26 ޖެނުއަރީ 2021
ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިމަތިލާން އަލުން ހުޅުވާލަން ނުޖެހޭ ކަމަށާއި އަލުން ހުޅުވާލާ ނަމަ އިންތިޚާބު އިތުރަށް ލަސްވާނެ ކަމަށް ދައުލަތާއި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިމަތިލާން އަލުން ހުޅުވާލަން ނުޖެހޭ ކަމަށާއި އަލުން ހުޅުވާލާ ނަމަ އިންތިޚާބު އިތުރަށް ލަސްވާނެ ކަމަށް ދައުލަތާއި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން ފަސް ކުރުމަށް ފަހު ހެދި ޚާއްސަ ގާނޫނުގެ ތިން ވަނަ މާއްދާ ބުނާގޮތުން އިންތިޚާބު އެއް އަހަރަށް ފަސް ކުރިޔަސް، ކުރިން ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނޫން ބަޔަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ގާނޫނުގެ އެ މާއްދާ ބާތިލް ކުރަން ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމްގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިއަދު ހައި ކޯޓުގައި ހިނގަމުން ދިޔަ ވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ބާއްވަން ނިންމައިފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިންތިޚާބު ފަސްކުރީ ކޮވިޑް-19 ގެ ސަބަބުން އިންތިޚާބު ބާއްވާނެ މާހައުލެއް ނެތުމުން ކަމަށާއި އިންތިިޚާބު ފަސް ކުރިއިރު ނުނިމި އޮތީ ވޯޓުލުމުގެ މަރުހަލާ ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ކޮވިޑް-19 އާ ގުޅިގެން އިންތިޚާބުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ މުއްދަތު ހަމަވުމުގެ ކުރިން ކަމަށާއި އެކަމަކު ރާއްޖޭގައި އެ މަރުހަލާތައް އެއްކޮށް، ނިމި އަދި ބައެއް ގޮނޑިތަކަށް އޮޓަމެޓިކުން މެމްބަރުން އިންތިޚާބު ވެސް ވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އިންތިޚާބަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ނަމަ، އިންތިޚާބު އިތުރަށް ލަސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި އަލުން ކުރިމަތިލާން ހުޅުވާލަން ނުޖެހޭ ގޮތަށް ގާނޫނުގައި ހިމަނާފައިވަނީ ގާނޫނު އަސާސީއާ އެއްގޮތަށް މަޖިލީހުން ފާސްކުރި ގާނޫނަކުން އަސާސީ ހައްގެއް ހިފެހެއްޓިދާނެ މިންވަރަށް ރިއާޔަތްކޮށް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި މީގެ ކުރިން އެކިފަހަރު މަތިން ކައުންސިލް އިންތިޚާބު ފަސްކުރި ހާލަތްތަކުގައި އަލުން ކުރިމަތިލާން ހުޅުވާލިޔަސް، މިފަހަރުގެ އިންތިޚާބު ތަފާތެވެ. އެއީ އެންމެ ފަހުން ފަސްކުރި ކައުންސިލް އިންތިޚާބު 2017 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ފަސް ކުރީ އިންތިޚާބު އެންމެ ފުރަތަމަ މަރުހަލާގައި އޮއްވާ ކަމަށާއި އެކަމަކު މިފަހަރުގެ އިންތިޚާބު ފަސްކުރަން ޖެހުނީ ވަރަށް ގިނަ ތައްޔާރީތައް ނިމިފައި ވަނިކޮށް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެހެން ގައުމުތަކުގައި ކޮވިޑް-19 އާ ގުޅިގެން ފަސްކުރި އިންތިޚާބުތައް އަވަހަށް ބޭއްވުނީ އެ ގައުމުތަކުގައި އިލެކްޓްރޯނިކް ވޯޓިން އާއި ޕޯސްޓަލް ވޯޓިން ފަދަ ނިޒާމުތައް އޮތުމުންނެވެ. ރާއްޖޭގައި އެފަދަ ނިޒާމުތަކެއް ނެތުމުން ރަށްރަށަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ގެންދަން ވެސް ދަތިވާ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވެސް ވިދާޅުވީ އެ ކޮމިޝަންގެ ސްޓޭންޑަކީ ދައުލަތުގެ ވެސް ސްޓޭންޑް ކަމަށެވެ. އަދި އަލުން ކުރިމަތިލާން ހުޅުވާލައިފި ނަމަ، ކައުންސިލް އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެ ކަމަށް ނޫރު ވިދާޅުވި އެވެ.
ގާނޫނުގެ ބޭނުމަކީ އެއް އަހަރަށް އިންތިޚާބު ފަސް ކުރުން ކަމަށާއި އެހެންވެ، ގާނޫނުގެ ތިން ވަނަ މާއްދާ ހައި ކޯޓުން ބާތިލް ކުރިޔަސް، އިންތިޚާބު އަލުން ހުޅުވާލަން އަމުރު ކުރުމުގެ ބާރު ކޯޓަށް އޮންނާނީ ކިހިނެތްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ އެ މާއްދާ ބާތިލް ކުރިޔަސް، އިތުރު އަމުރެއް ހައި ކޯޓުން ނުނެރޭހާ ހިނދަކު އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް އަލުން ހުޅުވައެއް ނުލާނެ އެވެ. ސަބަބަކީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި އޮތުމުން ގާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫރު ވިދާޅުވީ އަލުން ކުރިމަތިލާން ހުޅުވާ ނުލާތީ އިންތިޚާބަށް ކުރިމަތިލުމުގެ ހައްގު އަލަށް 18 އަހަރު ފުރޭ މީހުންނަށް ގެއްލޭ ކަމަށް އެ މައްސަލާގައި ބުންޏަސް، މިފަހަރުގެ އިންތިޚާބުގައި 18 އަހަރުގެ މީހަކު ކުރިމަތިލައިފައެއް ނުވެ އެވެ. އަދި ކުރީގެ ކައުންސިލްގެ އިންތިޚާބުތަކުގައި ވެސް 18 އަހަރުގެ މީހުން ކުރިމަތިލަނީ ވަރަށް މަދުން ކަމަށާއި އެހެންވެ، އަސާސީ ހައްގެއް ގެއްލެން އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އިންތިޚާބާގުޅޭ ހަ މައްސަލައެއް ހައި ކޯޓުން ބަލައިގެންފި
އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުގެ ޝަރީއަތް ފަށައިފި
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު
ކޮނޑޭ ކައުންސިލްގެ ރައީސް ހުވާކުރުން ހުއްޓުވައިފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ ބޭރުކޮށްލައިފި
އިންތިޚާބަށް އަލުން ހުޅުވާލުމުގެ މައްސަލަ:ހުކުމް މާދަމާ
އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތަށް އެދި ކޯޓަށް
އިންތިޚާބުގެ މައްސަލަ ސުޕްރީމް ކޯޓުން ނަގައި މަޖިލީހަށް
އިންތިޚާބު ފަސް،ކުރާ މައްސަލަ ސުޕްރީމް ކޯޓަށް
އިންތިޚާބާ މެދު އީސީން މާދަމާ ގޮތް ނިންމަނީ