Roadha Mihaaru
ރައީސާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވައިފި

ރައީސް އަރިހަށް ޗައިނާގެ ސަފީރު ވަދާއީ ޒިޔާރަތް ކުރައްވައިފި

07 އެޕްރީލް 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، ސަފީރުގެ ދައުރުގައި ރާއްޖެ އަށް ދެއްވި އެއްބާރުލުމަށާއި އެހީތެރިކަމައް ޝުކުރުއަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ދިމާވި ހާލަތުގައި ޗައިނާ އިން ރާއްޖެއަށް ދިން އެހީތެރިކަމަށް އެ ގައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރެއްވި އެވެ. ވަކިން ހާއްސަކޮށް ޗައިނާ އިން އުފެއްދި ސައިނޮފާމް ވެކްސިންގެ 200،000 ޑޯޒާއި އެހެން ސިއްހީ ސާމާނު ދިނުމުން ވެސް، ޗައިނާ ސަފީރަށް ރައީސް ޝުކުރުއަދާކުރެއްވި އެވެ.

ދެ ގައުމުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި އިޖުތިމާއީ-އިގުތިސާދީ ތަރައްގީގެ މަޝްރޫއުތަކާއި ސިއްހަތު އަދި ވިޔަފާރިއާ ގުޅުން ހުރި މަޝްރޫއުތައް ހިމެނެ އެވެ.

ރާއްޖެ އަށް ޗައިނާ އިން ކަނޑައެޅި ސަފީރުގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ޖަންގް ލިޖޮންގް މި ބައްދަލުވުމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.