Roadha Mihaaru
އިންތިހާބުގައި ވާދަކުރަން އިތުރު ފުރުސަތަށް އެދި ކޯޓަށް

ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ އިތުރު ފުރުސަތެއް ހުޅުވާލުމަށް އަމުރުކޮށްދިނުމަށް އެދި ހައި ކޯޓަށް

27 ޑިސެމްބަރ 2020

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ހުޅުވާލުމަށް އަމުރުކޮށްދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އިތުރު ފުރުސަތެއް ހުޅުވާލުމަށް އަމުރުކޮށްދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އެކަމަކު އަދި އަޑުއެހުންތަކެއް ނުފަށަ އެވެ.

މި މަހުގެ 15 ގައި މި މައްސަލަ ހުށަހެޅީ މުހައްމަދު ތަސްލީމް ކިޔާ މީހެކެވެ. ދުސްތޫރީ މި މައްސަލައިގައި އެދިފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދިނުމުގެ އިތުރުން ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. ބާތިލްކޮށްދިނުމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރިއަސް އެ އިންތިޚާބުގައި ވާދަކުރާނީ މާޗު 6، 2020 ގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ކެންޑިޑޭޓުންނެވެ. އެކަމަކު އިންތިޚާބުން ނަން ނެގުމުގެ ފުރުސަތު ދީފައި ވެ އެވެ.

އީސީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލް އިންތިޚާބުން މިހާތަނަށް 114 ކެންޑިޑޭޓުން ނަން ނަގާފައިވެ އެވެ.

ތަސްލީމް ބުނީ އޭނާ ހުށަހެޅި މައްސަލައިގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ތައާރުޒުވާ އަދި އެ ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ ކަމަކާ ހިލާފު އަކުރެއް ކަމަށް ކަނޑައަޅައިދޭން އެދިފައިވާނެ ކަމަށެވެ. އެއާއެކު، އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ މީހުންނަށް އިތުރު ފުރުސަތެއް ހުޅުވާލުމަށް ދިވެހި ދައުލަތަށާއި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.

ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަން ޖެހެ އެވެ. އަދި އިންތިހާބު ބޭއްވޭނީ ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިހާބު ކުރިޔަށް ގެންދިޔުމަކީ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.