަކާ ގުޅޭ މައްސަލަތަކެއް ކަމެއް އެ ކޯޓުން އަދި ހާމައެއް ނުކުރެ އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ހައި ކޯޓުންނެވެ. އެ ބާވަތުގެ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަން ޖެހޭއިރު އަދި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ވެސް އެ ޤާނޫނު ލާޒިމް ކުރެ އެވެ.

ކައުންސިލް އިންތިޚާބު ބޭއްވީ ކޮވިޑް-19 އާ ގުޅިގެން އެއް އަހަރަށް އިންތިޚާބު ފަސްކުރުމަށް ފަހު އެވެ. އެ އިންތިޚާބުގައި މިފަހަރު ބޮޑެތިި ދާއިރާތައް ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމުންނެވެ. އެގޮތުން މާލޭ ސިޓީގެ މޭޔަރު ކަމާއި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ޕީޕީއެމުން ނެގިއިރު، އައްޑޫ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު ވެސް އެމްޑީޕީއަށް މިފަހަރު ވަނީ ގެއްލިފަ އެވެ.