Roadha Mihaaru
މާބައިދޫ ކައުންސިލް އިންތިހާބު މައްސަލަ ކާމިޔާބެއްނުވި

މާބައިދޫ ކައުންސިލް އިންތިހާބުގެ މައްސަލަ ހައި ކޯޓުން ކާމިޔާބެއްނުވި

23 މެއި 2021

ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ އިންތިހާބުގައި ދެ ވޯޓު ފޮށްޓެއްގެ ނަތީޖާ ބާތިލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ އިންތިހާބުގައި ދެ ވޯޓު ފޮށްޓެއްގެ ނަތީޖާ ބާތިލު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާބައިދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އިބްރާހިމް ވިސާމެވެ. އޭނާ އިންތިހާބުވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން އާދިލްއާ ވާދަކޮށް، އެއް ވޯޓުގެ ތަފާތުންނެވެ.

އެ މައްސަލަ އާދިލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ ދެ ވޯޓު ފޮށްޓެއްގެ ނަތީޖާ ބާތިލްކުރުމަށެވެ. ނަމަވެސް މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ކުރި ހުކުމުގައިވަނީ މާބައިދޫ ކައުންސިލްގެ އިންތިހާބުގައި ދެ ފޮށީގެ ނަތީޖާ ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން އިންތިހާބީ ހަތް މައްސަލައެއް ހައި ކޯޓަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ކާމިޔާބުވީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މައްސަލަ އެކަންޏެވެ.

ބާކީ މައްސަލަތައް ނިމުނީ އިންތިހާބު އަލުން ބާއްވަން ނުޖެހޭ ކަމަށް އަދި ވޯޓު އަލުން ގުނަން ނުޖެހޭ ކަމަށް ނިންމުމަށް ފަހު އެވެ. އިންތިހާބާބެހޭ އާންމު ގާނޫނު ބުނާގޮތުން އިންތިހާބާ ގުޅޭ މައްސަލަތައް ފުރަތަމަ މަރުހަލާ އިން ބަލާނީ ހައި ކޯޓުންނެވެ.