Roadha Mihaaru
"ވަކިވެ މި ދަނީ ދިވެހިިންގެ ރީތި ހަނދާންތަކާއެކުގައި"

ޗައިނާ ސަފީރުގެ އަލްވަދާއު: ވަކިވެ މިދަނީ ރީތި ހަނދާންތަކަކާއެކު!

08 އެޕްރީލް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނޮވެމްބަރު 2018 ގައި ބަދަލުވި ފަހުން، އިންޑިއާ އިސްވެ ޗައިނާ އަށް އުކި ހުރިހާ ތީރަކާއި ފާޑުކިޔުންތަކެއް ދިފާއު ކުރެއްވުމުގައި، މިދިޔަ ތިން އަހަރު ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ފަސްޖެހިވަޑައެއް ނުގަންނަވަ އެވެ. އެ ފާޑުތަކަށް ރައްދު ދެއްވުމުގައި މޫނަކަށް ކަނދުރާއަކަށް ނުބައްލަވަ އެވެ. ރާއްޖޭގެ ސިޔާސީ އިސްވެރިންނާ، ސިޔާސީ ހޫނު އެތައް ޒުވާބެއް ކުރެއްވި އެވެ. ބައެއް ދުވަސް ދުވަހު ވަރަށް މާޔޫސްވެ ހުންނަވައިގެން، އަނެއް ދުވަސް ދުވަހު، ވަރަށް ކޯފާވެ ހުންނަވައިގެން، ޓްވިޓާގައި ކަންކަމާ މުހާތަބުކުރެއްވި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނޮވެމްބަރު 2018 ގައި ބަދަލުވި ފަހުން، އިންޑިއާ އިސްވެ ޗައިނާ އަށް އުކި ހުރިހާ ތީރަކާއި ފާޑުކިޔުންތަކެއް ދިފާއު ކުރެއްވުމުގައި، މިދިޔަ ތިން އަހަރު ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ފަސްޖެހިވަޑައެއް ނުގަންނަވަ އެވެ. އެ ފާޑުތަކަށް ރައްދު ދެއްވުމުގައި މޫނަކަށް ކަނދުރާއަކަށް ނުބައްލަވަ އެވެ. ރާއްޖޭގެ ސިޔާސީ އިސްވެރިންނާ، ސިޔާސީ ހޫނު އެތައް ޒުވާބެއް ކުރެއްވި އެވެ. ބައެއް ދުވަސް ދުވަހު ވަރަށް މާޔޫސްވެ ހުންނަވައިގެން، އަނެއް ދުވަސް ދުވަހު، ވަރަށް ކޯފާވެ ހުންނަވައިގެން، ޓްވިޓާގައި ކަންކަމާ މުހާތަބުކުރެއްވި އެވެ.

އެކަމަކު މިއަދު އޭނާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަނީ، ސަފީރުގެ ބަހުން ނަމަ "ދުވަހަކު ވެސް ހަނދާން ނުނެތޭނެ ފަދަ ރީތި ހަނދާންތަކަކާއެކު" އެވެ. ދިވެހިންގެ ހިތްހެޔޮކަމާއި ދިން އެއްބާރުލުން ހަނދާން ކުރައްވަމުންނެވެ.

''ހުރިހާ ދިވެހިންނަށް ވެސް ޝުކުރިއްޔާ،" ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރުކަމުގެ މަގާމު، ތިން އަހަރާއި ހަތް މަސް ވަންދެން ފުރިހަމަ ކުރެއްވުމަށް ފަހު، ފުރާވަޑައިގަތުމުގެ ކުރިން ޖޮންގް ވިދާޅުވި އެވެ.

އޭގެ ކުރިން އޮންލައިންކޮށް ބޭއްވި އޭނާގެ ވަދާއީ ބައްދަލުވުމެއްގައި ޖޮންގް ވަނީ، ރާއްޖޭގައި އޭނާ ހޭދަ ކުރެއްވި ދުވަސްތަކާ ގުޅޭގޮތުން އަސަރު ގަދަ ވާހަކަތަކެއް ދައްކަވައިފަ އެވެ.

ސަފީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި އޭނާގެ ގިނަ ރަހުމަތްތެރިންތަކެއް މިހާރު އެބަތިއްބެވެ. އާދަކޮށް ގުޅައި، މެސެޖްކޮށް، ޓްވީޓްކުރާ ރައްޓެހިންނެވެ. ބައެއް މީހުންނާ ސީދާ ދިމާ ނުވި ނަމަވެސް އެ މީހުންގެ ހިތްހެޔޮކަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ޖޮންގް ވިދާޅުވި އެވެ.

"ރާއްޖެ ދޫކޮށް މި ދަނީ ހަނދާން ނައްތާނުލެވޭނެ ފަދަ ހަނދާންތަކަކާއެކުގައި،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ޖޮންގް އަކީ ޓްވިޓާގައި އާއްމުންނާ ވެސް ވަރަށް ގުޅުން ބޭއްވި ސަފީރެކެވެ. އާއްމުން ކުރާ ސުވާލުތަކަށް، ކުޑައިރުކޮޅެއްގެ ތެރޭގައި ޖަވާބު ދެއްވި އެވެ.

ވަދާއީ ބައްދަލުވުމުގައި ލިޖޮންގް ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ ވެސް ވަރަށް ރަހުމަތްތެރި ދެ ގައުމު ކަމަށާއި ރަނގަޅު ދެ ޕާޓްނަރުން ކަމަށެވެ. ދެ ގައުމުގެ ސައިޒުގައި ކިތަންމެ ބޮޑު ފަރަގެއް ހުރި ނަމަވެސް، އޮތީ ހަމަހަމަ ގުޅުމެއް ކަމަށް ވިދާޅުވި އެވެ. އަދި މީގެ ކުރިން ދުވަހަކު ނުވާވަރަށް، ދެ ގައުމުގެ ގުޅުން މިހާރު ވަރުގަދަވެފައިވާ ކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަހުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ވަރަށް ފައިދާވި އެވެ. އެ ގުޅުމުގައި މިހާރު "މޫލާފައި"ވާ ކަމަށް ވިދާޅުވި އެވެ.

ސަފީރުކަމުގައި ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެ ދީފައިވާ ޖޮންގް ވިދާޅުވީ އޭނާއަށް އެނގިފައިވާ ގޮތުން އަލްވަދާއު ކިޔުމަކީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ކައިރި މުސްތަގްބަލެއްގައި ރާއްޖެ އަންނަން، އެކަމުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޓްވިޓާގައި ޖޮންގް އެންމެ ބޮޑަށް ބަހުސް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެވެ. ނަޝީދު ވިދާޅުވާ ވާހަކަފުޅުތަކަށް، ވަރަށް ފާޅުގައި ރައްދު ދެއްވަ އެވެ. ނަޝީދު ވެސް އެއަށް ޖަވާބު ދެއްވައި، ބައެއް ފަހަރު ބޮޑު ޒުވާބަކަށް ވެސް ވެފައި ވެ އެވެ.

ރާއްޖެ ދޫކޮށް ދިޔުމުގެ ކުރިން ސަފީރު ވަނީ އޭނާ ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކުގެ ގިނަ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާ ކުރައްވާފަ އެވެ. އަދި ގިނަ ދިވެހިން އަންނަނީ އޭނާއަށް ހެޔޮ ދުއާކުރަމުންނެވެ.