Roadha Mihaaru
އަންހެނުންނަށް ގޮނޑި ޚާއްސަކުރުން ކޯޓުން ދަމަހައްޓައިފި

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރީ ރަނގަޅަށް: ހައި ކޯޓުން

24 ޖެނުއަރީ 2021

ލޯކަލް ކައުންސިލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ޚިލާފް ނޫން ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ޚިލާފް ނޫން ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިި އެވެ.

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ލާ މަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހު ގާނޫނުއަސާސީއާ ޚިލާފް ކަމަށް ބުނެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. މޫސާ އަންވަރު ބުނެފައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި ވަކި ގޮނޑިތަކެއް އަންހެނުންނަށް ޚާއްސަ ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ އިންތިޚާބީ ހައްގު ގެއްލޭނެ ކަމެއް ކަމަށެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމެއް ނެތި އެ ބަދަލު ނުގެނެވޭނެ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެ މައްސަލާގެ ހުކުމް އިއްވަން މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، އާންމު ގާނޫނަކުން އަސާސީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށް މޫސާ އަންވަރު ބުނެފައިވާ ބުނުމުން ބިނާކުރާ ހަމައެއް ނުދެއްކޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އަސާސީ ހައްގެއް ހަނި ކުރެވިދާނެ ކަމަށް ގާނޫނުއަސާސީގެެ 16 ވަނަ މާއްދާގައި ބުނެފައިވާތީ ކޮންމެ އަސާސީ ހައްގެއް ހަނިކުރަން ގާނޫނުއަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މިއީ ސައްހަ އިޖުރައާތުތަކެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މާއްދާތަކެއް ކަން އެނގޭ،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

މިނިވަން ޑިމޮކްރެޓިކް މުޖްތަމައުއެއްގައި ހައްގެއް ހަނިކުރާ މިންވަރަކަށް އަސާސީ ހައްގެއް ހަނި ކުރެވިދާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޖިންސުގެ މެދުގައި ތަފާތުކުރާ ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް ކޮންމެ ހާލަތެއްގައި ނުބެލެވޭނެ ކަމަށެވެ. އަދި ޚާއްސަ ރައްކާތެރިކަން ދިނުމަކީ ތަފާތު ކުރުމަކަށް ނުވާނެ ކަމަށާއި އަންހެނުންނަށް ގޮނޑިތައް ޚާއްސަކުރީ ބުއްދީގެ ހަމައިން ގަބޫލު ކުރެވޭ ފަދަ ގޮތަކަށް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

"33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރުމަކީ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމުގައި އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ މަގްސަދުގައި އެޅި ފިޔަވަޅެކެވެ." ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ހަމަހަމަ ކަމާއި ތަފާތު ނުކުރުމުގެ ހައްގާ ޚިލާފް ގާނޫނެއް ކަމަށް ބަލަން ވާނީ އެއް ހަމައެއްގައި ތިބި ފަރާތެއްގެ މެދުގައި ތަފާތު ކުރުމުންނެވެ. އަދި ތަފާތު ކުރުމެއް ގެންނަނީ ބުއްދީގެ ހަމައިން އަދި ގިންތީގެ ހަމަހަމަ ކަމެއް ގެނައުމަށްޓަކައި ކަމަށް ވާ ނަމަ އެއީ ސައްހަ ތަފާތު ކުރުމަކަށް ވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ގިންތީގެ ހަމަހަމަ ކަމެއް ގެނައުމަށްޓަކައި ސަރަހައްދީ ގޮތުންނާއި އުމުރުގެ ގޮތުންނާއި ޖިންސުގެ ގޮތުން އެކަށީގެންވާ ތަފާތު ކުރުމެއް ގާނޫނަކުން ގެނެވިދާނެ ކަމަށް ބޭރު ގައުމުތަކުގެ ކޯޓުތަކުން ވެސް ނިންމާފައިވާ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

"ގާނޫނުން ހާސިލްކުރަން އެދޭ މަގްސަދާއި އެ ތަފާތު ކުރުން ބުއްދީގެ ހަމައިން ގުޅުވާލެވޭ ނަމަ، އެ ތަފާތު ކުރުން ގާނޫނީ ގޮތުން ރަނގަޅު." ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

އެހެންވެ، އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އަދި އެ އިސްލާހުގެ ދަށުން އަންހެނުންނަށް ޚާއްސަކުރި ގޮނޑިތައް ކަނޑައެޅި ގަވާއިދު ސައްހަ ކަމަށް ކަނޑައެޅީ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ފަނޑިޔާރު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.